ހިތަށް އަރާ ޝުޢޫރެއް ބަޔާންކޮށް ދުލުން ފާޅު ކުޅައުމާއި އެ ޝުޢޫރުން ލިޔުމުން ފާޅު ކުޅައުމަކީ ވެސް ތަފާތު ދެ ހުނަރެކެވެ. މި ދެ މުހުތާދުގައި ވެސް އިބާރާތް ކުރުން އަދާ ކުރާ ދައުރު ބޮޑެވެ. އިބާރާތެއް ލިޔުމުން ވުޖޫދު ކުލައުމުގައި ފިކުރާއި ޚިޔާލުގައި ގެންގުޅެންވީ މުހިންމު ކަންކަތެއްކެއް ހުރިކަމަށް ދެކެމެވެ. އޭގެތެރެއިން ބައެއް ކަންކަން ހިމަނައިލާނަމެވެ.
ޖުމުލައިގެ ކުރު ދިގުމިން
ތިމާ ލިޔާ އެއްޗެއް ކުރުކޮށް ސާދާކޮށް ބަޔާން ކުރުމަކީ ވަރަށް މުހިންމު ކަމެކޭ ބައެއް ބޭފުޅުން ވިދާޅުވެއެވެ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ ޖުމުލައެއްގެ މާނަ ދޭހަވެ އޮޅުން ފިލަނީ އޭގެ ކުރު ދިގުމިނަކުން ނޫންކަމުގައެވެ. އެހެނަސް އެ ޖުމުލައިގައި ބުނާން އުޅޭ އެއްޗެއް ބަޔާންކޮށް ދެއްކުމުގައި އެ ޖުމުލައެއް ބިނާ ކުރާ ފޭޑިން ކަމުގައެވެ. ބަޔާންކުރާން އުޅޭ ވާހަކައެއް ބަޔާންކުރުމުގައި ޖުމުލަ ފަށާނެ ތަނާއި ނިންމާނެ ތަން ކަނޑައެޅޭ ކަނޑައެޅުމުން ކަމުގައެވެ.
އަޅުގަނޑު ދެކެނީ ކިތަންމެ ދިގު ޖުމުލައެއް ވެސް ވަރަށް ރީއްޗަށް ވަށައިޖެހޭނޭ ހެން މާނަ ސާފުކޮށް ދޭހަވާނޭ މަގުން ގެނެވިދާނެ ކަމުގައެވެ. ވީމާ، މި ނުކުތާގައި ވިސްނާން ވީ ޖުމުލަ ކުރުކޮށް ލިޔުނަސް އަދި ދިގުކޮށް ލިޔުނު ކަމުގައި ވިޔަސް ބުނާން އުޅޭ އެއްޗެއް ބަޔާން ކުރުމުގައި ފަސޭހައިން މާނަ ވަށައި ޖެހޭނޭ ގޮތާ މެދު ވިސްނުމުމަށް ފަހު ޖުމުލަ ލިޔާށެވެ. އެހެން ނޫނީ ބުނާން އުޅޭ އެއްޗެއް ސާފުކޮށް ދޭހަ ވުމުގައި ދަތިތަކެއް ދިމާވެދާނެއެވެ. ޖުމުލައެއް ލިޔުމުގައި ބަހުގެ ޠަބީޢި އޮނިގަނޑުގައި ލަފުޒު އެތުރޭ ތަރުތީބާ ޚިލާފު ވެއްޖެ ނަމަ ޖުމުލައިން މޭރުންވާ މާނަ ތަފާތާވެ އިބާރާތް ކޮށިވެ ހުތުރުވެދެއެވެ.
މިސާލު:
1. ކަޙުފް ސޫރަތް ކަބީރު އާންމުކޮށް ކިޔަވަނީ ހުކުރު ދުވަހުގެ އިރުއޮއްސުމުގެ ކުރީގެ ސާއަތުގެ ތެރޭގައެވެ.
2. ކަބީރު އާންމުކޮށް ކަޙުފް ސޫރަތް ކިޔަވަނީ ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ކުރީގެ ސާއަތުގެ ތެރޭގައެވެ.
މި ދެ ޖުމުލައިގައި ވެސް ބުނާން އުޅޭ ވާހަކައަކީ ކަބީރު ކަހުފު ސޫރަތް ކިޔަވާ ވަގުތުގެ ވާހަކައެކެވެ. އިބާރާތުގެ ރިތިކަމާއި ފަށުވިކަން ކަނޑައަޅާ މީހަކު ބުނާނީ ތިމަންނައަށް ކަމުދަނީ ދެވަނަ މިސާލުގައި އޮތް ގޮތެވެ.
އަސަރާއި ޖަޒުބާތު
ލިޔުމެއް ނުވަތަ އަދަބީ އުފެއްދުމެއް ރީތިވެ ހުތުރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އޭގެ އަސަރާއި ޖަޒުބާތެވެ. މި އަސަރާއި ޖަޒުބާތު ބިނާވަނީ އެ އެއްޗެއްގެ މައިގަނޑުނަމަށް ކުރެވިފައިވާ ފުރިހަމަ އިންސާފަށެވެ. މާނައެއް ނެތް ގޮތަށް ބޭނުމެއް ނެތް ބޭކާރު ހާސަރުތައް ކިތަން ރީތި ލަފުޒުތަކަކާއި ތައުބީރުތަކަކުން ބަޔާންކޮށް ދިގު ކުޅައުމަކުން މި އަސަރާއި ޖަޒުބާތެއް ލިޔުމަކުން ނުފެންނާނެއެވެ. މިހެން ވުމުން އިބާރާތް ކުރުން ފުރިހަމައެއް ނުވާނެއެވެ. އިބާރާތް ކުރާ އެއްޗެއް އިބާރާތްކޮށް ވުޖޫދު ކުރާ އުފެއްދުމުގެ އަސަރާއި ޖަޒުބާތު ބިނާވާ އަނެއް ކަމަކީ އެ އުފެއްދުމެއް ބިނާވާ އުސްލޫބެވެ.
އުސްލޫބު
އުސްލޫބަކީ ކޮބައިތޯއެވެ! އުސްލޫބަކީ އެއްގައި ހުންނަނ ގޮތްގަނޑެއެވެ. ލިޔުމެއް ނަމަ އޭގައި ހުންނަ ފޭޑިއެވެ. އިބާރާތްކުރުމުގެ އުސްލޫބުގެ މަގުސަދަކީ އަސަރާއި ޖަޒުބާތު އުފެއްދުމެވެ. ކިޔުންތެރީންގެ ހިތާ ކުޅެ އުފާ ކޮށް ދިނުމުގެ އިތުރަށް އަސަރުހުރި ގޮތެއްގައި މުޖުތަމައަށް މެސެޖެއް ދިނުމެވެ. އިބްރަތްތެރި ޖަޒުބާތެއް ފާޅުކުރުމެވެ.
ރިޕަބްލިކް އޮފް މެލްޓާގެ ގައުމީ ޔުނިވަރސިޓީގެ ދާރިސް ޑރ.މާރިއޯ އެކުއިލިނާ 2014 ވަނަ އަހަރު ލިޔުއްވި ދަ އިވެންޓް އޮފް ސްޓައިލް އިން ލިޓްރޭޗަރ ނަމަކަށް ކިޔުނު ފޮތުގައި ބަޔާން ކުރައްވައިފައިވެއެވެ. އަދަބުގައި ލިޔުންތެރިކަމުގެ އުސްލޫބަކީ ލިޔުންތެރިޔަކު ލިޔާ ލިޔުމެއްގެ މާނައާއި މިޒާޖާއި ސޫރަ ބަޔާންކޮށްދެއްވާން އޭނާ އިޚްތިރޔާރުކުރައްވާ ބަސްކޮށާރާއި ޖުމުލައިގެ އޮނިގަނޑާއި ތަސްވީރީ ބަސްމަގާއި އަދަބީ އުކުޅުތައް ހިމަނުއްވައިގެން އޭނާ ލިޔުއްވައިފައިވާ ގޮތެވެ. އޭގެ ވައްޓަފާޅިއެވެ. އޭގެ ފޭޑިއެވެ. ލިޔުންތެރިކަމުގައި މިދެންނެވުނު އަސާސްތަކާއެކު އަސަރާއި ޖަޒުބާތު އުފެއްދުމުގެ އުސްލޫބު ބިނާވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށެވެ.
ލަފުޒުތައް
ތިމާ ވުޖޫދުކުރާ އެއްޗެއް ވުޖޫދު ކުޅައުމަށް އަދަބުގައި ކިޔަނީ އިންޝާޢީ އަދަބެވެ. އެއީ އުފެދިގެން އަންނަ އަދަބު ކަމުގައި "ޅޭމާއި ޅެންވެރިކަން" މި ފޮތުގައި އައްޝައިޚް މުޙައްމަދު ޖަމީލް ދީދީ ވިދާޅުވެފައި އޮވެއެވެ. ތިމާ އުފައްދާ އުފެއްދުމެއްގައި ލައްވާނީ ކޮން ކަހަލަ ހެދުމެއްތޯ އަދި އޭގެ ފޭރާންމުގެ މޮޅު ދެރަ ކަނޑައަޅަނީ އެ އެއްޗެއް ވުޖޫދު ކުރާ އަދީބެކެވެ. ނުވަތަ ލިޔުންތެރިއެކެވެ. ކޮންމެ އުފެއްދުމެއް ވެސް ވުޖޫދުކުޅައުމުގައި ފޭރާން މޮޅުވެ ރިތި ވި ވަރަކަށް ރިތިވާނެއެވެ. ފޭރާން ދެރަވި ވަރަކަށް ހުތުރުވާނެއެވެ. މި ކަން ބިނާވަނީ ލަފުޒާއި ބަސްކޯޅިޔާއި އިސްތިލާހާއި ތައުބީރުގެ މައްޗަށެވެ. ތިމާގެ ފިކުރުގައި ފުރިހަމަ ބަސްކޮށާރެއް ނެތިއެއް ރިތި ފަށުވި ފޭރާމެއް ލިޔުމުގެ އުފެއްދުމެއްގައެއް ނޭޅުވޭނެއެވެ. ހަގީގަތުގައި އިބާރާތް ކުރުމުގެ ފަލްސަފާގައި އެންމެ މުހިންމު ބަހާއަކީ ލަފުޒާއި ތައުބީރާއި ބަސްކޯޅިތަކާއި އިސްތިލާހުތަކޭ ވެސް ދަންނަވާ ހިތްވެއެވެ. އެހެނީ ރީތި ފަށުވި ފޭރާމެއް ނެތި އެއްޗެއް ވުޖޫދުގައި ވާކަމެއް ނުވަތަ ނުވާކަމެއް ދެނެގަންނަން އަދަބުގައި ފަސޭހައެއް ނޫނެވެ.
އެމުނިއެކުލެވުން
މިއީ ވެސް އެއްޗެއް އިބާރާތް ކުޅައުމުގައި މުހިންމު އަސާސެކެވެ. ލަފުޒުތައް ގެތިމެހުމެވެ. ތިމާ އުފައްދާ އުފެއްދުމެއް އެމުނި އެކުލެވުމާ ނުލައި ފުރިހަމައެއް ނުވެއެވެ. ލަފުޒުތައް ގުޅިގެން އުފެދޭ މޫސީގީ އަޑަކީ ވުޖޫދު ކުރާ އެއްޗެއްގެ ރީތިކަމާއި ޖަޒުބާތުގެ އަސަރަށް ވަރަށް ބޭނުންތެރި ބަހާއެކެވެ. އެއް ލަފުޒު އަނެއް ލަފުޒާ ގުޅިގެން ދާ ހިނދު އުފެދޭ އަޑުތަކުން އުފައްދާ ތަސްވީރު އެއީ އެ އެއްޗެއްގެ ހަގީގީ ރީތިކަމުގެ މައްޗަށް ހިތުގައި އާދަޔާ ޚިޔާލު އިހުސާސްތަކެއް އުފައްދައި ތަކުރާރުކޮށް ފުނަ ޖަހައިލާ އުކުޅެކެވެ. ވީމާ، ލަފުޒުތައް އެމުނިގެން އުފެދޭ އަޑުތަކަކީ ވެސް އިބާރާތް ކުރުމުގެ ފަލްސަފާގައި ގުނައިލެވޭ މުހިންމު އަސާސެކެވެ.
ގަވާއިދާ ހަމަ
ތިމާ ލިޔެ ބަޔާންކޮށް ފާޅުކުރާ އެއްޗެއް ލިޔަނީ ކޮންމެވެސް ބަހަކުންނެވެ. މިހެންވުމުން އެ ލިޔާ ލިޔުމެއް ލިޔުމުގައި އެ ބަހުގެ ގަވާއިދާއި ހަމަތަކާއި އުސޫލުތަކަށް ފެއްތުން ވަރަށް މުހިންމެވެ. ބަހުގެ ގަވާއިދާ ހަމަތަކާ ނުލައި އުސްލޫބެއް ފުރިހަމައެއް ނުވާނެއެވެ. ބަސް ބޭނުން ކުރާ އިސްތިއުމާލާއި އެ ބަހެއްގެ ލަފުޒުތައް ލިޔެ ވުޖޫދުކުރާން ކަނޑައެޅިފައިވާ އަކުރުގެ ލިޔަކުރުތައް ހުންނާން ޖެހޭ ގޮތާއި މިހިރަ މިހިރަ ކަންކަމާ ޚިލާފު ވެއްޖެ ނަމަ ވުޖޫދުކުރާން ތިމާ އިބާރާތް ކުރާ އެއްޗެއްގެ އަސަރެއް ނުވަތަ ޖަޒުބާތެއް ފުރިހަމަ މާނައިގައި ހާމަކޮށެއް ނުދެވޭނެއެވެ. ވީމާ، އެންމެ ބޮޑު ސަމާލުކަމެއް ދޭން ވާނީ ބަޔާން ކުރާ ވާހަކަތައް ބަހުގެ ހަމަތަކާއި އުސޫލަށް ބަރާބަރަށް ފެއްތުމަށެވެ.
މާނަ
މާނައެއް ނެތް އެއްޗެއް ގެ ބޭނުމެއް އޮންނާނެތޯއެވެ! އަދަބުގައި ކޮންމެ އެއްޗެސް ވެސް ވުޖޫދު ކުޅައުމުގެ މާނައަކީ ވެސް މާނައެވެ. މާނަ ފުރިހަމަ ވެއްޖެ ނަމަ އިބާރާތުގެ މައި މަޠުލަބު ފުރިހަމަ ވީއެވެ. މާނަ މޭރުވުމުގައި ދަތުތަކާއި ތަކުލީފު އުފުލާން ޖެހިއްޖެ ނަމަ އިބާރާތުގެ މަގުސަދާއި މުރާދު ހާސިލު ނުވީއެވެ. ޖަޒުބާތާއި އަސަރު ބިނާވަނީ ރިތިކަމުގެ ފަލްސަފާގެ މައްޗަށް ކަމުގައި ވުމުން މާނަ އަރައިރުން ވަންޏާ ރީތިކަން ގެއްލުނީއެވެ. އަސަރު ވަންހަނާވީއެވެ. ޖަޒުބާތު ވަޅުޖެހީއެވެ. މިހެންވުމުން ލަފުޒު ލަފުޒާ ގުޅޭ ގުޅުމާއި އެ ގުޅުމުން އުފައްދާ އަޑުގެ ނަލަކަމާއެކު ބަހުގެ ގަވާއިދާ ހަމަތަކުން ރިވެލި ކުރާ އޭގެ ފުރިހަމަ މާނަ ތަސްވީރު ވެއްޖެ ނަމަ އިބާރާތުގެ އެންމެގައި މަގުސޫދެއް ފުރިހަމަވީއެވެ. އުސްލޫބު ވެސް ފުރިހަމަ ވީއެވެ.
ބަޔާން ކުރެވުނު އެންމެހައި ކަންކަން ހިމެނިގެން ވަނީ އިބާރާތްކުރުމުގެ ތެރޭގައެވެ. މި ނޫން ވެސް ކިތަންމެ ކަމެއް އަދިވެސް ހުންނާނެއެވެ. އެހެނަސް މި މިންވަރުން މި ލިޔުންކޮޅު އިބާރާތްކޮށް ނިންމައިލަމެވެ. އިބާރާތަކީ ކޮން އެއްޗެއްކަމާއި އިބާރާތް ކުރުމަކީ ކޮބައިކަމާއި އިބާރާތް ކުޅައުމުގައި ތަބާވާން ވީ މުހިންމު ބައެއް އަސާސްތަކަކީ ކޮބައިކަން ބަޔާން ކުރެވިއްޖެކަމުގެ އުންމީދުގައެވެ.

One Response
މާނަ މޭރުވުމުގައި ދަތުތަކާއި ތަކުލީފު މާނަ އަކީ ކޮބާ