Support Us

828.7 މިލިއަން ރުފިޔާގެ ހިންގުމުގެ ފައިދާއަކާއެކު ބީ.އެމް.އެލް އިން ރެކޯޑް މާލީ ނަތީޖާއެއް

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި 828.7 މިލިއަން ރުފިޔާގެ ހިންގުމުގެ ފައިދާއަކާއެކު ބީ.އެމް.އެލް އިން ރެކޯޑް މާލީ ނަތީޖާއެއް ހާސިލްކޮށްފިއެވެ.

ބީ.އެމް.އެލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ސާފު ފައިދާގެ ގޮތުގައި 837.5 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު %76.2 ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ މާލީ ނަތީޖާތައް ދައްކާގޮތުން ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 5.5 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައެވެ. މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %16.1ގެ ކުރިއެރުމެކެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %10 އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.7 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާއިރު، މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު %15 ކުރިއެރުމެކެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ބޭންކުން ވިޔަފާރިތަކާއި އާންމު ފަރުދުންނަށް 10 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައި ވެއެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވެއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ކާމިޔާބު ކަމާއެކު ނިންމާލެވުނުކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ކުއާޓަރގެ ނަތީޖާއިން ދައްކުވައިދެނީ އަޅުގަނޑުމެންގެ އިސްތިރާޖީ އަމާޒަށް ވާސިލްވެފައިވާކަން އަދި އަޅުގަނޑުމެން މުވައްޒަފުންނަށް ދޭ އަހުމިއްޔަތުކަން. ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދާއިރާތަކުން ހޯދި ކުރިއެރުމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓެއްގެ ސަބަބުން، ބޭންކުގެ މާލީ ދުޅަހެޔޮކަން ދަމަހައްޓައި ވަރުގަދަ މާލީ ނަތީޖާއެއް ހާސިލްކޮށް ވަރުގަދަ ބެލެންސް ޝީޓެއް ދެމެހެއްޓިފައިވޭ. ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ޝަރީފް ވިދާޅުވިއެވެ.

"މިދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސްއަށް ސްޓްރެޓިޖިކް ކުރިއެރުމާއި އައު ވިސްނުންތަކާއެކު ކަސްޓަމަރުންނާއި މުޖުތަމައުތަކާއި، މުވައްޒަފުންނަށްޓަކައި ވެފައިވާ ވަރުގަދަ އަޒުމް ދައްކުވައިދިން ތާރީހީ އަހަރެކެވެ. މާލީ ދާއިރާގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ޑިޖިޓަލް ކުރިއެރުންތަކާއި އެކު ގައުމީ ތަރައްގީގެ ރޮނގުން ބޭންކުން ވަނީ ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. މީގެ ތެރޭގައި 'ގްރީން ރިސޯޓް ފައިނޭންސިން' ތައާރަފުކުރުމާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރާ ގުޅިގެން %5ގެ ކުޑަ ރޭޓެއްގައި 'ހިޔާވެހި ފައިނޭންސިން' ދޫކުރަން ފެށުމާއި ގެދޮރު ގަތުމަށް ދޫކުރާ ލޯނުތަކުގެ އިކުއިޓީ %5 އަށް ދަށްކުރުމުގެ އިތުރުން 'ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ޕްރައިވެޓް ލިމިޓެޑް' އުފެއްދުން ހިމެނެއެވެ." ބީ.އެމް.އެލްގެ ބަޔާނެއްގައިވެއެވެ.

"ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ރ. ދުވާފަރުގައި ބޭންކުގެ 40 ވަނަ ބްރާންޗް ހުޅުވައި، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއު ނިންމުމާއިއެކު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކުގެ ޚިދުމަތް ވަނީ ގާއިމުކޮށްފައެވެ. ޑިޖިޓަލް އަދި ޕޭމަންޓް ޚިދުމަތްތަކަށް އައި ކުރިއެރުންތަކުގެ ތެރޭގައި، ހުރިހާ ޚިދުމަތަކަށް އޮންލައިންކޮށް އެދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، 'ސްވައިޕް' ޑިޖިޓަލް ވޮލެޓާއި، ވިސާ ޕްލެޓިނަމް ޑެބިޓް ކާޑާއި، ވިސާ އިންފިނިޓް ކްރެޑިޓް ކާޑުގެ އިތުރުން އިންޑިއަން ރޫޕީ އަދި ޗައިނީޒް ޔުއާން އެކައުންޓްތައް ތައާރަފުކުރުން ހިމެނެއެވެ. ވިސާ، އެމެކްސް، އަލީޕޭ+، ވީޝިން ޕޭ، ޔޫނިއަންޕޭ އަދި މާސްޓަރކާޑާއެކު ވެވުނު ސްޓްރެޓިޖިކް ޕާޓްނަރޝިޕްތަކުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ނިޒާމު އިތުރަށް ވަރުގަދަވެގެންދިޔައެވެ. މީގެ އިތުރުން، ބީއެމްއެލް ސްޓޫޑަންޓް ކާޑާއި، މަސްވެރިންނަށް ފައިނޭންސް ކުރުމަށް 'މަސްވެރިޔާ ޕޯޓަލް' އާއި، ތިމާވެށި ހިމާޔަތްކުރުމަށް 'އީއެންވީ ޕީއޯއެސް' ޕްރޮޖެކްޓާއެކު އެމެކްސްއާއި ގުޅިގެން 'އެކްސްޕީރިއަންސް މޯލްޑިވްސް' ކެމްޕޭން ފެށުންވެސް މިދިޔަ އަހަރުގެ ތެރޭގައި ހިމެނެއެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށް އެސްޑީއެފްސީ (މިހާރު އެސްއެމްއީ ޑިޖިޓަލް) ބޭންކުގެ ދަށަށް ގެނައުމާއި، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން މާޗަންޓް ފީ %1 އަށް ކުޑަކުރުމުގެ އިތުރުން، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމާއި ޑިޖިޓަލް ބަދަލުތަކަށް ކުރި މަސައްކަތަށް 'ކޯރަސް' އަދި މާސްޓަރކާޑުން ވަނީ ބޭންކުގެ އަގު ވަޒަންކޮށް، އެވޯޑްތައްވެސް ލިބިފައެވެ."

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިން ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.