މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކުކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ބޭންކު އެކައުންޓުން 270 ހާހަށްވުރެ ގިނަ ރުފިޔާ ފޭރުނު 10 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މާލެ އާއި އައްޑު އާއި ކ. ހިންމަފުށިން އެ މީހުން ހައްޔަރުކުރީ، މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން 279,600ރ. އަށްވުރެ ގިނަ ފައިސާ ނަގައިފައިވާ ކަމަށް ހުށަހަޅައިފައިވާ މައްސަލައާ ގުޅިގެން، ގޭންގު ކްރައިމް އާއި ހިންމަފުށި ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ބައިވެރިވެގެން މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ހައްޔަރުކޮށްފައިވާ 10 މީހުންގެ ވަނަވަރު
- މުޙައްމަދު ޙަސަން، 59، ލ. އިސްދޫ، ގުޑްލައިފް
- އަލީ ޢިރުފާނު އަޙްމަދުދީދީ، 26، ސ. ހިތަދޫ، އުދަ
- ޢަލީ ޝިރާޒު، 38، ސ. ހިތަދޫ، ނަންރީތިގެ
- ޢަބްދުﷲ ނާފިޛް، 39، ހދ. ވައިކަރަދޫ، ޕެރިމްރޯޒް
- މުޙައްމަދު ޢަލީ، 42، ގއ. ކަނޑުހުޅުދޫ، ފޫހިވާގެ
- މުޙައްމަދު ނުހާދު ޢަލީ، 30، މ. މާލޭގެއާގެ
- މުޙައްމަދު ސިމާދު، 38، ހއ. ކެލާ، ޕެނަމާ
- އަލީ އިމްރާން، 38، ގދ. ފިޔޯރީ، ހީނާމާގެ
- ޢަބްދުﷲ އިސްރާޤް، 19، ގދ. ތިނަދޫ، ގުލްބަކާގެ
- މުޙައްމަދު އިބްރާހީމް، 49، ކ. ހިންމަފުށި، މެޑޯޒް
ފުލުހުން ބުނި ގޮތުގައި މި މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީންނެވެ. އެކަކު ހިންމަފުށިންނެވެ. ދެން ތިބި އެންމެން ވެސް މާލެއިންނެވެ.
"މި މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދައިފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށް ފައިސާ ނަގައިފައިވާ މީހުންނެވެ. އަދި އެތަނުން އެކަކު، ސްކޭމްކޮށްގެން ހޯދައިފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް އެ ފައިސާ އަށް މުދާ ގަނެފައިވެއެވެ. އަނެއް ތިން މީހުންނަކީ އެކި މީހުން އޭޓީއެމްއަށް ގެންގޮސްގެން އެ މީހުން މެދުވެރިކޮށް އޭޓީއެމްއިން ފައިސާ ނެގުމަށްފަހު އެ ފައިސާތަކާ ހަވާލުވެފައިވާ މީހުންނެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.
"މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އިބްރާހީމް ފަސް ދުވަހަށް، މުޙައްމަދު ޢަލީއާއި މުޙައްމަދު ޙަސަން ހަތް ދުވަހަށް، ޢަލީ ޢިރުފާން އަޙްމަދުދީދީ 10 ދުވަހަށް އަދި އަނެއް ހަ މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ."
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment