ކުރިޔަށް އޮތް 20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން މިއަދު ސޮއިކޮށްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި ޕީއެންސީގެ ފަރާތުން މިރޭ ބޭއްވި "ދަ ގްރޭޓަރ އައްޑޫ" ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަކީ އެތައް ސަރުކާރެއް ފާއިތުވެގެންދިޔައިރުވެސް ހައްލުނުކުރެވި އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އައްޑޫގައި 26 މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމު އިރާދަކުރެއްވިއްޔާ ގާއިމުކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށްދާއިރު، މި މަޝްރޫޢު މުޅިން ނިމި، ކުރިޔަށް އޮތް 20 އަހަރު ދުވަހަށް އިރާދަކުރެއްވިއްޔާ މިކަމުގެ ސަބަބުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްޤީއަށް އައްޑޫސިޓީއަށް ސަރުކާރުން ކުރައްވާ ތަސައްވުރު ހާމަކޮށްދެއްވައި، އެ ސިޓީގެ ކުރިއެރުމަށް ސަރުކާރުން ފައްޓަވާފައިވާ އެކިއެކި މަސައްކަތްތަކުގެ މަޢުލޫމާތުވެސް ރޭގެ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ. އެގޮތުން ޤައުމުގެ އިގުތިސޯދުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި އެކުއެކީގައި، އަންނަ މަހުގެ އަށް ވަނަ ދުވަހު ސުކޫކު ދެއްކުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ކާމިޔާބު ކުރެއްވުމާއިއެކު، ދެންވެސް ހުރި އެތެރެއާއި ބޭރުގެ ދަރަނިތައް ދެއްކުމުގެ ކަންކަން ކުރުމާއި ޤައުމުގެ އިގުތިސޯދު ވަރުގަދަކުރުމަށް ކުރަންހުރި ކަންކަން ތަރުތީބު ކުރައްވައި، ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ މި ތަރުތީބުގެ ތެރެއިން މަސައްކަތް ކުރައްވައިގެން، މިއަދުގެ ހަވީރުގެ ވަގުތެއްގައި އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށްޓަކައި އެކަމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މަޝްރޫޢު ފަދަ އެތައް މަޝްރޫޢެއް އައްޑޫ ސިޓީގައި ފެށިގެން ކުރިއަށްދާކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރުވެސް ސޮއިކުރެވިފައިވާ 48 މަޝްރޫޢެއް މުޅި އައްޑޫ ސިޓީގެ އެކި ރަށްރަށުގައި އެކިއެކި މަރުހަލާގައި ފެށިގެން ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ. އަދި މިއަހަރުގެ ބަޖެޓުގައި އިތުރަށް 18 މަޝްރޫޢެއް، ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ތެރޭގައި އައްޑޫ ސިޓީއަށް ހިމެނިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން، އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް އައްޑޫ ސިޓީގެ ހުރިހާ މަގެއް ހެދުމަށްޓަކައި ބޭނުންވާ އިކުއިޕްމަންޓާއި މެޝިނަރީއާއި އަދި ހޯދަންޖެހޭ މަސައްކަތު މީހުން ހޯދުންފަދަ އެންމެހާ ކަމެއް ތަރުތީބުވެގެން ބާރަށް ކުރިއަށްދާކަންވެސް ފާހަގަކުރެއްވިއެވެ.



advertisment