Support Us

ކޮލަމް ކަލާވެހި: ކަންފަސޭހަވުމަށް މަގެއް

ގިނަ މީހުންގެ ނަޒަރުގައި، މީހަކާ ދިމާޔަށް އެއީ ކަންފަސޭހަ މީހެކޭ ބުނެވިއްޖެތަ، އެ ބުނެވެނީ އެ މީހާ އެއީ ފަރުވާކުޑަ މީހެކޭއެވެ. އެހެންނަމަވެސް، ދިވެހިބަހުގެ ރަދީފުގައި "ކަންފަސޭހަ" މި ބަހުގެ މާނައިގައި "ހުރިހާގޮތަކުން ދިރިއުޅުމުގެ ކަންތައްތައް ފަހި" މިހެން ވެސް އޮތީތީ، އަޅުގަނޑަށް ދަސްވެފައި އޮތް ގޮތުގައި އަޅުގަނޑުމެން މިހައިރު އެ މުޖުތަމަޢެއްގައި ދިރިއުޅޭން މަޖުބޫރުވެފައި މިވާ ދިރިއުޅުމުގެ ހަލަބޮލިކަމަށާއި، ކަންކަމާ ހޭލަމޭލަވެ އުޅުމުގައި ގެންގުޅޭންޖެހޭ ހަލުއިކަމަށާއި، އެކަކު އަނެކަކާ އަޅައިލުން ކުޑަވެފައި އޮތް މިންވަރަށާއި، މި ހުރިހައި ކަމަކަށް ފިކުރުހިންގައި ބަލައިފި މީހަކު ދުނިޔެއުޅުމުގައި ކަންފަސޭހަކަން ހޯދައިގަންނާނޭ ގޮތްތަކަކީ ކޮބައިބާވައޭ ހިތަށް އެރުމަކީ ހަމަ ވެދާނޭ ކަމެކެވެ.

އަޅުގަނޑުގެ ނަޒަރުގައި، އަދުގެ ރާއްޖޭގެ ވެށީގައި ދިރިއުޅޭ އާދައިގެ މީހަކަށް ހިތްހަމަޖެހުމެއް، އަރާމެއް، ހިތްފަސޭކަމެއް ނެތެވެ. ހިތާއި ސިކުނޑިޔާއި ވިސްނުމާއި ބުއްދި ފުރިގެން އެ އަންނަ ޚިޔާލުތަކާއި ފިކުރުތަކާއި ހާސްކަމާއި ކަންބޮޑުވުންތަކާ ދުރަށް ދެވޭނޭ ހަމަ އެއްވެސް ގޮތެއް ނޯވެއެވެ. ރައްޓެހި ރަޙުމަތްތެރީންގެ ތެރެއިން އިތުބާރުކުރެވޭނީ ކާކަށް ކަމެއް، މާދަމާ ވެސް ތިމާޔަށް ބޭވަފާތެރިވާނީ ކާކުކަމެއް ނުއެނގި، އެ މަގުން ވެސް ޝައްކާއި ވަހުމުގެ ދުންބޮނޑީގެ ތެރެއިން ނިކުމެ، ހަމަނޭވާޔެއް ލެވޭނޭ ގޮތެއް ވެސް ނޯވެއެވެ. ތިމާ ނުވެސް ދެނެހުއްޓައި، ތިމާގެ އަބުރާއި ޢިއްޒަތާއި ކަރާމާތަށް އަރައިގަނެ، ތިމާގެ ރިވެތި ނަމުގައި ބަދުނާމުގެ ކިސަޑު ނުއުނގުޅާނޭކަމުގެ އެއްވެސް ކަށަވަރުކަމެއް ވެސް ނޯވެއެވެ. ދެން ބައެއް މީހުންނަށް މިހުރިހައި ކަމަކާ ކުރިމަތިލާން ޖެހުނީމައި، އަމިއްލަ ނަފުސު ދެކެ ފޫހިވެ، އެ ފޫހިކަން ދުނިޔެމަތީން ފޫހިވުމާ ހަމަޔަށް ވެސް ކަންކަން ދަނީ މަދެއްކޮށް ނޫނެވެ. އާދައިގެ މީހާގެ އެހައިހިސާބަށް ބާއްވައިފައި، ހުރިހައި ގޮތަކުން ކަންފަސޭހަ ތަނަވަސްކަން ލިބިގެން އުޅޭ މީހާ ވެސް ކުރާނޭ އައު ކަމެއް ނެތިގެން ފޫހިވެފައި، ދިރިއުޅުމުގެ ހަލުއިކަން ބާވަތަކު ލޮޑުކަމަކަށް ބަދަލުވާތީ ޝަކުވާކުރަނީއެވެ.

މި ހުރިހައި ކަމަކަށް ދެވޭނޭ އެއް ފަރުވާޔެއް ކަމަށް އަޅުގަނޑު މި ހުށައަޅަނީ ވަރަށް ކުޑަކުޑަ ކަމެކެވެ. އެއީ ކަންފަސޭހަވުމެވެ. ނުވަތަ ކަންފަސޭހެވެގަތުމެވެ!

މަތީގައި މި ދެންނެވި ކަންކަމުގެ ލިސްޓުގެ ތެރެއިން ފަހަރަކު ކަމަކަށް ބަލައިލަމާތޯއެވެ!

އެންމެ ފުރަތަމަ، އަދުގެ ރާއްޖޭގެ ވެށީގައި ދިރިއުޅޭ އާދައިގެ މީހަކަށް ހިތްހަމަޖެހުމެއް، އަރާމެއް، ހިތްފަސޭކަމެއް ނެތް ވާހަކައެވެ. އަޅުގަނޑު ދެކޭ ގޮތުގައި، ތިމާގެ ކުރިމަތީގައި ހުރި އެންމެހައި ކަމަކީ ތިމާޔަށް ހިތްހަމަޖެހުން ގެނެސްދޭ ކަމަކަށް ވެފައި، ދުނިޔެއުޅުމުގެ މަޤްޞަދަކީ އަރާމުކުރުން ކަމަށް ވެފައި، ހަމަ ކޮންމެ ކަމަކީ އިންތިހާ ދަރަޖައިގެ ހިތްފަސޭހަކަން ތިމާޔަށް ގެނެސްދޭ ކަމެއްކަމުގައި ވެއްޖެ ނަމަ، ދުނިޔެއުޅުމުގެ މާނަޔަކީ އަދި ބޭނުމަކީ ކޮބައިތޯއެވެ؟ އަޅުގަނޑު ދެކޭ ގޮތުގައި، ހިތްހަމަޖެހުމާއި އަރާމާއި ހިތްފަސޭހަކަމަކީ ތިމާޔާ ކުރިމަތިވާ މައްސަލަތައް ތަޙައްމަލުކޮށް، އެ މައްސަލަތައް ޙައްލުކޮށް، އެ މަގުން ހޯދާ ކާމިޔާބީތަކުގެ އިނާމެއްގެ ގޮތުގައި ލިބޭ ތިން ކަމެވެ. ދުނިޔޭގެ ކަންކަން މި ގޮތަށް ދެކޭ މީހާ ހުންނާނީ، އަޅުގަނޑަށް ފެންނަ ގޮތުގައި، ކަންފަސޭހަކަމުގައެވެ.

ދެން އޮތީ ހިތާއި ސިކުނޑިޔާއި ވިސްނުމާއި ބުއްދި ފުރިގެން އެ އަންނަ ޚިޔާލުތަކާއި ފިކުރުތަކާއި ހާސްކަމާއި ކަންބޮޑުވުންތަކުގެ ވާހަކައެވެ. މި ދާއިރާއިން ކަންފަސޭހަކަން ލިބިގަންނާން ބޭނުންވާ މީހާޔަށް އަޅުގަނޑު ހުށައަޅާ އެއް ކަމެއް އޮވެއެވެ. އެއީ، ތިމާގެ ކުރިމައްޗަށް ފަތިސްވެގެން އިރުއަރައިގެން އަންނަ ހަމަ ކޮންމެ ދުވަހެއްގެ ކޮންމެވެސް ވަގުތުކޮޅެއް، ނުވަތަ ރަނގަޅީ ވެސް ވަގުތުކޮޅުތަކެއް، ތިމާގެ ހިތާއި ސިކުނޑިޔާއި ބުއްދި ހުސްކޮށްލާން ތަޚްޞީސްކޮށް އެކަށައެޅުމެވެ. ދުނިޔޭގެ ކަންކަމާއި ކާރޫބާރު ކުޑައިކޮށް އެއްކިބައިކޮށްލައި، ދުނިޔޭގެ ކަންކަން ނޫން ކޮންމެވެސް އެހެން ކަމަކަށް އެ ވަގުތުކޮޅުތައް ހުސްކޮށްލުމެވެ. ދެން މިހެން ދެންނެވީމައި މި ވާހަކައިގެ ދެން އޮތްބައި ވިދާޅުވެދެއްވޭނީ ދީނީ ޢިލްމުވެރީންނަށޭ ދަންނަވައިފައި އެ ވާހަކަ އެ ހިސާބަށް ހުއްޓައިލާނަމެވެ.

ދެން އޮތީ ރައްޓެހި ރަޙުމަތްތެރީންގެ ތެރެއިން އިތުބާރުކުރެވޭނީ ކާކަށް ކަމެއް، މާދަމާ ވެސް ތިމާޔަށް ބޭވަފާތެރިވާނީ ކާކުކަމެއް ނުއެނގި، އިތުބާރުކުރާނޭ މީހަކު ނޭނގި، ޝައްކާއި ވަހުމުން ފުރިގެން އުޅޭންޖެހޭ ވާހަކައެވެ. ދަންނަވަންތޯއެވެ! ޒަމާނާއި ތަނާއި ޙާލަތާއި، މި ތިން ކަމުގެ ޖަމުޢު އަޅުގަނޑުމެންގެ ތެރޭގައި އޮތީ ވަރަށް ފާޑަކަށެވެ. ވީމައި، މި މަގުން ކަންފަސޭހަކަން ހޯދާން ބޭނުންވާ މީހާޔަށް އަޅުގަނޑު ހުށައަޅާން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ، ރައްޓެހީން ދެނެގަތުމުގައި، އަދި ވަކީން ޚާއްޞަކޮށް ރަޙުމަތްތެރީން އިޚްތިޔާރުކުޅައުމުގައި ފިސާރި ބޮޑަށް ވިސްނާށޭއެވެ. ގިނަދުވަހު އެކުއުޅެވި، އެ ބަޔެއްގެ ގޮތް ފިސާރި ރަނގަޅަށް އެނގޭ، އެކެއްދެމީހަކަށް ނޫނީ އެއްވެސް ކަމެއްގައި އިތުބާރުނުކުރާށޭއެވެ. އަމިއްލަ ނަފުސަކީ އެންމެ އިތުބާރުކުރާ މަޚުލޫޤަށް ހަދާށޭއެވެ. އެއިރުން ކަންފަސޭހަވުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާނޭއެވެ.

ދެން އޮތީ ތިމާ ނުވެސް ދެނެހުއްޓައި، ތިމާގެ އަބުރާއި ޢިއްޒަތާއި ކަރާމާތަށް އަރައިގަނެ، ތިމާގެ ރިވެތި ނަމުގައި ބަދުނާމުގެ ކިސަޑު ނުއުނގުޅާނޭކަމުގެ އެއްވެސް ކަށަވަރުކަމެއް ނެތް ދުނިޔެއެއްގައި އުޅޭން މަޖުބޫރުވެފައި ވާ ވާހަކައެވެ. ދަންނަވަންތޯއޭ، މިއީ ދުނިޔޭގައި އަލަށް އުފެދިގެން އުޅޭ އައު ކަމެއް ނޫނެވެ. މިހައިރު ވެގެން އުޅޭހައި ވެސް ކަމަކީ، އިންޓަނެޓުގެ އެކި ހަރުތަކުގައި ފިލައިތިބޭ ނިކަމެތި ކަމީނާއިންގެ ހިފިހުރުން ކުޑަވުމެވެ. އެހެން ނޫނީ، ދެބައޮޑުވުމާއި، ނެތިމޮށުމާއި، ދޭތެރެޖެއްސުމާއި، އާޑަކިޔުމާއި، ފުރައްސާރަކުރުމަކީ ދުނިޔޭގެ ބައެއް ކަހަލަ މުޖުތަމަޢުތަކުގައި ނުހަނު ބޮޑު އަގުގައި ވިކޭ ކަންކަން ނޫންތޯއެވެ؟ ބޮޑު އަގުގައި ގަންނާނޭ ބަޔަކު ތިބި މުޖުތަމަޢެއްގައި ވިއްކާން ތިބޭބަޔަކު ބާޒާރު ތިޔާގިކޮށްލާނޭ ޖައުހަރުތައް ނޫންތޯއެވެ؟ އެހެންވީމައި، އެ ކަމުން ކަންފަސޭހަކޮށްލާނޭ އެންމެ ފަސޭހަ މަގެއްކަމަށް އަޅުގަނޑަށް ފެންނަނީ އެ ޒާތުގެ ކަންކަމާ އެހައި އަވަހަށް އަޅައިނުލުމެވެ. އަދި ރައްދު ޖަވާބުގެ ބަދަލުގައި، މިޒާތުގެ ކަންކަން ގައިކެހެނބުޅީގެ ދަރަޖަޔަށް ދިޔައިމައި، ގަސް ހުރި ތަން ހޯދައި، ގަހުގެ ގޮނޑި ލުހެލައި އެއްލައިލެވޭން ނެތިއްޔާ މައިގަހު ބުޑަށް އުވަކޮޅެއް އެޅޭންދެން މަޑުންހުރުމެވެ.

ދެން އޮތީ ފޫހިކަމުގެ ވާހަކައެވެ. އަޅުގަނޑު ދެކޭ ގޮތުގައި، ފޫހިކަމަކީ އަމިއްލަޔަށް ލިބިގަންނަ އެއްޗެކެވެ. ހަމަބުއްދި ހުރި އިންސާނަކު ފޫހިވާނީ ކިހިނެއްތޯއޭ، ދުނިޔޭގައި ލެއްވި ހަމަ އެންމެ އާދައިގެ އެއްޗަކާ މެދު ނަމަވެސް ހަމަކުޑައިކޮށް ނަމަވެސް ފިކުރުހިންގައިލި ކޮންމެ މީހަކީ ނިޢުމަތެއްގެ ވެރިޔެކެވެ. އެ މަގުން، ކަންކަމާއި އެއްޗިއްސާ މެދު ހެއުމަގުން ވިސްނައިލާން ކުޑަ ވަގުތުކޮޅެއް ނަމަވެސް ހޭދަކޮށްލުމަކީ ފޫހިކަން ދުރަށްލައިދޭނޭ ކަމެއްކަން އަޅުގަނޑަށް ކަށަވަރެވެ. އެއީ ވެސް ކަންފަސޭހަވުމުގެ ވައްތަރެކެވެ.

ޖުމުލަކޮށް ދަންނަވާ ނަމަ، ކަންފަސޭހަވުމާކީ ކަންފަސޭހަވުން ފަދަ ފަސޭހަ ކަމެކެވެ. އެއީ ވަރިހަމަވުމެއް ނޫނެވެ. ކަންނެތްކަމެއް ވެސް ނޫނެވެ. އެއީ، ދިވެހިބަހުގެ ރަދީފުގައި ދެވަނަ މާނަޔަކަށް ނަމަވެސް އޮންނަ ފަދައިން، ހުރިހާގޮތަކުން ދިރިއުޅުމުގެ ކަންތައްތައް ފަހިވުމެވެ. އެ ބުނާ ފަހިކަމަކީ މީހާގެ ހިތާއި ސިކުނޑިޔާއި ވިސްނުމާއި ފިކުރާއި ޚިޔާލުން މިންވަރަށް އީމާންވުމާއި ޝުކުރުކުރުމުގެ މައްޗަށް ބިނާވެގެން އޮންނަ ކަމެކޭ ދަންނަވައިފައި މި ހިސާބަށް މި ވާހަކަ ކުރުކޮށްލާނަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12

One Response

  1. މި ގައުމުގައި މިހާރު އުޅޭ ގިނަ މީހުން ބޭނުންވަނީ އެއްވެސް ތަކުލީފެއް އުފުލަން ނުޖެހި، ތިމާމެން އެއްވެސް މަސައްކަތެއް ނުކޮށް، ތިމާމެން ބޭނުންވާ ހުރިހާ ކަމެއް ދުނިޔެމަތީގައި ހަމަޖެހިިފައި ހުންނަން. ތިމާއާއި ތިމާ ޚަރަދުދީ ބަލަހައްޓަންޖެހޭ މީހުންގެ ހުރިހާ ކަންތައްތައްވެސް އެއިރަކު އޮންނަ ސަރުކާރަކުން ކޮށްދޭން. މިވަރުގެ ގޮތެއްފޮތެއް ނެތް ބަޔަކު އުޅޭ ގައުމެއް ދުނިޔޭގައި މިހާރު އޮންނާނެހެނެއް ހިޔެއް ނުވޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *