ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވައިލައްވައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް، ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން މަސްމާރުކޭޓު ސަރައްހައްދުގައި މަގު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން އެ މަނިކުފާނު ވަނީ އެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވާފައެވެ.
ބޮޑުތަކުރުފާނު މަގުގެ ދެ ވަނަ ސެގްމެންޓުގައި ހަދަނީ މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. އެ ސަރަހައްދުގެ ވެސް މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅައިފައި ވަނީ އެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމުމަށެވެ.
މިދޔަ އަހަރުގެ އޭޕްރިލްގައި އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން އެ މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަކަން ލިބި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން އަލުން އެ މަގު ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގައި ހިމެނިގެން ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެން މަގުހަދައި، އެ ސަރަހައްދު ހުޅުވީ ހުސްވި ޑިސެންބަރުގައެވެ.



advertisment