އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުންހެން މިހާރު ސްވައިޕް ބަލައިގަންނާނެ ކަމަށް ބީ.އެމް.އެލް އިން ބުނެފިއެވެ.
ސްވައިޕް އައްޑު އަށް ތައާރަފްކުރުމުގެ ގޮތުން ހިތަދޫ ސްކޫލްގައި ރޭ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރިމެހްމާނަކީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލަޖީ އަލީ އިހްސާނެވެ.
މި ރަސްމިއްޔާގައި މިނިސްޓަރ އަލީ އިހްސާންގެ އިތުރުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވާހަކަފުޅު ދެއްކެވިއެވެ.
ޝަރީފު ވިދާޅުވި ސްވައިޕުގެ ސަބަބުން ކަސްޓަމަރުންނަށް ވަގުތުން ފައިސާ ފޮނުވޭނެ ކަމަށާއި ކޮންމެ ގައުމަކުން ވެސް އެ މީހުންގެ މަލްޓި ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަނެވޭނެ ކަމަށެވެ.
"ދުނިޔޭ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ. ބީއެމްއެލްގެ އެކައުންޓުތަކަށް ފައިސާ ފޮނުވައި އަދި ފައިސާ ނެގޭނެ. ސްވައިޕް މެދުވެރިކޮށް ކަސްޓަމަރުން ފައިސާ ދެއްކުމުން ވަގުތުން އެ ވިޔަފާރިއަކަށް ފައިސާ ޖަމާވާނެ. މާނައަކީ އެއީ ބަންދު ދުވަހެއް ކަމަށް ވިޔަސް ސްވައިޕް މެދުވެރިކޮށް ތަނަކަށް ފައިސާ ދައްކައިފި ނަމަ އެ ފައިސާއެއް ވަގުތުން ޖަމާވާނެ،" ޝަރީފު ވިދާޅުވިއެވެ.
ސްވައިޕަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ރަސްމީ ވޮލެޓެވެ. ރާއްޖެ އަންނަ ޓޫރިސްޓުން އެހެން ވޮލެޓުތަކާއި ކްރެޑިޓް ކާޑުން ފައިސާ ދައްކާއިރު މިހާރު 2.5 ޕަސެންޓަށް ވުރެ މަތިން ކޮމިޝަން ނެގި ނަމަވެސް ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ނަގާނީ އެންމެ ޕަސެންޓެވެ.
ޕޭޕަލް، ވައިސް ފަދަ ދުނިޔޭގެ އެހެން ވޮލެޓުތައް މެދުވެރިކޮށް ރާއްޖޭގެ ކަންކަމަށް ފައިސާ ދައްކާއިރު ޗާޖުތަކެއް ނަގައެވެ. ބައެއް ފަހަރު 100 ޑޮލަރަށް ޗާޖުގެ ގޮތުގައި 15 ޑޮލަރު ނަގައެވެ. އެކަމަކު ސްވައިޕް މެދުވެރިކޮށް ޕާސަނަލް ވޮލެޓަށް ރާއްޖެ އިން ބޭރުން ގެންނަ ފައިސާ އަށް އެއްވެސް ފީއެއް ނުނަގާނެއެވެ.
ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ގައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށް ވެސް ސްވައިޕް އެހީތެރިވާނެއެވެ.
މި ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެކެވެ. އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ސްވައިޕަކީ…
- ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓް
- ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެއް
- ވިޔަފާރިތަކުން ނަގާނީ އެންމެ 1 ޕަސެންޓް ފީއެއް
- ސްވައިޕްގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަ ވެގެންދާނެ. ކޮންމެ ކާޑަކުން ވެސް ސްވައިޕަށް ފައިސާ ޖަމާކުރެވޭނެ
- މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް.
- ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ. އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ.
މި ވޮލެޓުގެ މައިގަނޑު ފީޗަރތަކުގެ ތެރޭގައި
- ޕަރސަން-ޓުޕަރސަން ޓްރާންސްފަރތަކާއި ކިއުއާރް ޕޭމަންޓް އަދި އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސް ހިސާބުތައް އަމިއްލައަށް ބަލާލެވޭނެ ގޮތާއި، ޕޭމަންޓް ލިންކް ޝެއާކޮށް، ފަސޭހައިން ޓޮޕް އަޕްކޮށް ފައިސާ ނެގުން ފަދަ ޚިދުމަތްތައް ހިމެނޭ



advertisment

