ށ. ފެދޫގައި ކުރިއަށްދާ އައު އިންޖީނުގެއަށް ނެޓްވޯކް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.
ފެނަކައިން ބުނިގޮތުގައި ޖުމްލަ 3،800 މީޓަރުގެ ކޭބަލް އެޅުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ތެރެއިން %75 ކޭބަލް މިހާރު ވަނީ ވަޅުލައި ނިމިފައެވެ. މިހާރު އެރަށުގައި ކަރަންޓު ދެމުން ގެންދަނީ 35sqmm ގެ ކޭބަލުން ކަމަށް ވާއިރު، މިގެންނަ ބަދަލާއެކު މިހާރު އަޅަމުންދަނީ 120smm އަދި 150sqmm ސައިޒުގެ ކޭބަލެވެ.
އައު އިންޖީނުގެއަށް ރިލޮކޭޓްވުމަށް ކުރަމުންދާ މި މަސައްކަތް އެއްކޮށް ނިމި ޚިދުމަތް ފެށުމުން، ރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ.
މީގެ އިތުރުން ށ. ފޯކައިދޫގައިވެސް ކަރަންޓު ނެޓްވޯކު އަޕްގްރޭޑް ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަދެއެވެ. އެގޮތުން އައު ކޭބަލް ވަޅުލުމުގެ މަސައްކަތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް އައު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ. މި މަސައްކަތުގެ ދަށުން ރަށުގައި ބަހައްޓައިފައިވާ 11 ޑިސްޓްރިބިއުޝަން ފޮށްޓެއް މިހާތަނަށް ވަނީ ބަދަލު ކޮށްފައެވެ. އަދި ރަށުގައި މިހާރު ބޭނުން ކުރަމުންދާ 16sqmm ކޭބަލް، 50smm – 150sqmm ކޭބަލަށް އަޕްގްރޭޑް ކުރެވިގެންދާނެއެވެ. މި މަސައްކަތް ނިމުމުން ކަރަންޓު ވޯލްޓޭޖް ދަށްވުމުގެ މައްސަލައަށް ޙައްލެއް ލިބި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެއެވެ.
މީގެ އިތުރުން ށ. ފީވަކުގައި، އެރަށު ކައުންސިލުން ތަރައްޤީކުރާ އެކޮމޮޑޭޝަން ބްލޮކަށް ފެނަކައިން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެކޮމޮޑޭޝަން ބްލޮކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި މިހާރު ކުރަމުން ދަނީ އައު ޑިސްޓްރިބިއުޝަން ފޮށްޓެއް ބެހެއްޓުމުގެ މަސައްކަތެވެ.



advertisment

