Support Us

ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވައިފި

ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޤައުމީ ދިފާޢީ ބާރުން ކުރައްވަމުންގެންދަވާ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ސަލްޓަން ޕާކަށް މިއަދު މެންދުރު ކުރެއްވި މި ޒިޔާރަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ބެއްލެވުމުގެ ދަށުން ތަރައްޤީ ކުރައްވަމުންގެންދަވާ ސަލްޓަން ޕާކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ޤާއިމުކުރާ އެކިއެކި ވަޞީލަތްތަކުގެ މަޢުލޫމާތު ސާފުކުރައްވައި، ޕާކު ތަރައްޤީ ކުރުމުގައި ޢަމަލީގޮތުން މިހާރު ކުރެވިފައި ހުރި މަސައްކަތްތައް ވަޒަންކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ފާހަގަކުރާ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ "ޢީދު ހަވީރު 1447″ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މިއަދު ހަވީރު ސަލްޓަން ޕާކު ހިމެނޭހެން އެ ސަރަޙައްދުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމަވާފައިވާ އެކިއެކި ހަރަކާތްތަކުގެ މަޢުލޫމާތު އޮޅުންފިލުވާފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، ސަލްޓަން ޕާކު ތެރޭގައި ގާއިމުކޮށްފައިވާ އޯވަރހެޑް އޮބްސްޓެކްލް ކޯރސްގެ އިތުރުން ޝޫޓިންގ ރޭންޖާއި ސަލްޓަން ޕާކް ސަރަހައްދުގައި ގާއިމުކޮށްފައިވާ ސްޓޯލްތައް ތައްޔާރުކުރުމުގެ އެންމެފަހުގެ މަސައްކަތްތައް ބައްލަވާލެއްވިއެވެ.

ޒަމާންތަކަކަށް އަޅާނުލެވި ވީރާނާވަމުންދިޔަ ސަލްޓަން ޕާކު އަލުން ތަރައްޤީ ކުރައްވައި، އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ޤާއިމުކުރާ އެކިއެކި ވަޞީލަތްތަކާއެކު ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާކު އަލުން ހުޅުވާލެއްވުމުގެ ގޮތުން އެ މަސައްކަތް ވަނީ ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރައްވާފައެވެ. ސަލްޓަން ޕާކު އަލުން ތަރައްޤީކުރެވިގެންދާއިރު ސަލްޓަން ޕާކުގެ ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިން މަރުކަޒެއްވެސް ގާއިމުކުރެވިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *