Support Us

ކޮންވެންޝަނަލް ކާގޯގެ "ފްރީ ސްޓޯރޭޖް" މުއްދަތަށް ލުއިދީފި

މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންވެންޝަނަލް ކާގޯ (ކޮންޓޭނަރަށް ނުލައި ގެންނަ މުދާ) ގެ ތެރެއިން، މާލޭ ވިޔަފާރި ބަނދަރުގެ "އޯޕަން ސްޓޯރޭޖް އޭރިޔާ"ގައި ސްޓޯކުރާ މުދަލަށް ދޭ "ފްރީ ސްޓޯރޭޖް" މުއްދަތަށް ލުއި ދީފިއެވެ.

އެމް.ޕީ.އެލް އިން ބުނީ މި ލުޔަކީ ކުދިމެދު ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމަށާއި، އިޤްތިޞާދީ ގޮތުން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމެއް ކަމަށެވެ.

"ފްރީ ސްޓޯރޭޖް"ގެ މުއްދަތަށް ގެނައި ބަދަލު:

• ބަނދަރުގެ "އޯޕަން ސްޓޯރޭޖް އޭރިޔާ"ގައި ސްޓޯރކުރާ ބްރޭކް ބަލްކް ކާގޯ އަށް "ފްރީ ސްޓޯރޭޖް"ގެ މުއްދަތު ގޮތުގައި 10 ދުވަސް ދިނުން.

ބަނދަރުގެ "އޯޕަން ސްޓޯރޭޖް އޭރިޔާ"ގައި ބަހައްޓާ ކޮންވެންޝަނަލް ކާގޯއަށް "ފްރީ ސްޓޯރޭޖް"ގެ ގޮތުގައި ކުރިން ދެނީ 5 ދުވަހެވެ. އެހެންކަމުން މި ގެނެވުނު ބަދަލާއެކު، މުދާ އެތެރެކުރާ ފަރާތްކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ގެނެވުނު ބަދަލުތަކަށް އަމަލުކުރަން ފަށާނީ މާދަމާ، 1 ފެބްރުވަރީން ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދުތަކުން ބާލާ މުދަލަށެވެ.