02:30
މަޝްހޫރު ފުޓުބޯޅަ ކޯޗު އަލީ ސުޒެއިންގެ ބައްޕަ ހަސަން އަލީ ދާދި ދެންމެ ނިޔާވެއްޖެއެވެ. ފުޓުބޯޅަ އަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ހަސަން އަލީ، 78، ނިޔާވީ އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ހަސަން އަލީގެ ހަތް ކުދިން އެބަތިއްބެވެ.
ޒުވާން ދުވަސްވަރު ޑިފެންޑަރަކަށް ކުޅުނު ހަސަން އަލީގެ ހުރިހައި ފިރިހެން ކުދީންނަކީ ވެސް ފުޓުބޯޅައިގެ ތަރިންނެވެ. މިގޮތުން ގިނަ ކްލަބުތަކަކަށް ކުޅެ އަދި ގިނަ ކްލަބުތަކަކާއި ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދީފައިވާ ސުޒެއިންގެ އިތުރުން އަހުމަދު ރިޔާޒު (ގާނާ) އާއި ކޯޗު މުހައްމަދު ނަޒީހާއި އިބްރާހިމް ސިނާޒަކީ ވެސް ފުރަތަމަ ޑިވިޝަންގައި ވަރަށް ވިދާލި ކުޅުންތެރިންނެވެ.

ހަސަން އަލީ އަކީ 1989 ގައި ކްލަބް އީގަލްސް އުފެއްދި އެ ކްލަބުގެ ބާނީއެވެ. އޭނާ ވަނީ ދިގު މުއްދަތެއްގައި ސިފައިންގެތެރޭގައިވެސް ހިދުމަތްކޮށްފައެވެ.
ހަސަން އަލީގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާގައެވެ.




advertisment