Support Us

ފެނަކަގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު

ކޮރަޕްޝަނެއް ނޯންނާނެ، އޭ.ސީ.ސީއަށް މައްސަލަ ހުށަހެޅީތީ އުފާކުރަން: ފެނަކަ ސައީދު

ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށާއި ބޮޑެތި ތުހުމަތުތަކެއްކޮށް އެމައްސަލަތައް ބަލައިދޭން އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާތީ އެކަމާ އުފާކުރާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް 27 މައްސަލައެއް ބަލައިދިނުމަށް އެދި އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅުމާ ގުޅިގެން "އަދިވެސް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ސައީދު ވިދާޅުވީ އެފަދަ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅާފައި ވީނަމަވެސް ކޮރަޕްޝަންގެ އެއްވެސް އަމަލެއް އޭނާ ހިންގާފައިނުވާނެ ކަމަށާއި އޭސީސީން އެމައްސަލަތައް ބެލުމުން އެކަން ސަފުވެގެންދާނެ ކަމަށެވެ. އަދި މިކަމަކީ އަމިއްލަ ބޭނުން ތަކެއް ފެނަކައިގެ ތެރެެއިން ހާސިލްނުވީމަ ކޮށްފައިވާ ތުހުމަތުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ކޮރަޕްޝަންގެ އެއްވެސް އަަމަލެއް ހިންގާފައެއް ނޯންނާނެ. ނަމަވެސް އެފަދަ މައްސަލަތަކެއް ހުށަހެޅީތީ އުފާކުރަން. ކޮންމެ ފަރާތަކުން މި މައްސަލަތައް ހުށަހެޅި ނަމަވެސް މިއީ ފެނަކައިގެ ތެރެއިން ބޭނުން ގޮތަކަށް ކަންކަން ނުވީމަ ކޮށްފައިވާ ތުހުމަތުތަކެއް. ކޮންމެ ތުހުމަތަކީ ސާބިތު ކުރެވޭނެ ކަމެއް ވެސް ނޫން. އޭސީސީން އެކަން އެނގިގެންދާނެ. މިހާރަކު މި ކުންފުނީގައި އެއްވެސް ފަރާތަކަށް ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާކަށް ފުރުސަތެއް ނިލިބޭނެ،" ފެނަކައިގެ އެމްޑީ ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެމައްސަލަ އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލަތައް ތަހުގީގު ކުރުމާ މެދު ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންއާއި ހިޔާނާތު 238 މައްސަލައެއް އޭސީސީއަށް ހުށަހެޅިފައިވާއިރު އޭގެތެރެއިން 52 މައްސަލައަކީ ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *