Support Us

ބީއެމްއެލް އިން އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރަނީ

އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރުމަށް ބީއެމްއެލް އާއި މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އިން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ބީއެމްއެލް އިން ބުނާ ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާ އެކު، ސަރުކާރުން ފަށައިފައިވާ "މޯލްޑިވްސް 2.0″ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެކެވެ.

"މި ސެންޓަރު ގާއިމުކުރުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށާއި، އާންމު ހިދުމަތްތައް ދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އަ.އި) އާއި ޑޭޓާގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އިސްތިރާތީޖީ ތަސައްވުރު ރަމްޒުކޮށްދޭ ކަމެކެވެ." ބީއެމްއެލް އިން ބުނެއެވެ.

"މި ސެންޓަރަކީ ދައުލަތުގެ އިދާރާތަކަށާއި އިގްތިސާދީ މުހިންމު ދާއިރާތަކަށް ރައްކާތެރި އަދި ޒިންމާދާރު ގޮތެއްގައި ޑޭޓާ އާއި އޭއައި ބޭނުންކުރުމަށް އެހީތެރިވެދޭނެ ގައުމީ ވަސީލަތެކެވެ. މި ސެންޓަރުގެ މައިގަނޑު އަމާޒަކީ ގައުމުގެ ތަރައްގީގައި އިސްކަންދޭ ކަންތައްތައް ހާސިލްކުރުމަށްޓަކައި އާންމު ޚިދުމަތްތައް ރަނގަޅުކުރުމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި ވިލުންތެރި އިގްތިސާދެއް ބިނާ ކުރުމަށް ބޭނުންވާ ހައްލުތައް ހޯދައިދިނުމެވެ."

ބީއެމްއެލް އިން ބުނާ ގޮތުގައި ސަރުކާރުގެ އެކި ދާއިރާތަކަށް ދިމާވާ ގޮންޖެހުންތަކަށް އަމަލީ ހައްލު ހޯދުމަށްޓަކައި، އޭ.އަ.އި އަދި ޑޭޓާ ޓޫލްސްތައް އުފެއްދުމުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓަރއަށް ދައުވަތު ހުޅުވާލާ އެފަރާތްތަކާއި ގުޅިގެން މިސެންޓަރުން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

"އަދި ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއި، އަލަށް ފަށާ ވިޔަފާރިތަކާއި، މި ދާއިރާގެ މާހިރުންނާއެކު ރޭވުންތެރިކަމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އާ އީޖާދުތަކާއި ޓެކްނޮލޮޖީތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް މިސެންޓަރުން މަސައްކަތްކުރާނެއެވެ. އެއާއިއެކު، ގައުމީ އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކަށީގެންވާ، ރައްކާތެރި، އަދި ފުޅާކުރެވޭނެ ފަދަ ހައްލުތަކެއް މި މަރުކަޒުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ." ބީއެމްއެލް އިން ބުނެއެވެ.

"މި ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް މައިންޑްކޯ އިން އިސްވެ ކުރިއަށްގެންދާއިރު ބީއެމްއެލް އިން މި މަޝްރޫއުގައި ބައިވެރިވަނީ، ސެންޓަރު ފެށުމުގެ މަރުހަލާގައި އެހީތެރިވެދޭނެ ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައެވެ. ބީއެމްއެލްއިން މި މަޝްރޫއުގައި ބައިވެރިވުމުން ރަމްޒުކޮށްދެނީ ގައުމުގެ ޑިޖިޓަލް އަދި މާލީ ނިޒާމު ކުރިއެރުވުމަށާއި އާންމު ޚިދުމަތްތައްދިނުން ޒަމާނީ ކުރުމަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް އެ ބޭންކުންދޭ އަހުމިއްޔަތުކަމެވެ."

ގައުމުގެ އެންމެ ބޮޑު ބޭންކުގެ ތަޖުރިބާ ހުރި ދާއިރާތައް ކަމަށްވާ ޑިޖިޓަލް ޕޭމެންޓް، ފައިނޭންޝަލް ޓެކްނޮލަޖީ، ޑޭޓާ އާއި އޭއައި ބޭނުންކުރުމުގައި ހޯދަމުންދާ ތަޖުރިބާ، މި މަޝްރޫއު ކާމިޔާބު މަޝްރޫއަކަށް ހެދުމުގައި އެހީތެރިވެދޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

"އަދި މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ މާލީ ދާއިރާގެ ތަޖުރިބާ އާއި ޕްރެކްޓިކަލް އިންސައިޓްސް އަދި ޑިޖިޓަލް ގޮތުން ހޯދާފައިވާ ގާބިލުކަން ބޭނުންކޮށްގެން އާންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ސިސްޓަމްތައް ހަރުދަނާކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ޑޭޓާގެ މައްޗަށް ބިނާކޮށް ފުރިހަމަ ނިންމުންތައް ނިންމަން ސަރުކާރުގެ އިދާރާތަކަށް ފަސޭހަވެގެންދާނެއެވެ.

"މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖޭގެ މާލީ އަދި ޕޭމެންޓްގެ ނިޒާމަށް މިހާރުވެސް އަންނަމުންދާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެއެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތައް ޑިޖިޓަލްކުރުމަށް ހިންގަމުންދާ މަޝްރޫއުތަކާއި، ރާއްޖޭގައި ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ޑިޖިޓަލް މާލީ އޮނިގަނޑު އެއް މިސްރާބަކަށް ގެނެސް، އެކަންކަން އިތުރަށް ހަރުދަނާކުރުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެވެސްމެއެވެ. ރައްކާތެރި ޑިޖިޓަލް ވަސީލަތްތަކާއި ޕޭމަންޓް ސިސްޓަމްތައް ބޭނުންކޮށްގެން ޚިދުމަތްތައް ދިނުން ފަދަ މަސއްކަތްތަކުން ބީއެމްއެލްއިން ހޯދާފައިވާ ތަޖުރިބާ ބޭނުންކޮށްގެން މި ސެންޓަރުގެ ޚިދުމަތްތައް ވީހާވެސް އަވަހަށް އަދި ޒިންމާދާރުކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަކީ މި ސެންޓަރުގެ އެންމެ ބޮޑު އަމާޒެވެ.

"މި އެއްބަސްވުމަކީ ޑޭޓާ އާއި އޭއައިގެ ދާއިރާއިން ގައުމީ ގާބިލްކަން އިތުރުކުރުމަށާއި މުސްތަގުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ ހުނަރުވެރި، މަސައްކަތްތެރި އާބާދީއެއް ބިނާ ކުރުމަށް ބީއެމްއެލް އާއި މައިންޑްކޯ އިންދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. މީގެ އިތުރުން، ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ހަގީގީ މަންފާ ރައްޔިތުންނަށާއި، މުއައްސަސާތަކަށް އަދި މުޅި ގައުމުގެ އިގުތިސާދަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ މި ގުޅުމުގެ މުހިންމު އެއް އަމާޒެވެ.

"ފިޔަވަހިތަކަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސެންޓަރުގެ މަސައްކަތް މިއަންނަ އެޕްރީލު މަހުގައި ފަށާނެއެވެ. މި މަޝްރޫއާ ގުޅޭ ތަފްސީލްތައް ކުރިއަށް އޮތް ތަނުގައި ހާމަކުރަމުންދާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *