ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، މާލޭ ވިޔަފާރި ބަނދަރަށް ގިނަ އަދަދެއްގެ މުދާ އުފުލާ ބޯޓުފަހަރު އެއްފަހަރާ ވަނީ ކޯލްކޮށްފައި ކަމަށާއި މުދާ ބޭލުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމަށް ކެނޑިނޭޅި ދަނީ މަސައްކަތްކުރަމުން ކަމަށް އެމް.ޕީ.އެލް އިން ބުނެފިއެވެ.
އެމް.ޕީ.އެލް އިން ބުނީ މި ހިނގާ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން، މިއަދުގެ މެންދުރު 12:00 އާ ހަމައަށް މާލޭ ވިޔަފާރި ބަނދަރަށް ކޮންޓޭނަރ އުފުލާ ހަތް އުޅަނދު ލަފައިފައިވާ ކަމަށެވެ. މި އުޅަނދުފަހަރުން މާލޭ ވިޔަފާރި ބަނދަރަށް ބާލަން ޖުމްލަ 3،901 ޓީ.އީ.ޔޫ ހުރިއިރު، ލޯޑްކުރުމަށް 2،700 އެބަހުރި ކަމަށެވެ.
"މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމުގައި އުފެދިފައިވާ ބެކްލޮގް ފިލުވުމަށް އެމް.ޕީ.އެލްގެ އޮޕަރޭޝަންސްގެ ޓީމުތަކުން ކުރި ބުރަ މަސައްކަތުން، މިއަދުގެ 12:00 އާ ހަމައަށް ނުބޭލި ހުރީ 1،250 ޓީ.އީ.ޔޫއެވެ. އަދި ލޯޑްކުރަން ހުރީ 1،118 ޓީ.އީ.ޔޫއެވެ. މާލޭ ވިޔަފާރި ބަނދަރަށް 12 ޖަނަވަރީން ފެށިގެން 27 ޖަނަވަރީގެ 12:00 އާ ހަމައަށް ކޯލްކުރި އުޅަނދުފަހަރުގެ ތެރެއިން މި ވަގުތު ހުސްނުކުރެވި އޮތީ ދެ އުޅަނދެކެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.
"މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން، އެއްފަހަރާ ގިނަ ބޯޓުފަހަރު އަންނަ ކޮންމެ ދުވަސްވަރެއްގައިވެސް މުދާ ބޭލުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެއެވެ. އެހެން ނަމަވެސް، އެމް.ޕީ.އެލްގެ އޮޕަރޭޝަންސްގެ ޓީކުތަކުން ދަނީ ވީހާވެސް އަވަހަށް މުދާ ބޭލުމުގެ މަސައްކަތްތައް އިންތިޒާމްކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެމް.ޕީ.އެލްގެ މާލޭ ސަރަހައްދުގެ ކޮންޓޭނަރ ޓަރމިނަލްތައް (މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓަރމިނަލް)ގެ ޖުމްލަ ކެޕޭސިޓީ އަކީ 2،750 ޓީ.އީ.ޔޫއެވެ. އެހެން ނަމަވެސް، މި ވަގުތުވެސް އެމް.ޕީ.އެލްގެ ޓަރމިނަލްތަކުގައި ޖުމްލަ 5،338 ޓީ.އީ.ޔޫ އެބަހުއްޓެވެ.
"ބަނދަރަށް އަންނަ ކޮންޓޭނަރ ބޯޓުފަހަރު ހިދުމަތް ފޯރުކޮށްދެމުންދާއިރު، ޕެރިޝަބަލް މުދާ ހިފައިގެން އަންނަ ބޯޓުފަހަރުން މުދާ ބޭލުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. ކޮންޓޭނަރ އުލާ ބޯޓު ފަހަރާއި ޕެރިޝަބަލް މުދާ އުފުލާ ބޯޓު ފަހަރު ހިމެނޭ ގޮތަށް ޖުމްލަ އަށް އުޅަނދު މި ވަގުތުވެސް މާލޭ ވިޔަފާރި ބަނދަރުގައި އެބައޮތެވެ.
"މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން، މުދާ ބޭލުމުގައި ދިމާވާ ދަތިތަކާއެކުވެސް، ވިޔަފާރިވެރިންނާއި ޝިޕިން އޭޖެންޓުންނާއި ކްލިއަރިން އޭޖެންޓުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް މި ކުންފުނިން ޝުކުރު އަދާކުރަމެވެ. ޖާގައިގެ ދަތިކަމާ ގުޅިގެން ގޮންޖެހުންތައް ކުރިމަތިޔަސް، ވީހާވެސް އަވަހަށް މުދާ ބޭލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މި ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން ކެނޑިނޭޅި މަސައްކަތްކުރަމުންދާނެ ވާހަކަ ދަންނަވަމެވެ."



advertisment