ފެނަކައިގެ އިންޖީނުތަކެއް ހިފައިގެން ހދ. ކުޅުދުއްފުއްޓަށް ދަނިކޮށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ށ. ނަލަންދޫ ފަރަށްއެރި ކޮޅުވެއްޓި ފުންނުކުރެވި، ދިޔަވެ، އަރިއަޅާލައި، ރާޅުއަރަމުންދާ ވީޑިއޯ އާއި ފޮޓޯތަކެއް މީސްމީޑިއާގައި ދަރުވާން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލިސްގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑު މޯލްޑިވްސްގެ "ހެވީ ސްޓާރ 7″ ނަމަކަށް ކިޔާ 140 ފޫޓުގެ މި ކޮޅުވެއްޓި ނަލަންދޫ ފަރަށް އެރީ މި މަހު 13 ވަނަ ދުވަހުގެ ރޭ ދަންވަރު ކަމަށް އެމް.އެން.ޑީ.އެފުން ބުންޏެވެ. ފެނަކައިން ކުއްޔަށް ހިފައިގެން ދަތުރުކުރި "ހެވީ ސްޓާރ 7″ ގައި ހުރީ ފެނަކައިގެ ފަރާތުން އުތުރުގެ ބައެއް ރަށްރަށަށް ގެންދާ އިންޖީނުތަކަކާއި އެއާ ގުޅޭ ސާމާނެވެ.

އެމް.އެން.ޑީ.އެފްގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ އެ ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތް ކުރަމުންދަނީ ވެރިފަރާތުން ކަމަށެވެ. ނަމަވެސް ކޮޅުވެއްޓި ދިޔަވާތީ އެމް.އެން.ޑީ.އެފްގެ އެހީއަށް ބުރާސްފަތި ދުވަހު އެދުމުން އެހީ ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
7 meehunnaa eku Male' in furaigen Hdh.Kulhudhufuttah dhathuru kuri 140ft Heavy star namakah kiyaa Landing craft 14 September gai Sh.Nalandhoo farah araifai. Meegai huree Fenakaige engine set thakeh. pic.twitter.com/kNQ7v1rUBm
— Meedhoo Masverin (@MeedhooMasverin) September 18, 2020
އިތުބާރު ހުރި ގޮތަކަށް "އަދިވެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޅުވެއްޓީގައި ހުރީ ތިން ޖެނަރޭޓަރު ސެޓާއި ޕެނަލް ބޯޑާއިި ކޭބަލްތަކެކެވެ. އެއީ ހއ. އިހަވަންދުއާއި ހއ. ފިއްލަދުއާއި ހއ.ދިއްދޫ އަށް ގެންދާ ޖެނަރޭޓަރު ސެޓާއި ކޭބަލްތަކެކެވެ. ޖުމްލަ 13 މިލިއަން ރުފިޔާގެ މި ތަކެތި ހުރީ އިންޝުއަރކޮށްފައި ކަމެއް ޔަގީނެއް ނޫނެވެ. މި ކަމުގައި ފެނަކައިގެ ބަހެއް ހޯދުމަށް މެނޭޖިން ޑައިރެކްޓަރ އަހުމަދު ސައީދާ ގުޅުމަށް "އަދިވެސް" އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ފަރަށް އަރައިފައިވާ ކޮޅުވެއްޓީގެ ފޮޓޯއާއި ވީޑިއޯ މީސްމީޑިއާގައި ހިއްސާކުރި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އެ ހާދިސާ ފެނަކައިން ދަނީ ސިއްރުކުރަމުންނެވެ.



advertisment