ވާދަވެރި އިންތިހާބަކަށްފަހު، ބަނގްލަދޭޝްގެ އާ ބޮޑުވަޒީރުކަމަށް މާދަމާ ހުވާކުރައްވާނީ ތޯރިގު ރަހްމާނެވެ. ކަނާތުފިޔައިގެ މެދަށްވާ ސިޔާސަތު ގެންގުޅޭ އޭނާގެ ބަނގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން އާއްމު އިންތިހާބުގައި އެކަށީގެންވާ އަދަދަށް އަޣުލަބިއްޔަތު ލިބޭ ވަރަށް ގޮނޑި ކާމިޔާބުކޮށްގެންނެވެ.
ތޯރިގު، 60، އަކީ ނުފޫޒުގަދަ ޒިޔާ އާއިލާގެ، ނަމަވެސް ބާރު ނެތް، ރަމްޒެކެވެ. އެތައް ދަހަރުތަކެއްގައި ގައުމުގެ ސިޔާސީ ކަންތައްތަކަށް ބާރު ފޯރުވާ ދެ ޕާޓީންކުރެ އެއް ޕާޓީގެއެވެ. އޭނާގެ މައިންބަފައިން ވެސް ކުރިން ވަނީ ބަނގްލަދޭޝްގެ ލީޑަރުންނަށް ވެފައެވެ.
އެހެނަސް، ގައުމުގެ އެންމެ މަތީ މަގާމަށް ތޯރިގު ދަތުރުކުރެއްވީ އެހާ އޮމާން މަގަކުން ނޫނެވެ. އޭނާގެ ކެރިއަރަށް ހިޔަނި އެޅެމުން ދިޔަ ކަންތައްތަކުގެ ތެރޭގައި އާއިލާއަށް ނާޖާއިޒު ގޮތެއްގައި ފައިދާވާ ގޮތަށް މަސައްކަތްކުރެއްވުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ސިޔާސީ ވާދަވެރިން ކުރުން ހިމެނެއެވެ. އަދި ދިގު މުއްދަތަކަށް އަރުވައިލެވިގެން ހުރުމާއި އޭނާގެ ފުރާއުމުރުގައި ބައްޕަ އަވަހާރަކޮށްލުމުގެ ހާދިސާގެ ހިޔަނި ވެސްމެއެވެ.
އެންމެ ފަހުން، އޭނާ ބީ.އެން.ޕީގެ ޗެއާމަން ކަމަށް ފޯރީ ބަނގްލަދޭޝްގައި އިންތިހާބު ބާއްވަން ހަފުތާތަކަށް ވެފައިވަނިކޮށެވެ. އޭނާގެ މަންމަ ޒިޔާ، އަވަހާރަވުމުންނެވެ. އެއީ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ހާލިދާ ޒިޔާއެވެ.
ބީ.އެން.ޕީގައި އެންމެ ފުރަތަމައިން ތޯރިގު ހަރަކާތްތެރިވެ ވަޑައިގަންނަވަން ފެށްޓެވީ 2001 ގައެވެ. އެއީ އޭނާގެ އުމުރުން 30 ގެ މެދުތެރޭ އަހަރުތަކުގައެވެ.
އެއީ އޭނާގެ މަންމަގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރުގެ ފެށުމެވެ. މަންމަގެ ފުރަތަމަ ދައުރަކީ 1991 އިން 1996 އެވެ. އަސްކަރީ ވެރިޔެއްގެ ގޮތުގައި ހުންނަވައިފައި ރައީސްއަކަށް ބަދަލުވެ ވަޑައިގަތް ބައްޕަ ޒިޔާއުއްރަހްމާން އަވަހާރަކޮށްލެވިފައިވަނީ 1981 ގައި އަސްކަރީ ބަޣާވާތެއްގައެވެ. ބައްޕައަކީ ބަނގްލަދޭޝްއަށް މިނިވަންކަން ހޯއްދަވައިދެއްވުމުގައި އިސްކޮށް އުޅުއްވި މީހެކެވެ. އަދި 1978 ގައި ބީ.އެން.ޕީ އުފެއްދެވީ ބައްޕައެވެ.
މައިންބަފައިންގެ ފިޔަވަޅުތައް މަތިން ފާހަގަކޮށްލެވޭ ގޮތަކަށް ތޯރިގު ހިންގަވަން ފެށްޓެވީ 2002 ގައެވެ. އެއީ ޕާޓީގެ އިސް މަގާމެއް އޭނާއަށް ހަމަޖެހުނުކަން އިއުލާން ކުރުމާ ހަމައިންނެވެ.
އެ ކަން ވެގެންދިޔައީ އެއީ އޭނާއަށް އާއިލާގެ ފަރާތުން ލިއްބައިދިން ނާޖާއިޒު ފައިދާއެއް ކަމަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުމަކަށެވެ. އަދި ޕާޓީގެ ތެރޭގައި އަހުލާގު ހިފަހައްޓަން، މެންބަރުން ހިތްހަމަނުޖެހޭ ނިންމުންތަކަށް އަމަލީ ސިފަ ގެންނަވާ މީހާ ކަމަށް ވެސް ނަން މަޝްހޫރުވެގެންދިޔައެވެ.
މާޒީގައި އޭނާގެ ބާރު ބޭނުންކުރައްވައިގެން ޒާތީ ފައިދާތައް ނެންގެވި ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފައެވެ. ނަމަވެސް އޭނާއަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކަށް އޭނާ އަބަދުވެސް އިންކާރުކުރައްވައެވެ. އޭނާއަށް ތާއީދުކުރާ ބައެއް މީހުން ގަބޫލުކުރަނީ ތޯރިގާ ދެކޮޅު ފަރާތްތަކުން އޭނާގެ ބޭނުން ހިފީ ގޯސްކޮށް ދާ ކަންތައްތަކުގެ އިލްޒާމް އަޅުވާނެ ބޮލެއްގެ ގޮތުގައި ކަމަށެވެ.
ކޮރަޕްޝަންގެ ދައުވާތަކެއްގައި 2007 ގައި އޭނާ ހައްޔަރުކުރިއެވެ. އެއީ އަސްކަރީގެ ތާއީދު ލިބިފައިވާ އިންތިގާލީ ސަރުކާރެއް އޮތް އިރުއެވެ. އޭނާ ވިދާޅުވެފައިވަނީ ޝަރިއަތް ބޭއްވެންދެން އޭނާއަށް ދިޔައީ އަނިޔާކުރަމުން ކަމަށެވެ. އޭނާ ޖަލުގައި 18 މަސް ހޭދަކުރެއްވިއެވެ. އަދި ދޫކޮށްލުމުން އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ވަޑައިގަތެވެ.
އެ ދުވަސްވަރުގެ ރިޕޯޓްތައް ބުނި ގޮތުގައި އޭނާ ބަނގްލަދޭޝް ދޫކުރައްވައި ވަޑައިގަތުމަށް ޝަރުތުކުރެވުނީ ސިޔާސީ ކަންތައްތަކާ ދުރުވެ ވަޑައިގަތުން ކަމަށެވެ.
ތޯރިގު ގައުމަށް ވަޑައިނުގަނެ 17 އަހަރު މަޑުކުރެއްވިއެވެ.
ނަމަވެސް ގައުމުން ބޭރުގައި އުޅުއްވިޔަސް ބީ.އެން.ޕީގެ ރޭވުންތަކާއި ސިޔާސަތުތައް އޭނާ ބައްޓަންކުރައްވަމުން ގެންދެވިއެވެ. އަދި 2018 ގައި މަންމައަށް ޖަލު ހުކުމެއް އިއްވުމާ ހަމައިން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ޕާޓީގެ ވަގުތީ ޗެއާމަންގެ ގޮތުގައެވެ.
މުޒާހަރާތަކާ ގުޅިގެން 2024 ގައި ޝައިހް ހަސީނާ ވެރިކަމުން ވެއްޓި ވަޑައިގަތުމުގެ ކުރިން ހަސީނާގެ ވެރިކަމުގައި ތޯރިގު ވެސް ވެގެން ދިޔައީ ޖިނާއީ އެތައް ތަހުގީގެއްގެ އަމާޒަކަށެވެ. އެތައް މައްސަލައެއްގައި އޭނާގެ މައްޗަށް ޣައިރު ހާޒިރުގައި ހުކުމް އިއްވިއެވެ. އެއީ 2004 ގެ ސިޔާސީ އެއްވުމަކަށް އަތުބޮން ހަމަލާއެއް ވެސް ދިންކަމުގައެވެ. އޭނާއާ ދެކޮޅަށްކުރި ހުރިހާ ދައުވާތައް ފަހުން އަނބުރާ ގެންދިޔައެވެ.
އޭނާ ބަނގްލަދޭޝްއަށް އަނބުރާ ވަޑައިގަތީ 2025 ގެ ޑިސެމްބަރު 25 ގައެވެ. އޭގެ ފަސް ދުވަސް ފަހުން އޭނާގެ މަންމަ އަވަހާރަވިއެވެ.
މި ދިޔަ ޖެނުއަރީ ނުވައެއްގައި އޭނާ ވަނީ ބީ.އެން.ޕީގެ ވެރިޔަކަށް ރަސްމީ ގޮތުން ވެވަޑައިގަންފައެވެ. ދިރާސާކުރާ ފަރާތްތަކުން ބުނަނީ ބީ.އެން.ޕީގެ ވެރިޔަކަށް އޭނާ ފޯރުމަކީ ނުވެ ނުދާނެ ކަމެއް ކަމަށެވެ.
މިހާރު އަލުން އާއިލީ ނުފޫޒުގެ ތުހުމަތުތައް އަނެއްކާވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެ ކަމާ އަޅާލާނެ ކަމެއް ނެތް ކަމަށް ބީ.އެން.ޕީން ކުރިން ވިޔަފާރިއާ ބެހޭ ވަޒީރުކަން ކުރެއްވި އާމިރު ޚަސްރު ވިދާޅުވިއެވެ.
"އެ މީހަކީ ގައުމުގައި ވެރިކަންކުރާ އާއިލީ ދަރިކޮޅަކުން ވަޑައިގަތް މީހެއްތޯ ބެލުން އެއީ އޮށްޓަރެއް ހުރި ކަމެއް ނޫން،" އޭނާ ބީ.ބީ.ސީއަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަސީނާގެ ވެރިކަމުގައި ބީ.އެން.ޕީގެ ހަރަކާތްތައް ފިއްތައިލި ފިއްތައިލީނުން ޒިޔާ އާއިލާގެ ބޭރުން އާ ލީޑަރަކު ޕާޓީއަށް އިންތިހާބު ކުރުމުގެ ގާބިލުކަމެއް ނުލިބުނު ކަމަށެވެ.
އެހެން ފަރާތްތަކުން ބުނަނީ ހަގީގީ އިމްތިހާނަކަށްވާނީ ތޯރިގު އޭނާގެ ޕާޓީ އާއި ގައުމު ކުރިމަގަށް ގެންދަވާނެ ގޮތް ކަމަށެވެ.
"އޭނާ (ތޯރިގު)އަށް ވަނީ ސިޔާސީ ކަންކަމުގެ އަނދިރި ފަރާތް ފެނިވަޑައިގަންފައި. އަދި ގައުމުގައި އޮތް ހަމަނުޖެހުންތަކާއި ބަދަލުހިފުމުގެ ސިޔާސަތުތައް ވެސް ތަޖުރިބާކުރެވިފައި. އެ ކަމުން ލިބިވަޑައިގެންނެވި ސިޔާސީ ބުއްދީގެ ބޭނުން ހިފައިގެން ކުރިމަގުގައި ޕާޓީގެ ލީޑަރުކަމުން ގައުމުގެ ލީޑަރުކަމަށް ވަޑައިގެންނެވޭތޯ ބަލަން ތިބެންވީ،" ސިޔާސީ ކަންތައްތައް ދިރާސާކުރާ މުހިޔުއްދީން އަހްމަދު ބީ.ބީ.ސީއަށް ބުންޏެވެ.
ނޯޓް: މިއީ އިނގިރޭސި ވިލާތުގެ ދައުލަތުގެ މީޑިއާ، ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީ.ބީ.ސީ)ގައި އިއްޔެ ކެތުރަން އާމްސްޓްރޯންގް ލިޔެފައިވާ ރިޕޯޓެއްގެ ތަރުޖަމާއެވެ.



advertisment