ތިރީގައި އެވާ ޅެމުގެ މިހުވަރީ ވާހަކައަކީ ދުނިޔޭގެ ހަގީގަތެވެ. ދުނިޔެއަކީ ވަގުތީ ތަނެއްކަމާއި ކޮންމެ ދުވަހަކުމެ ކޮންމެ މީހަކު ވެސް އޭނަގެ ނިމުމާ ހަމައަށް ދިޔުމުގެ ދަތުރުކުރަމުންދާ ކަމުގެ ވާހަކައެވެ. އެ ދަތުރުގެ ކުރުކަން މަރު އައިސް ޖަހައިގަނެގެންދާ މީހުން ފެނުމުން އެނގި ހާމަވެގެންދެއެވެ. އެހެންވެ، ދުނިޔެއިން ލިބިގަންނަ ކޮންމެ އެއްޗަކީ ވެސް އާޚިރަތުގެ ދާއިމީ ގޯތީގައި ފައިދާކުރާނޭ އެއްޗަކަށް ހަދާލަން ޖެހެއެވެ. އާޚިރަތުގައި ސުވަރުގޭގެ ނިއުމަތް ލިބިގަތުމުގެ އުއްމީދުގައެވެ.
سوف يفني بعد حين كل شيء
يواري في تراب كل حي
ކޮންމެ އެއްޗެއް ވެސް ދާދި ކުޑަ ހިނދުކޮޅަކަށް ފަހު ފަނާވެ، ނިމިދެއެވެ.
ކޮންމެ ދިރި ހުރި އެއްޗެއް ބިމު އަޑީގައި ވަޅުލެވި ފޮރުވާލެވެއެވެ.
وإلى الآجال نمضي كلنا
سلم الأنفاس يطوي العمر طي
އަހަރުމެންގެ އަޖަލާ، ހަޔާތުގެ ނިމުމާ، ދިމާއަށް ހިނގަމުން އަހަރުމެން ދަމެވެ.
ނޭވާގެ ހަރުގަނޑު، ނޭވާއަކަށް ފަހު ނޭވާއެއްލައި، އުމުރުގެ ދުވަސްތައް ފަތްޖަހާލައެވެ.
خطف الموت أناسا قبلنا
والذي يجري لهم يجري علي
އަހަރުމެންގެ ކުރިން ވެސް، މަރު އައިސް މީސްތަކުން ގެންދިއައެވެ.
އެ މީހުންގެ މައްޗަށް ހިންގާލެވުނުކަން، އަހަރެންގެ މައްޗަށް ވެސް ހިންގާލެވޭނެއެވެ.
خذ من الدنيا إلى الأخرى الذي
في غد ينجيك من نار وكي
އާޚިރަތަށް ގެންދެވެން އޮތް އެއްޗެއް ދުނިޔެއިން ނަގައިގެން ގެންދާށެވެ.
ނަރަކައިގެ އަލިފާނުންނާއި އެ އަލިފާނުގެ ކަވާއިން (އެންދުމުން) މާދަމާ އިނބަ ސަލާމަތްކޮށްދޭނޭ އެއްޗެކެވެ.
فعسى تمسي غدا في جنة
ذات أنهار وأشجار وفيء
މާދަމާ އިނބަ ސުވަރުގެއަށް ދެވޭނޭ ކަމަށް އަހަރެން އުއްމީދުކޮށް އެދެމެވެ.
ކޯރުތަކާއި ގަސްތަކާއި ހިޔާތަކުގެ ވެރި ސުވަރުގެއަށެވެ.
