ބީ.އެމް.އެލް އިން ކ. ތިލަފުށީގައި ސެލްފް-ސަރވިސް ބޭންކިން އޭޓީއެމް ޚިދުމަތް ގާއިމުކޮށް، މުޅި ރާއްޖޭގައި ގާއިމުކޮށްފައިވާ އޭޓީއެމް ވިއުގަ އިތުރަށް ހަރުދަނާކޮށްފިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދުއާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް އަދި ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
"ބީއެމްއެލްއިން މި އަހަރުގެ ތެރޭގައި އިތުރު ސެލްފް ސަރވިސް ބޭންކިން ސެންޓަރތަކާއި ބްރާންޗްތައް އަދި އޭޓީއެމްތައް ގާއިމުކޮށް ބޭންކުގެ ޚިދުމަތް އިތުރަށް ފުޅާކުރާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭރު ފައިސާއަށް ވާސިލުވުމަށް އިތުރަށް ފަސޭހަކޮށްދިނުމަށް 70 އަށްވުރެ ގިނަ ޑޮލަރު އޭޓީއެމް ގާއިމުކުރާނެއެވެ." ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަމުންދާއިރު އޭޓީއެމް ވިއުގަ އިތުރަށް ފުޅާކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
"ތިލަފުށީގައި ގާއިމުކުރެވުނު ސެލްލް ސަރވިސް އޭޓީއެމްއިން ދައްކުވައިދެނީ ވިޔަފާރި މުޖުތަމައުތަކަށް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދިނުމަށް އަޅުގަނޑުމެންދޭ އަހުމިއްޔަތުކަން. އަދި 2026 ވަނަ އަހަރު ޚިދުމަތް ފުޅާކުރުމަށް ރާވާފައިވާ ކަންކަމައިގެން އަޅުގަނޑުމެން ކުރިއަށް ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ކަސްޓަމަރުންނަށްވެސް ފަސޭހަ އަދި އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން މުހިންމު އިސްކަމެއް ދޭ ކަމެއް."
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިން ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.



advertisment

