Support Us

ކޮލަމް ކަލާވެހި: ކަފިހިހުރަހަކީ…

(ނޯޓު: މިއީ ސީރިޔަސްކަމުގެ ޖަޒީރާޔެއްގެ ގެނބުރުން ދާންކަމަށް އުޅެ، އަޅުގަނޑުމެންގެ އޮޑީގައި ތިބި ދެރަވަރުގެ ކަތުން ހައްދަވައިގެން ކުރި ކަމަކާނުލައި، ކުރިމަތީން އަރައިގެން އައި ދުންފުހުގެ ބޯ ވިލާގަނޑެއްގެ ތެރެޔަށް އޮޑިޔަށް ވަދެވުނީމައި، ފެންފިލާގަނޑު މަތީގައި ބަލިބުރުކައިފައި އިން ޢަޖޫޒަކަށް ލިޔެވުނު އެއްޗެއްކަމަށް ބައްލަވައިގެން… ކުރިޔަށްވަޑައިގަންނަވާށެވެ!)

އަސްތާ ކަފިހިހުރަހަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ޒަމާނަށް ފެތޭ ގޮތަށް މަގުތައް ހަދައި، ގައު، ނުވަތަ ގުންގުރޭޓު، ނުވަތަ ތާރުން މަތީ ފަށަލަ އަޅައި، އެ ފަށަލައިގައި އެކި ބާވަތްބާވަތުގެ ފާހަގަތައް އެކި ކުލައިގެ ދަވާދުން ކުރަހައި، އެ ފާހަގަތަކަކީ ކޮބައިކަން ރައްޔިތު އެންމެނަށް އަންގާން ކުރެވުނު މަސައްކަތުގެ ތެރެއިން އެ ފާހަގަތަކަށް ނަންކިޔުމުގެ ރަސްމިއްޔާތުތަކުގެ ތެރެއިން ވެސް ހުވަނދުބުލިބުއްޔާ ހަމަ، ހަމަ އެހައިމެ މުނާސަބު އެއްޗެކެވެ. އެހެނީ، ދުނިޔޭގެ ގިނަ ޤައުމުތަކުގައި މި ޒާތުގެ ހުރަސްތަކަށް ނަން ދީފައި އެ ހުރީ ގަޅިކެނޑިހިމާރަކަށް ނިސްބަތްކޮށްތޯ، ނުވަތަ ގަޅިކެނޑިއަހަކަށް ނިސްބަތްކޮށްތޯ… އެކަމަކު އެއީ އިނގިރޭސިބަހުގެ ކޮންމެ ލަފުޒަކަށް ދިވެހިބަހުގެ ލަފުޒެއް އޮންނާންވާނޭ ކަމަށް ވަކާލާތުކުރައްވާ އެދުރުންނާ އެ ނޫން އާދައިގެ ކެނައިންނާ ދެމެދު ބާއްވާން ޖެހޭ ބަޙުޘެއްކަމަށް ބަލައިފައި، އެ ވާހަކަ ދޫކޮށްލަމާ ދެއްތޯއެވެ!

ދެން ފަހެ، ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކަފިހިހުރަސް ބޭނުންކުރުމާ ބެހޭ ޤަވާޢިދުތައް ވަރަށް ސާފުކޮށް ލިޔެވިފައި ހުރެއެވެ. އަދި އެ ޤައުމުތަކުގައި ތަފާތު އެކި ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމުގެ މަސްއޫލިއްޔަތު ބޮލަރުވައިގެން އެ ތިބޭ ރަސްމީ ވަޒީފާވެރީންނާއި ޚަބަރު ފަތުރާ ގުނަންތަކުގެ މުވައްޡަފުން ކުރާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތަކީ މަގުމަތީގެ ހަމަތަކަށް ކަމޭހިތައިގެން މަގުތަކުގެ ބޭނުންހިފުމުގައި އެންމެނަށްމެ ހުރި ފަސޭހަކަމާއި ރައްކައުތެރިކަން އެންމެނަށް މެ މަތިމައްޗަށް ހަނދާންކޮށްދިނުމެވެ. ތަފާތު އެކި ވައްތަރުގެ ކުދިބޮޑު އެއްޗިހި ދުއްވާ މީހުންނާއި ފައިމަގުގައި އުޅޭ މީހުން މަގުތައް މަތީގައި އުޅޭންވީ ގޮތުގެ މަޢުލޫމާތު ދިނުމެވެ. އަދި ހަމަ އެހެންމެ، މަގުތަކާއި މަގުތަކުގެ ބޭނުންކުރުމާ ބެހޭގޮތުން އެތަންތަނުގައި ހެދިފައި އެ ހުންނަ ޤާނޫނުތަކާއި ޤަވާޢިދުތައް ނަގަހައްޓައި، ތަންފީޒުކޮށް ހެދުމުގެ މަސްއޫލިއްޔަތު އަދާކުރާން ލައިފައި ތިބޭ މީހުން ވެސް އެ މީހުންގެ ވަޒީފާ އަދާކުރުމުގައި އެއް ބަޔަކު އަނެއް ބަޔަކާ ތަފާތުނުކޮށް، ހިނގާންވީ ޞައްޙަ މަގުން އެ ހިނގަނީ، މަގުތަކުގެ އަމާންކަމަކީ އެންމެންގެ އަމާންކަމަށް މަގުފަހިކޮށްދޭ ކަމަކަށް ވާތީ ނޫންތޯއެވެ!

ކަން އެހެން އަދި އޮތް ނަމަވެސް، އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގައި ކަފިހިހުރަސް ބޭނުންކުރުމުގެ މުޅީން ތަފާތު އުސްލޫބެއް ބައެއް މީހުން ގެންގުޅޭހެން އަޅުގަނޑަށް ހަމަ ހީވާތީ، އެ މަގުން އަޅުގަނޑަށް ފެނިފައި ހުރި ބައެއް ކަންކަމަށް ވަރަށް ވިސްނައިގެން، މި ދެންނެވި އުސްލޫބުގެ ބައެއް ހަމަތަކަށް ބަލައިލުމުގެ ދެތިން ޕެރެގުރާފެއް މިތާނގައި ލިޔެލާންކަމަށެވެ! ތިޔަ ބޭފުޅުން އެކަމަށް ހުއްދަ ދެއްވާނަމު، ދެއްތޯއެވެ!

އެންމެ ފުރަތަމަ، ދުއްވާ އެއްޗިއްސަށް ޚާއްޞަ ދެތިން ކަމެއް ފާހަކޮށްލާނަމެވެ. އެންމެ ފުރަތަމަ ފާހަގަކޮށްލާނީ، ދުއްވާ އެއްވެސް އެއްޗެއް މަގުގެ އެއް އަރިމަތީގައި، އަދި ހަމަ ވަރަށް ވިސްނައިގެން ކަފިހިހުރަސްމަތީގައި މަޑުކޮށްލުމުގައި ބައެއް މީހުން ގެންގުޅޭ ހަމައެއްގެ ވާހަކައެވެ. ތަންކޮޅެއް އަވަހަށް ތާކަށް ދާންޖެހިގެން މަގުމަތީން ކާރެއް ހުއްޓުވައިގެން އެޔަށް އަރާ މީހުންނަށް ލަސްވެދާނޭތީ ކަފިހުރަސްމައްޗަށް ކާރު މަޑުކޮށްލައިގެން ފަސިންޖަރުން އެރުވުމެވެ. މިއީ އަޅުގަނޑުމެން އެންމެން ވެސް 'އަންޑަސްޓޭންޑު' ވާން ޖެހޭ ކަމަކާއި އެ ކަމާއި ގުޅިފައިވާ ޢުޛުރެއްނޫންތޯއެވެ؟ ބަޔަކު ތާކަށް ގަޑިޖެހެނީއެވެ. ދެން އެހެންވީމައި، އެ ނޫން އެހެން މީހުން ކަފިހިހުރަހަށް އަރާނޭ ގޮތެއް ނެތިގެން އެގޮތްމިގޮތަށް ނޫޅެ، މަގުގެ ކޮންމެވެސް އެހެން ތާކުން ހުރަސްކޮށްލާނީއެވެ.

ދެން އަޅުގަނޑު ފާހަގަކޮށްލާނީ، މުދާ ހިފައިގެން އަންނަ ލޯރިން މުދާ ހުސްކޮށް، ލޯރިޔަށް މުދާއަރުވައިހަދާން ގުދަނުގެ އެތެރެޔަށް ލޯރި ވެއްދުން ޤަވާޢިދަކުން ލާޒިމުކޮށްފައި އޮތަސް، ގުދަނުގައި ގަރާޖުދޮރުލައި، ގުދަނުގެ ކުރިމަތީން ދުވާރުގެ އަރިމަތި ވަށްކޮށް، ގުދަނުގެ ކުރިމަތީގައި އެއްޗިހި ޕާކުނުކުރެވޭ ގޮތަށް ރީނދޫ ދެ ރޮނގުދަމައިގެން އެ ޤަވާޢިދު ތަންފީޒުކުރުމަށް މަގުފަހިކޮށްދީފައި އޮތަސް، ގުދަނުގެ ކުރިމަތީގައި މަގުމަތީގައި ލޯރި ބާއްވައިގެން މުދާ އަރުވައި ބޭލުމުގެ ޙަރަކާތް ވަރަށް މުރާލިކަމާއެކު ކުރިޔަށްދާތީ، ގުދަނަށް ދެން އައި ލޯރި ކަފިހިހުރަސް މަތީގައި ބައިގަޑިއެއްހައި އިރު އިންތިޒާރީގައި އެ އޮންނަ އޮތުމެވެ. މިއީ ވެސް މުދަލުގެ އަގާއި، ވަގުތުގެ އަގާއި، ވިޔަފާރީގެ މުހިންމުކަމާއި، ވިޔަފާރިވެރީންގެ އާރާއި ބާރު ރަނގަޅަށް އެނގޭ، އެހެން މީހުން އެކަމާ އެއްޗެއް ބުނުމަށް ވުރެ ނުބުނުމުގައި މަޞްލަޙަތު އޮންނަ ކަމެކެވެ. އެހެން މީހުންނަށް އޮތް ގޮތަކީ އެ ވަރު ދަނެގެން ކޮންމެވެސް އެހެން ތާކުން މަގު ހުރަސްކޮށްލުމެވެ. އެހެން ހެދީމައި އެންމެން ވެސް ތިބޭނީ ހިތްހަމަޖެހިގެން، އަޅެ އެހެންނޫންތޯއެވެ! ދަރިފުޅު ބަލައި ކުއްލިޔަކަށް ގެޔަށް ވަދެލާން، މުހިންމު ކަމަކު ރައްޓެއްސަކު ހޯދައިލާން ފުލެޓަކަށް އަރައިލާން، ދުންފަތުއަނދިރި ކަނޑުވައިލާން ސިނގިރޭޓެއް ގަނެލާން ފިހާރަޔަށް ވަދެލައިފައި ނިކުންނާން، ނުވަތަ މި ފަދަ 'އާޖެންޓު' އެތައް ކަމަކަށް ކަފިހިހުރަސްމަތީ ވިއްސަކަށް މިނެޓަށް ބަހައްޓައިލާ އަގުބޮޑު މޮޅު ސައިކަލަށް ވެސް އެ ހަމަ އޮންނާނެ، އަޅެ އެހެން ނޫންތޯއެވެ!

ދެން އޮތީ ކަފިހުރަސް މަތީން މީހުން ހުރަސްކުރާއިރު ދުއްވާ އެއްޗިހި މަޑުކޮށްލުމުގެ ވާހަކައެވެ. މިއީ އަދި މާ ފަސޭހަ ކަމެކެވެ. އެހެނީ، ކަފިހިހުރަސް މަތީން މަގު ހުރަސްކުރާ މީހެއްގެ ގައިގައި ދުއްވާ އެތީން ނުޖެހެންޏާ، ނުބީހެންޏާ ކަނޑާހަމަ، އެހެންނޫންތޯއެވެ! ފަނިހަންޖެއްގެ ވަށައިގެން ކުދިމުށިމަސް އައިނެއް ތަންހަދައިގެން ދާހެން، ފައިމަގުގައި މަގު ހުރަސްކުރާ މީހާގެ ވަށައިގެން ސައިކަލު އައިނެއް ނުވަތަ ދެތިން ކާރާއި ޕިކަޕެއް ބޫންކަނޑައިފައި ދިޔައިމައި ގެއްލުންވާނެ މީހަކު ނެތެއް ނޫންތޯއެވެ! އަދި މިކަމުން ދަސްކޮށްގެން ނަމަވެސް، ކަފިހިހުރަސް ނެތްތަނެކޭ އޮތްތަނެކޭ ތަފާތެއް ނެތާ ކިޔައިފައި، ޖެހުނު ތާކުން މަގު ހުރަސްކުރުން އާދަކޮށްފި މީހާޔަށް ވެސް މިކަމުގެ ހައްސަ ފައިދާ، އެހެންނޫންތޯއެވެ!

ދެން އޮތީ އެންމެ ފަހުގެ ވާހަކައެވެ. އެއީ ކަފިހިހުރަހުގެ އަސްލު ބޭނުމުގެ ވާހަކައެވެ. އެއީ، ފައިމަގުގައި މަގު ހުރަސްކުރާ މީހެއްގެ ގައިގައި ދުއްވާ އެއްޗަކުން ޖެހިއްޖެ ނަމަ، އެއިން ހިސާބެއްގައި ކަފިހިހުރަހެއް އޮތް ނަމަ، އެ މީހާޔަށް ލިބޭ ރައްކާތެރިކަމުގެ ވާހަކައެވެ. އެއީ، ތިމާ ގައިގައި ދުއްވާއެއްޗަކުން ޖެހޭ ދަނޑިވަޅުގައި، ތިމާގެ އަތެއް، ފަޔެއް، ތިމާގެ ފޭރާމުން ބައެއް، ކަރުގައި އަޅައިގެން ހުރި ދަބަހުން އެއް ބައި ނަމަވެސް، ކަފިހިހުރަހަށް ހަމަ ކިރިޔާ ވެސް އަރައިފައި އޮތް ނަމަ، ކުށްވެރިވާނީ ދުއްވާއެތީގައި އިން ޑުރައިވަރުކަން އެނގި ކަށަވަރުވުމުގެ ރައްކާތެރިކަމެވެ. ކިތަންމެ ބޮޑަކަށް ހާނީއްކަވިޔަސް، އަދި ދެރަ އެހެން ގޮތެއް ދިމާވިޔަސް، އެ ކަމުގެ މަސްއޫލިއްޔަތު އުފުލާން ޖެހޭނީ ޑުރައިވަރުކަން އެނގުމުގެ ކަށަވަރުކަމެވެ. އެހެންކަމާއެކު، ކަފިހިހުރަސް މަތީން، ނުވަތަ އެ ފަދަ ކުރެހުމަކާ ގާތުން މަގެއް ހުރަސްކުރާން ގިނަގިނައިން ޖެހޭ މީހާ ބައިބަލާކުޅޭން ދަސްކުރުން ވެސް އެއީ މުހިންމު ކަމެއްކަމަށް ވަނީ މިހެންވެޔޭ ބައެއް މީހުން ބުނެއުޅޭ ވެސް މެއެވެ. އަޅެ އަނެއްކާ އެހެންނެއް ނޫންތޯއެވެ!

ކޮންމެއަކަސް، ކަފިހިހުރަހަކީ… ގަޅިކެނޑި އެއްޗެއް އެހެންނޫންތޯއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
23

One Response

  1. މޮޅު ލިޔުމެއް. ވަރަށް ގިނަ ސީރިޔަސް ވާހަކަ އެކަމަކު އެހެން ގޮތަކަށް. ގަޅިކެނޑިހިމާރު!!! ލޮލް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *