Support Us

ވަޠަނީ ޚިދުމަތުގެ ބައިވެރިންނަކީ ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ: ރައީސުލްޖުމްހޫރިއްޔާ

ދިވެހި ވަޠަނީ ޚިދުމަތުގެ ބައިވެރިންނަކީ ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިޢާރުތަކަށް ލޯބިޖެހިފައިވާ، ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވާ އާލާކުރުމަށް ޝައުޤުވެރިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ބައިވެރިން ޅ. މާފިލާފުށްޓަށް މިއަދު ފުރުމާ ގުޅުވައި އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. މި މެސެޖުގައި، ‏ރައީސުލްޖުމްހޫރިއްޔާ ވަނީ މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ދިވެހި ޒުވާނުންނަށް ފަހި ކުރިމަގެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ފެށުން ބައިނަލްއަޤްވާމީ ތަޢުލީމީ (އިންޓަނޭޝަނަލް ޑޭ އޮފް އެޑިއުކޭޝަން) ދުވަހުގައި ފެށިގެން ދިއުމަކީ ޚާއްޞަ އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މި ބުރުގައި ބައިވެރިވާ 350 ޒުވާނުން ތިން މަސްދުވަހަށް ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިން، ފުރިހަމަކުރާނެއެވެ.

‏ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތަކަކީ، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމާއި، ފީލްޑް އެކްޓިވިޓީތަކުގެ އިތުރުން ޝައުޤުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ޙަރަކާތްތަކެއް އެކުލެވޭގޮތަށް ކުރިއަށް ގެންދާ ތަމްރީނެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ތަމްރީނުގެ މުއްދަތުގައި، މި ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިޢާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވާ އާލާކުރުމަށް ޝައުޤުވެރިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ޒުވާނުންނަކީ، ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *