Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މިއީ ތިރީހުގެ ރޯދަމަހެކެވެ.

މި ރޯދަމަހަކީ، 30 ހަމަވާ ރޯދަމަހެކެވެ. ސަބަބަކީ، މި ރޯދަމަހުގެ 29ވަނަ ދުވަހާ ދިމާވާ، 18 މާރިޗުގައި، އިސްލާމީ ގައުމުތަކުންކުރެ އެންމެ ހުޅަނގަށް އޮންނަ ރަށްކަމަށްވާ ސެނަގޯލްގެ ޑަކާރަށް ހަނދު އޮއްސޭނީ އިރު އޮއްސޭ ވަގުތަށްވުރެ 19 މިނެޓް ކުރިންކަން ފަލަކީ ހިސާބުން އެނގޭން އޮންނާތީއެވެ. އެހެންކަމަށްވާތީ އޭގެ އިރުމަތީގައި އޮންނަ އެއްވެސް ރަށަކަށް އެދުވަހު އިރަށްވުރެ ހަނދު އޮއްސުން ފަސްނުވާނޭ ފަލަކީ އެއްވެސް ހަމައެއް އަދި އަސާސެއްވެސް ނޯންނާތީއެވެ.

އަދި ސެނަގޯލުގެ ޑަކާރަށް އެދުވަހު އިރު އޮއްސޭ ވަގުތަކީވެސް އެއްއުއިވުމުގެ ކުރީގެ ވަގުތެއް ކަމަށްވެސްވާތީ، އެއްއުއިވުމުގެ ކުރީގައި އިރަށް ވުރެން ހަނދު އޮއްސުން ފަސްވާނޭ އެއްވެސް ހަމައެއްވެސް ފަލަކީގޮތުން ނޯންނާތީއެވެ.

ޝައްވާލު މަހުގެ ހަނދު އުފަންވާ ވަގުތަކީވެސް، މި މާރިޗުގެ 18ވަނަ ދުވަހުގެ ރޭގެ މެންދަމުފަހު ޖީއެމްޓީއިން 01:23 ކަން، ފަލަކީ ގޮތުން އެނގޭން އޮވެއެވެ. މާލޭގެ ނިސްބަތުން ބަލާނަމަ އެ ވަގުތު ދިމާވާނީ މާރިޗު 19ވަނަ ދުވަހު ހެނދުނު މާލޭގަޑިން 06:23 އެެވެ.

ފަލަކީގޮތުން ބަލާއިރު އެއްއުއިވުމަށްޓަކައި އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ ޙޫތު ބުރުޖުގެ ފަސްބަދުރުވަ ނަކަތުގެ 08 ދަރަޖަ 34 ދަގީގުގައި އެއްއުއިވާނީވެސް، މާރިޗު 19ވަނަ ދުވަހު ހެނދުނު މާލޭގަޑިން 06:23 އެވެ.

އަދި އެއްއުއިވީނަމަވެސް، އިރާއި ހަނދު ދުނިޔެއާ ހުންނަ ދުރުމިނުގެ ނިސްބަތުން، އިރާއި ހަނދު ދުނިޔެއަށް ފެންނާން ހުންނާނޭ ސައިޒު ވަޒަންކުރާ ހަމައިން ބަލާއިރު، އެވަގުތު ހަނދުގެ ސައިޒު އިރަށްވުރެ 0.1 ދަގީގު ކުޑަކަމަށްވާތީ، ހަނދު އުފަންވާ ވަގުތަކަށްވާނީ، އެއްއުއިވާ ވަގުގެ އެއްމިނިޓް ފަހުންނެވެ. އެއީ، މާލޭގަޑިން އެދުވަހުގެ ހެނދުނު 06:24 އެވެ.

އެހެންކަމަށްވާތީ، މި ރޯދަމަހުގެ 29ވަނަ ދުވަހު (މާރިޗުމަހުގެ 18ވަނަ ދުވަހު) ޑޭޓްލައިނުގެ ހުޅަނގުގައި 174 ދަރަޖަ އިރުމަތީ ޠޫލާއި 00.63 ދަރަޖަ އުތުރު ޢަރުޟު ގުޅޭ ތާނގައި އޮންނަ ކިރިބަތީގެ ނޮނޯޝީ އާއި، 17 ދަރަޖަ ހުޅަނގު ޠޫލާއި 14 ދަރަޖަ އުތުރުގައި ޢަރުޟު ގުޅޭ ތާނގައި އޮންނަ ސެނަގޯލްގެ ޑަކާރާ ދެމެދުގައި ހިމެނޭ ހުރިހައި ރަށަކަށް މާރިޗް މަހުގެ 18ވަނަ ދުވަހު އިރު އޮއްސޭ ވަގުތަށްވުރެ ކުރީގައި ހަނދު އޮއްސޭނޭ ކަމަށްވާތީ، މާރިޗު މަހުގެ 19ވަނަ ދުވަސް ވެގެންދާނީ މި ރޯދަމަހުގެ 30ވަނަ ދުވަހަށެވެ.

އެ ސަބަބަށްޓަކައި ފިޠްރުޢީދު ދުވަހަށް ވާނީ މާރިޗު މަހުގެ 20ވަނަ ދުވަހާ ދިމާވާ ހުކުރު ދުވަސްކަމަށް ވާނޭކަމީ އެކަމާމެދު ކުޑަވެސް ޝައްކުކަމެއް އޮތްކަމެއް ނޫނެވެ.