Support Us

ރޭގެ ޕްރޮގްރާމުގައި ސުވާލުތަކަށް އުމަރު ޖަވާބުދެއްވަނީ

2023ގެ ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވާއިރަށް އިންޑިއާ ސިފައިން ބާލާނަން: އުމަރު

އެމްޑީޕީގެ ސަރުކާރު 2023 ގެ ރިޔާސީ އިންތިހާބުގައި ބޮޑު ތަނުން ބަލިވާނެ ކަމަށާއި ބަލިވާއިރަށް އިންޑިއާ ސިފައިން މިގައުމުން ބާލާނެ ކަމަށް އެ އިންތިހާބްގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތިބުމާ ބެހޭގޮތުން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އުމަރު ފޭސްބުކް ލައިވް މެދުވެރިކޮށް ރޭ ފެއްޓެވި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ޕްރޮގްރާމުގައި ސުވާލުތަކަށް އުމަރު ޖަވާބުދެއްވަނީ

އިންޑިއާގެ ސިފައިން ރާއްޖެ އައިސް ރާއްޖޭގައި އިންޑިއާގެ ތިން އުޅަނދެއް ބާއްވައިގެން އަށް އަހަރު ދުވަހުގެ ތެރޭގައި އައްޑޫއިން ފެށިގެން ހދ. ހަނިމާދޫއާ ހަމައަށް ފެތުރިގެންފައިވާއިރު މި ސަރުކާރަށާއި ސަރުކާރު ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަށް މިމަންޒަރު ނުފެންނަނީތޯ އުމަރު ސުވާލުކުރެއްވި އެވެ.

އުމަރު ވިދާޅުވީ މިހާރު ދިވެހި ރާއްޖޭގައި މިއޮތް އެމްޑީޕީއާ ޕީޕީއެމްގެ ސިޔާސީ ސިސްޓަމް ބޭރުން އައިސް 2023 ގެ އިންތިހާބް ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެކަމަކީ ނުކުރެވޭނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދުށް ނަމަވެސް އެކަން ހަގީގަތަކަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު މިއޮތް ސަރުކާރު އަޅުގަނޑުމެން އަތުން ބަލިވާނެ. ބަލިވީމަ އިރާދަކުރެއްވިއްޔާ އިންޑިއާ ސިފައިން ވެސް މިގައުމުން ބާލާނަން. ކިތަންމެ ވަރުގަދަ އެގްރީމެންޓެއް ހަދާފައި އޮތް ނަމަވެސް އިންޑިއާ ސިފައިން ބާލާނަން،" އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އެންމެ ގަދަޔަށް އަޑުއުފުއްލަވާ އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އައްޑޫގައި 2011 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހެލިކޮޕްޓަރެއް ބާއްވައިގެން ކުރާ މަސައްކަތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ ދުޝްމަނުންނަށް ފާރަލުން ކަމަށާއި ވަރަށް މަދު ފަހަރަކު ނޫނީ ދިވެހިންގެ ބޭނުމެއްގައި އެ ހެލިކޮޕްޓަރު ބޭނުން ނުކުރާ ކަމަށެވެ.

އުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު ބުނާގޮތުން ދިވެހި ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ގާއިމްވެ މިލިޓަރީ ބޭސްއެއް ހަދާނަމަ އެކަން ކުރަންވާނީ މަޖިލީހުގެ ރުހުން ހޯދައިގެން ކަމުގައިވާއިރު އެމްޑީޕީއަށް އޭރު މަޖިލިސް މެޖޯރިޓީ ލިބިފައި ނެތުމުން އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި މިހާރު އެތިބީ ވަލު ދޮރާށިން ވަދެ ތިބި އިންޑިއާ ސިފައިންގެ މިލިޓަރީ ބޭސްއެއްގެ ގޮތުގައި އުމަރު ސިފަކުރެއްވި އެވެ.

"މި ހެލިކޮޕްޓަރަކީ އިންޑިއާގެ ކޯސްޓް ގާޑަށް ނިސްބަވްވާ ހެލިކޮޕްޓަރެއް، ކޯސްޓްގާޑުގެ ކޮމާންޑުން އޭތި އޮޕަރޭޓް ކުރާނީ. އެމީހުންގެ މިޝަންތަކުގައި މިފްލައި ކުރާނީ ވެސް. އައްޑޫއިން ނައްޓާލައިގެން ލ. އަތޮޅަށް އުދުހިގެން އެދަނީ ދިވެހި ދައުލަތުގެ ހުއްދައެއް އޮވެގެން ދިވެހި ދައުލަތުން ބުނެގެން ނޫން. އަދި ދިވެހި ދައުލަތުގެ ބެނުމަކު ވެސް ނޫން. ވަރަށް މަދު ފަހަރަކު ދިވެހި ދައުލަތުން ބުނެގެން ބަލި މީހަކު ނޫފުލަދޭއެއް ނޫން. އުފުލަދޭ. އެކަމަކު އެމީހުންގެ މައިގަނޑު މަސައްކަތަކީ ސާވިއަލަންސް އޮޕަރޭޝަން. އެއީ އެމީހުން އެމީހުންގެ އެނިމީއަށް ފާރަލުމުގެ މަސައްކަތް އެކުރަނީ. ރާއްޖެއަށް މިއައީ ހަގީގަތުގައި މިލިޓަރީ ބޭސްއެއް ވަލު ދޮރާށިން ވަދެގެން،" އުމަރު ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީހުގައި ވެސް މީގެ ކުރިން އިންޑިއާ ސިފައިން ބައިތިއްބާފައިނުވާ ކަމަށާއި މިއީ މިނިވަން ގައުމެއް ކަމުގައިވާއިރު އެހެން ގައުމެއްގެ ސިފައިން އެގޮތަށް އައިސް ފައިބާ ތިބުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އުމަރު ވިދާޅުވިއެވެ. ނަމަވެސް އެކަން އެނގެނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް އެކަނި ކަމަށާއި މިސަރުކާރުން އަދިވެސް މަސައްކަތް ކުރަމުން ގެންދަނީ އެކިއެކި ބަހަނާތައް ދައްކައިގެން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުން ދިފާއުކުރަން ކަމަށް އުމަރު ވިދާޅުވި އެވެ.

"މިއީ މިނިވަން ގައުމެއް މިގައުމަށް އެހެން ގައުމެއްގެ ސިފައިން ފައިބާ އެގޮތަށް ނުތިބެވޭނެ. ދިވެހި ތާރީހުގައި ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ބެހެއްޓީ ދެ ފަހަރެއްގައި. ފުރަތަމަ ފަހަރު ދޮންބަންޑާރައިން ދިވެހި ރާއްޖެއަށް ފަރަންސޭސި ސިފައިން ގެނައުން، އޭގެ ފަހުން ދެވަނަ ބޮޑު ހަނގުރާމައިގައި ދުވަސްވަރުގައި ދިވެހިރާއްޖެއަށް ހަމަލާއެއް އައިސްފާނެތީ އިނގިރޭސި ސިފައިން އައްޑޫގައި ބޭތިއްބީ،" އުމަރު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ކޮބާތޯ މައްސަލައަކީ ރައީސް ނަޝީދު ވިދާޅުވެފައިވާ ވާހަކަތަކަށް ވެސް އުމަރު ވަނީ ޖަވާބު ދެއްވާފަ އެވެ. އެގޮތުން އުމަރު ވިދާޅުވީ މީގެ ކުރިން ވެސް މާޒީގައި ރާއްޖޭގައި އެހެން ގައުމުތަކުގެ ސިފައިން ބައއިގެން ބާލަން ޖެހުނީ ގަދަކަމުން ކަމަށާއި އެއިން ކޮންމެ ފަހަރަކު ދިވެހިން ވަރަށް ހިތި ތަޖުރިބާއެއް ކޮށްފައިވާކަމީ އެންމެން ދަންނާނެ ހަގީގަތެކެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އެކި ގޮތްގޮތަށް އަޑު އުފުލަމުން ގެންދާއިރު ބޭރުގެ އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިންގެ ފައުޖެއް ނުވަތަ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ދާދި ފަހުން ވިދާޅުވުމާ ގުޅިގެން، އެއަށް ރައްދު ދެއްވައި އުމަރު ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަތުގައި މިވަގުތު ހަތިޔާރު ނެތުން އެއީ ނުރައްކާ ކުޑަވާ ކަމެއް ނޫން ކަމަށާއި ހެލިކޮޕްޓަރުގައި ގޮސް އިންޑިއާ މަނަވަރަކުން ހަތިޔާރު ގެނެސް، ރާއްޖޭގައި މިތިބަ 150 އިންޑިއާ ސިފައިން ހަތިޔާރު އެޅި ފައުޖަކަށް ބަދަލުވުމަށް ބޭނުންވާނީ އެންމެ ދެ ގަޑިއިރު ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *