އެމް.ޕީ.އެލްގެ ޑިއުޓީގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފެއް ފިޓުޖެހިގެން މޫދަށް ވެއްޓި މިއަދު ނިޔާވެއްޖެއެވެ.
އެމް.ޕީ.އެލް އިން ބުނީ ގއ. ދެއްވަދޫ، ދުކުނުގެ، އަމީން ޢަބްދުލްހަމީދު، 30، މިއަދު ހެނދުނު ވެއްޓުނީ، މާލޭ ވިޔަފާރި ބަނދަރުގައި އޮތް ޓަގް ބޯޓެއްގެ ޑެކްމަތީގައި މަސައްކަތްކުރަމުންދަނިކޮށް ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށް ކަމަށެވެ. އޭނާ ނިޔާވީ އިތުރު ފަރުވާއަށް އައި.ޖީ.އެމް.އެޗް އަށް ގެންދިޔަ ފަހުންނެވެ.
"އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށެވެ. މި ހާދިސާ ހިނގުމާއެކު، މި ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އެމެރަޖެންސީ ރެސްޕޮންސް ޓީމުން ވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައި.ޖީ.އެމް.އެޗް އަށް ގެންގޮސްފައެވެ. އަމީން ނިޔާވީ އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.
އެމް.ޕީ.އެލާ 2020ގައި ގުޅުނު އަމީން މަސައްކަތްކުރަމުންދިޔައީ އެމް.ޕީ.އެލްގެ ފްލީޓް ސަަރިވަސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަޤާމުގައެވެ.
"މި ފުރުސަތުގައި، އަމީންގެ ޢާއިލާއަށް މި ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ދަންނަވަމެވެ." އެމް.ޕީ.އެލްގެ ބަޔާނުގައި ވެއެވެ.



advertisment

