Support Us

ބީއެމްއެލް އެފޯޑަބަލްގެ 5 ހައުސިން މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހިންގާ އެފޯޑަބަލް ހައުސިންގެ ފަސް މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަސައްކަތްތައް ފެށުމަށް ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ އެމް.އެމް.އޭ އިން އެކުލަވައިލައިފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް އުފެއްދި ބީއެމްއެލް ސަބްސިޑަރީ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ބީ.އެމް.އެލް އިން ބުނެއެވެ.

"މި މަޝްރޫއުތައް ހިންގާނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަރނަންސް އަދި ރިސްކް ސްޓޭންޑަރޑްތަކާ އެއްގޮތަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހު ހޮވި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. އެގޮތުން މި މަސައްކަތް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކަކީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ. އަދި މި މަސައްކަތް ކުރަމުންދާ ރާއްޖޭން ބޭރުގެ ކުންފުނިތަކަކީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަނެވެ." ބީ.އެމް.އެލް އިން ބުނެއެވެ.

"މި މަޝްރޫއުތައް ނިމުމުން ހުޅުމާލޭ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިން ޔުނިޓް ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫއުތަކެކެވެ. މި ފަސް މަޝްރޫއު ފެށުމާއެކު، ބޭންކް އޮފް މޯލްޑިވްސް އާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ބޯހިޔާވަހިކަމުގެ ގައުމީ ސްޓްރެޓެޖިކް އަމާޒުތަކަށް އެއްބާރުލުންދީ، ރާއްޖޭގެ ސިނާއަތްތަކުގެ ބައިވެރިވުން އިތުރުކުރުމަށާއި، އަދި އެމްއެމްއޭގެ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދައި، ގެދޮރުވެރިންނަށްވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދޭ އަހުމިއްޔަތުކަން ހާމަކޮށްދެއެވެ."