1. ދީނީ އަޤީދާ ވަރުގަދަކޮށް، ދީނީ އަޅުކަންތައް އަދާކޮށް، ދީނީ ތައިލީމުތަކަށް ހުރުމަތްތެރިކޮށް ހިތައި ދީންވެރިވުމުގެ އަމާޒަކަށް ވާންޖެހޭނީ އަމިއްލަ ނަފްސު ކޮންޓްރޯލުކޮށް އިސްލާހުކުރުމެވެ. އެހެން މީހުންގެ މައްޗަށް މޮޅުވެގަނެ، އެހެން މީހުން ކޮންޓުރޯލު ކުރަން މަސައްކަތްކުރުމެއް ނޫނެވެ.
2. ކަލޭގެ ބޭރުފުށުގެ ސޫރައާ މެދު ފަޚުރުވެރިނުވާށެވެ. އެހެނީ އެ ސޫރަ އުފެއްދީ ކަލޭ ކަމަށް ނުވާތީއެވެ. އަދި ކަލޭގެ ނަސަބާ މެދު ވެސް ފަޚުރުވެރިނުވާށެވެ. އެހެނީ އެއީ ކަލޭގެ އަމިއްލަ އިޚްތިޔާރުގެ ދަށުގައި އޮތް ކަމެއް ނޫނެވެ. ނަމަވެސް، ކަލޭގެ ރިވެތި އަޚްލާގާ މެދު އުފާކޮށް ފަޚުރުވެރިވެ، އެކަމަށްޓަކައި މާތްﷲއަށް ޝުކުރުވެރިވާށެވެ. އެހެނީ އެއީ ކަލޭގެ އަމިއްލަ މަސައްކަތުން ކަލޭ ލިބިގަތް ކަމެކެވެ.
3. އުއްމަތެއްގެ ވާހަކަދައްކާ ބަސް މަރުވެއްޖެ ނަމަ، އެ އުއްމަތަކަށް ދިރިއެއް ނޯވެވޭނެއެވެ. ދިރިހުރި އުއްމަތެއްގެ ބަސް މަރެއް ނުވާނެއެވެ! އެހެންވީމާ، ތިމާމެންގެ އުއްމަތަށް، ގައުމަށް، ދިރުން ގެންނަން ބޭނުން ނަމަ، ތިމާމެންގެ އުއްމަތުގެ ބަސް ދިރުވާށެވެ. ބަސް ދިރުވޭނީ އުއްމަތުގެ މާދަރީ ބަހުން ވާހަކަދައްކައި، ލިޔެކިޔުން އިތުރުކޮށްގެންނެވެ. ތަބީއީ ގޮތުން އާ ބަސްބަސް އުފެދެނީ ބަހުގެ ލިޔުންތެރިކަމުގެ ތެރެއިންނެވެ. މަސްނުއީ ގޮތެއްގައި ބަހަކަށް ބަހެއް އުފައްދައިގެންނެއް ނޫނެވެ. އުފެދޭ ބަސްތައް ވައިގައި ހިފައި އެބަސްތަކަށް ދިރުން ލިބެނީ ކިޔުން އިތުރުވެގެންނެވެ. މިފަދައިން ލިޔުމާއި ކިޔުން އިތުރުވާ ނަމަ، ބަހަށް ދިރުން ލިބޭނެއެވެ. ބަހަށް ދިރުން ލިބުމުން އުއްމަތަށް ވެސް ދިރުން ލިބޭނެއެވެ.
4. ކޮންމެ ދުވަހަކީ ހުރިހާ ކަމެއް ރަނގަޅަށް ދާނޭ ދުވަހެއް ނޫނެވެ. އެހެން ވިޔަސް، ދިރިއުޅުމުގެ މަސައްކަތައިގެން ކުރިއަށް ދާށެވެ! ކޮންމެ މީހަކީ އަބަދު ތެދު ބުނާނޭ މީހެއް ނޫނެވެ. އެހެން ވިޔަސް، އަބަދުވެސް، ތެދު ބުނުމުގައި ދެމިހުރެ ތެދުވެރިވާށެވެ! ކަލޭ އެ މީހުން ދެކެ ލޯބިވާ އެންމެން ކަލޭ ދެކެ ލޯތްބެއް ނުވާނެއެވެ. އެހެން ވިޔަސް، ނަފުރަތު ނުކޮށް މީހުން ދެކެ ލޯބިވުމުގައި ދެމިހުންނާށެވެ! ހުރިހާ މުއާމަލާތަކީ އަދުލުވެރި މުއާމަލާތަކަށް ނުވެ ހިނގައިދާނެއެވެ.
އެހެން ވިޔަސް، އަދުލުވެރިކަމާއެކު ކަލޭ މުއާމަލާތްކުރުމުގައި ދެމިހުންނާށެވެ!
5. އެ ރަށެއްގެ އަހުލުވެރިންނަކީ ފޮތް ކިޔަން އާދަވެފައި ނުވާ ބައެއް ނަމަ، ގުއިވަޅު މެހީގެ ބައިގަނޑަށް އެ ރަށުގެ މީހުންނަށް މަގުދައްކައި، ގޮތް ކިޔާ ހަދާ، އިމާމުވެރި ބޭކަލުންނަށް ވުމުގެ މަގުފަހިވެފައި އޮވެއެވެ!
6. ހިކުމަތްތެރި އަދީބަކު ވިދާޅުވެފައިވެއެވެ. ލަފާ ނުލަފާ ކަމުގެ މައްޗަށް ބަލާއިރު ހަތަރު ވައްތަރެއްގެ މީހުން އުޅެއެވެ. އެންމެ ފުރަތަމައީ ނުލަފާ ބައެއްގެ ތެރޭގައި އުޅޭ ލަފާ މީހާއެވެ. ދެވަނައީ ލަފާ ބައެއްގެ ތެރޭގައި އުޅޭ ނުލަފާ މީހާއެވެ. މި ދެވައްތަރުގެ މީހުންގެ ހަގީގަތް އެ އޮތީ ސާފުކޮށް ފެންނާށެވެ. ފުރަތަމަ ބައިގައި އެވާ ލަފާ މީހަކީ ހަގީގަތުގައި ވެސް ލަފާ މީހެކެވެ. ހަމަ އެހެންމެ ދެވަނަ ބައިގައި ހިމެނޭ މީހަކީ ހަގީގަތުގައި ވެސް ނުލަފާ މީހެކެވެ. މި ދެމީހުންގެ ގޮތް ބަދަލު ވުން ދުރެވެ. ތިންވަނައީ ލަފާ މީހުންގެ ތެރޭގައި އުޅޭ ލަފާ މީހާއެވެ. ހަތަރުވަނީ ނުލަފާ މީހުންގެ ތެރޭގައި އުޅޭ ނުލަފާ މީހާއެވެ. މި ދެބައި މީހުންގެ ހަގީގަތެއް އަދި ނޭނގެއެވެ. އެހެނީ ލަފާ މީހުންގެ ތެރޭގައި އުޅޭ ލަފާ މީހާ، ނުލަފާ ބައެއްގެ ތެރޭގައި އުޅެފި ނަމަ، އޭނާ ނުލަފާ މީހަކަށް ވެދާނެތީއެވެ. ހަމަ އެހެންމެ، ނުލަފާ މީހުންގެ ތެރޭގައި އުޅޭ ނުލަފާ މީހާ ލަފާ މީހުންގެ ތެރޭ އުޅެފި ނަމަ ލަފާ މީހަކަށް ވެދާނެތީއެވެ.
