ބައެއް ކަހަލަ ވާހަކަޔަކީ ފުލޯކު ވާހަކައިގެ ޖުއްބާޔެއް ލައިގެން ނޫނީ މީހުންގެ ތެރެޔަށް ނިކުމެއުޅުން އެހައި ރަނގަޅު ވާހަކަޔަކަށް ނުވެ ހިނަގއިދާނެއެވެ. އެހެންވިއްޔާ، އެ ޒާތުގެ ވާހަކަޔެއް މިއަދު އައްސަވައިލައްވާނަމުތޯއެވެ؟
ފުލޯކު ވާހަކައިގެ ރަންޒަމާނުގައި ސާމުކަރައިގައި އުޅުއްވި މަތިވެރި ރަސްކަލަކަށް ޖިޒީ ދައްކަވައިގެން އުޅުއްވި، ކުޑަ ސަހަރެއްގެ ކުޑަތާ ރާޖާއެއް، އެ ރާޖާގެ ތިން ފިރިހެން ދަރިކަލުންކުރެ އެންމެ ދޮށްޓަށް ހުންނެވި ދަރިކަލުން ރާޖާ އަރިހަށް ގެންނަވައި، އެ ދަރިކަލުންނާ މުޚާޠަބްކުރައްވައި، ބަސްފުޅު ވިދާޅުވާން ފެއްޓެވިއެވެ.
"ދަރިފުޅާ ޒާފިރު! ރަށްބޭރުގައި އެ އޮންނަ، އަހަރެންގެ އާފަލު ބަގީޗާ ރަނގަޅަށް ބަލަހައްޓައި، އެ ތަނުގައި ހެދޭ ގަސްގަސް ދުޅަހެއުކޮށް ހެދޭނޭ މަގުން ގަސްތައް ކޮށައި ބަލަހައްޓައި، ގަހުގައި މޫސުމަށް ގަންނަ މަތިވަރު ތިޔާގިކުރާން ކުރާންޖެހޭ އެންމެހައި ކަމެއް ނޯކަރުން ލައްވައި ކުރުވައި، އާފަލު ދޮންވެ ފައްކާވީމައި ބާޒާރަށް ނެރެ ވިއްކައިގެން ލިބޭ އެއްޗަކުން އަހަރެންނަށް ލިބޭންވީ އެއްޗެއް ރަނުންރަނަށް ފޮނުވައި، އޭނާޔަށާއި އޭނާގެ އަތްދަށުން މަސައްކަތްކުރާން އުޅޭ ނޯކަރު އެންމެނަށް ލިބޭންވީ އެއްޗެއް ޞައްޙަ އިންޞާފު މަގުން އެ މީހުންނަށް ދީ، މިހުރިހައި ކަމެއް ކުރާން ދަންނަ، ތަޖުރިބާ ހުރި، އަމާނާތްތެރި މީހަކު ހޯދައިގެން ގެނެސްދޭން އަހުރެން ޒާފިރު ގާތު ބުނިތާ މިއަދަށް މި ހަމަވީ ދެ ހަފުތާ. މި ދެ ހަފުތާގެ ތެރޭގައި އެ ފަދަ މީހަކު ހޯދައި މަތިކޮށްފީމުތަ؟"
ރަސްދަރިކަލުން ޒާފިރު ރާޖާގެ މޫނުފުޅަށް ބައްލަވައި، ބައްޕާފުޅުގެ މޫނުފުޅުމަތީން ފެންނާން ހުރި ސީރިޔަސްކަމުގެ އެންމެހައި ސިފަތައް ފުރިހަމަޔަށް ވަޒަންކުރައްވައި، ތަނާއި ޙާލަތާއި ވަގުތާ މެދު ވިސްނާވަޑައިގެން، އެހެން ހުރިހައި ކަމެއްގެ މައްޗަށް މި ދަނޑިވަޅުގައި އިސްކުރައްވާން ވީ ޒިންމާޔާއި މަސްއޫލިއްޔަތުކަން ދެނެވަޑައިގަތެވެ. އަދި ރާޖާ އެ ވިދާޅުވި މަގުން މިހައިތަނަށް ހިންގެވުމު މަގުތަކުން ލިބިވަޑައިގެން އެއްޗެއްގެ ޚުލާޞާއެއް އެރުވިއެވެ.
"މަތިވެރި، ޢިއްޒަތްތެރި ބައްޕާފުޅުގެ ޢުމުރުފުޅު ދަންމަވައި، ޙަޔާތްޕުޅު ބާއްޖަވެރިކަން މަތީ ދަމަހައްޓަވާށި! އަޅުގަނޑާ ޙަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކޮށް، ވިދާޅުވި އެންމެހައި ސިފަތަކާއި ލިޔާޤަތާއި ޤާބިލިއްޔަތު ހަމަޔަށް ހުރި މީހަކު ހޯދައި، އެ މީހަކު ބައްޕާފުޅުގެ ކުރިފުޅުމައްޗަށް ގެންނާން ބެލިއިރު، ބައްޕާފުޅުގެ ރަސްކަން ފެތުރި އޮތް ބިމުގައި ދިރިއުޅޭ، އެ ފަދަ ދެ މީހަކު އަޅުގަނޑަށް ފެނުނު. އެ ދެ މީހުންނަކީ ވެސް، އަޅުގަނޑު ބެލި ބެލުމުގައި، އަދި އެ ދެ މީހުން ރަނގަޅަށް ދަންނަ މީހުންގެ ރައުޔާ މެދު ވިސްނިޔަސް، ބައްޕާފުޅު ވިދާޅުވި އެންމެހައި ސިފަތަކާއި ލިޔާޤަތާއި ޤާބިލިއްޔަތު ހަމަޔަށް ހުރި ދެ މީހުންކަމަށް ފެނޭ. އެހެން ނަމަވެސް، އެ ދެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިޔާއި ފެންވަރަށް ބަލާއިރު، ދެ މީހުންގެ ދެމެދުގައި ހުރި ތަފާތުގެ ބޮޑުކަމުން، ބައްޕާފުޅުގެ ލަފާފުޅެއް ލިބިގެން ނޫނީ އެތަނުން އެކަކު އިޚްތިޔާރުކުރުން އަޅުގަނޑަށް ދަތިވާތީ އަރިހަށް މި އައީ."
ރާޖާ އޭނާގެ ދަރިކަލުންގެ މޫނުފުޅަށް ބައްލަވައި، ވަފާތެރިކަމާއި އިޚްލާޞްތެރިކަން ނޫން އެހެން އެއްޗެއް ފެނިވަޑައިނުގަތީމައި، ދަރިކަލުންނާ މުޚާޠަބްކުރެއްވީ ހިތްޕުޅު ހެއުކުރައްވައިގެންނެވެ.
"ދަރިފުޅު ތިޔަ ބުނާ ދެ މީހުންގެ ކަންކަން އެހައި ބޮޑަށް ތަފާތުވަނީ ފަހެ ކިއެއްވެތަ؟" ރާޖާ އެއްސެވިއެވެ.
"އައްސަވާ! އެ ތަނުން އެކަކީ ވަރަށް ތަނަވަސް ދިރިއުޅުމެއް އުޅޭ މީހެއް. އޭނާ އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށް އުޅެނީ ހަތަރު އަސް އޭގައި ޖަހައި، ދެ ޚާދިމުން ވެސް އޭނާޔާ އެކުގައި ގާޑިޔަލުގައި ދަތުރުކުރާ ގޮތަށް ހަދައިފައި އޮންނަ، ރަނުން ޒީނަތްތެރިކޮށްފައި އޮންނަ، މޮޅު ގާޑިޔަލެއްގައި. އޭނާ ކައި އުޅެނީ އެންމެ އަގުބޮޑު، އެންމެ މީރު، އެންމެ ތާޒާ ކާނާ. ލައި އުޅެނީ އަގުބޮޑު، ޖަރީކުރި ފޭރާން. އޭނާ ދިރިއުޅެނީ ގަނޑުވަރެއް ކަހަލަ ގެއެއްގައި. އޭނާގެ ނަމުގައި ހިނގާ އެތައް އެތައް ވިޔަފާރިޔަކާއި، އޭނާގެ މަޞްލަޙަތު އޮވެގެން އެހެން މީހުން ހިންގާ އެތައް އެތައް ވިޔަފާރިޔެއް އެބަހުރި. މީހުން ބުނެއުޅޭ ގޮތުގައި، އެ ފަދަ މީހަކާ އާފަލު ބަގީޗާއެއް ޙަވާލުކޮށްފި ނަމަ، ބަގީޗާއިން ލިބޭ އެއްޗަކުން ވައްކަންކޮށްގެން އަމިއްލަ އަންބޮޑި ބޮޑުކުރުމަކީ އޭނާ ކޮންމެހެން ކުރާން ބޭނުންވާނޭ ކަމެއް ނޫން. ބަގީޗާޔާ ޙަވާލުވުމުން އެކަމުން އޭނާޔަށް ވާނީ އެންމެ ފައިދާއެއް. އެއީ އޭނާޔަކީ ބައްޕާފުޅުގެ އިތުބާރު ލިބިގެންވާ ޤަދަރުވެރިޔެކޭ ބުނާން ލިބުމުގެ ފައިދާ. އެކަމުން އޭނާ އަދި އެހެން ފައިދާތަކެއް ވެސް ހަމަ ކަށަވަރުން ވެސް ހޯދާނޭ ބުނާ މަދު ބަޔަކު އަދި އުޅުނަސް، ގިނަ މީހުން އޭނާޔާ މެދު ބުނާ ބުނުމަށް ބަލައި، އާފަލު ބަގީޗާ އޭނާޔާ ޙަވާލުކުރެއްވުމަކީ ރަނގަޅު ކަމަކަށް ވެދާނެ!" ރަސްދަރިކަލުން ވިދާޅުވިއެވެ.
"އަދި ދަންނަވަން ތޯ! މީހުން ބުނާ ގޮތުގައި، އޭނާޔަކީ އޭނާގެ އަމިއްލަ ވިޔަފާރިތަކުގައި އެހައި ކާމިޔާބު މީހަކަށް ވީއިރު، ބައްޕާފުޅުގެ އާފަލު ބަގީޗާއަށް ވެސް އެ ކާމިޔާބުގެ ސިއްރު ސަބަބުތަކުގެ ފައިދާ ކުރާނޭކަމަށް ގިނަ މީހުން ބުނޭ. އެ މީހުން ބުނަނީ އޭނާޔަކީ ޙިލްމު ހުރި، ކުޅަދާނަ މީހެކޭ!" ރަސްދަރިކަލުން އެ މީހާޔާ ބެހޭގޮތުން އޭނާ އެ ހިސާބަށް ދަންނަވާން ހުރި ވާހަކަ ނިންމަވައިލެއްވިއެވެ.
"ދެން ހުރި މީހާޔޯ؟" ރާޖާ އައްސަވައިލެއްވިއެވެ.
"ދެން ހުރި މީހާޔަކީ ބޮޑު ފަޤީރެއް. އޭނާޔަކީ މީގެ ކުރީން ވަރަށް މުއްސަނދި ތާޖިރެއްގެ އާފަލު ދަނޑެއް ވަރަށް ދިގު މުއްދަތަކަށް ބެލެހެއްޓި މީހެއް. އަދި ތާޖިރުކަލޭގެ މުއްސަނދިކަން ދެގުނަ ކޮށްދިން މީހެއް. އޭނާ އެކަމުން ދުރުވާން މަޖުބޫރުވީ، ތާޖިކަލޭގެ ނިޔާވުމާ ވިދިގެން، އެ ކަލޭގެ ދަރީންގެ މެދުގައި އުފެދުނު، ވާރުތަ މުދަލާ ބެހޭ މައްސަލަޔެއްގައި އޭނާ އެކަމާ ދުރުވާން މަޖުބޫރުވީމައި." ރަސްދަރިކަލުން ވިދާޅުވިއެވެ.
"ދެނޯ؟" ރާޖާ އެއްސެވިއެވެ.
"ދެން މިހައިރު ވެސް އޭނާ އެ އުޅެނީ އޭނާ ހަމަ ކުރީން ވެސް އުޅުނު ގޮތަށް. އޭނާ ގިނައިން އުޅެނީ ފައިމަގުގައި. ސަވާރީޔަކަށް ކޮންމެހެން ބޭނުންވެއްޖެ ހިނދެއްގައި ބޭނުންކުރަނީ ތަންކޮޅެއް ބަލިކަމަށް ފެންނަ ހިމާރުގަނޑެއް. އޭނާގެ ގެޔަކީ ވަރަށް އާދައިގެ ފިޔަފާޅިގަނޑެއް. ލައި އުޅެނީ ވަރަށް އާދައިގެ، ދެރަ، ބައު ފޭރާން. ކައިގެން ބޮއިގެން އުޅެނީ އަތުން ކުރާ މަސައްކަތެއްގެ އުޖޫރަޔަކަށް ލިބޭ އެއްޗަކުން، މީހަކަށް ނުދަރައި، ވައްކަމެއް ނުކޮށް، ޚިޔާނާތެއް ނުވެ. ގިނަ މީހުން ބުނެއުޅޭ ގޮތުގައި އޭނާޔަކީ ޢިލްމެއް ހުއްޓަސް ޙިލްމުގެ ކަންފުޅެއް ވެސް ނެތް، ޒަމާނާއި ތަނާއި ޙާލަތާ އެއްގޮތަށް ދިރިއުޅުގެ ފެންވަރު ބައްޓަންކުރާން ނޭނގޭ، އަރާމުގައި ދިރިއުޅޭނޭ މަގު ހޯދާން ނުދަންނަ، ތިމާގެ ގޯތިގެދޮރު ޒަމާނުގެ ހަމަތަކުގެ މަތީން ތަރައްޤީކުރާން ޢަމުދުން ނޭނގޭ، ދުނިޔޭގެ އަދި މި ކަރައިގެން މިހައިރުގެ ޢާންމު ކަންކަމަށް ނުފަރިތަ ނުކުޅެދުންތެރިޔެއް. އެއީ އެ ހިސާބުގެ ގިނަ މީހުންގެ ރައުޔު. އެހެން ނަމަވެސް، ވަރަށް މަދު މީހަކު ބުނިގޮތުގައި، އޭނާޔަކީ ކަމަށް އެންމެ އެކަށީގެންވާ މީހާ. އެހެނީ، އޭނާޔަކީ ޢިލްމާއި ތަޖުރިބާ ހުރި، އިޚްލާޞްތެރި އަމާނާތްތެރިޔެއް. އަދި އެހެން ދުވަހެއް ވެސް އެބައޮތްކަމާއި، މިދުނިޔޭގޭ އުފަލާއި އަރާމާ ހަމައިން ޙަޔާތް ނިމުނީކަމަށް ނުބަލާ މުރުއްވަތްތެރިޔެއް."
"ދެން އެހެން ވިއްޔާ؟" ރާޖާ އެއްސެވިއެވެ.
"ދެން އެހެން ވިއްޔާ، އަޅުގަނޑުމެން އަހާން ވާނީ ގިނަ މީހުންގެ އަޑު ނޫންތޯ؟ މަދު މީހެއްގެ ޚިޔާލަށް އެހައި ބޮޑު ސަމާލުކަމެއް ދޭކަށް ނުވާނެނޫންތޯ؟ އެކަމަކު… އަޅުގަނޑުގެ ހިތަށް އެކަމުގައި އުނދަގޫތަކެއް ވާތީ ބައްޕާފުޅު އަރިހަށް މި އައީ!" ރަސްދަރިކަލުން ވިދާޅުވިއެވެ.
"ދަރިފުޅުގެ ހިތަށް އެ ވާ އުނދަގުލަކީ ދަރިފުޅުގެ އެތެރެހަށީގައި ލައްވައިފައިވާ ޙިކުމަތުގެ ޖައުހަރު ބުނާ ބަހެއްގެ ޢަލާމާތް. އެއް ފަރާތުން އެއް ބަޔަކަށް އެ ފެންނަނީ މިދުނިޔޭގެ އެންމެހައި އުފަލަކާއި އަރާމަކާއި ހައިބަތަކާއި ޖާހެއް ހޯދުމުގެ ފުރިހަމަ ލިޔާޤަތާއި ޤާބިލިއްޔަތު ލިބިގެން، ބޮޑު ގަނޑުވަރެއް ކަހަލަ ގެޔެއްގައި އޭނާޔާއި އޭނާގެ އަނބިދަރީން ދިރިއުޅޭ، ގިނަ މީހުންގެ ނަޒަރުގައި ވަރަށް އުޅުންތެރި، މި ޒަމާނުގެ ގިނަ މީހުންގެ ނަޒަރުގައި ކާމިޔާބު މީހެއް. މޮޅު ފޭރާމުގައި މޮޅު އަސްގާޑިޔަލުގައި ތަންތަނަށް ގޮސް އުޅޭ މަހުޖަނެއް. އޭނާގެ އުނިކަމެއް ހުރިއްޔާ އެ ކަމެއް ފެންނަނީ ވަރަށް މަދު ބަޔަކަށް. އަނެއް ފަރާތުން އަނެއް ބަޔަކަށް އެ ފެންނަނީ ގިނަ މީހުންގެ ނަޒަރުގައި ވަރަށް ނުފޯރާ ދިރިއުޅުމެއް އުޅޭ، މި ދުނިޔޭގެ އުފަލާއި އަރާމާއި ހައިބަތާއި ޖާހު ހޯދާން ނޭނގޭ މީހެއް. އޭނާގެ އަނބިދަރީންނާއި އޭނާ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއް. ފައިމަގުގައި ނޫނީ ދެރަ ހިމާރުގަނޑެއްގައި އުޅޭ މީހެއް. އޭނާޔަށް ބަލާ ގިނަ މީހުންނަށް ފެންނަނީ އުނި، ދުނިޔެއުޅުމުގެ ވައްޓަފާޅި ނުދަންނަ މީހެއް. އޭނާގެ ހެއު ސިފަޔެއް ހުރިއްޔާ އެ ސިފައެއް ދެނެގަންނަނީ ވަރަށް މަދު ބައެއް. ދެން މި ބުނި އެއްޗަކާ މެދު ދަރިފުޅު ވިސްނާ!" ރާޖާ ވިދާޅުވިއެވެ.
"ދެން އަޅުގަނޑު އިޚްތިޔާރުކުރާނީ ކާކުތޯ؟" ރަސްދަރިކަލުން ރާޖާ އަރިހު ދެންނެވިއެވެ.
"މި ފަހަރު ތިޔަ ކަން އަހަރެން ދޫކޮށްލާނީ ދަރިފުޅު އަތްމައްޗަށް. ދަރިފުޅު ތިޔައީ އަހުރެންގެ ވަލީޢަހުދު. އަހުރެން ނެތް ދުވަހަކުން މި ސަހަރުގެ އެންމެހައި ރައްޔިތުންގެ ހެވާއި ލާބަޔާއި ދުޅަހެއުކަމާއި ރައްކައުތެރިކަން ބޮލަރުވައިގެން އުޅޭން ހުންނާނޭ މީހާ. ޤައުމުގެ ދެދުނިޔޭގެ މަޞްލަޙަތު ރައްކައުތެރިކުރުމުގައި އެހެން މީހުންނަށް މަގުދައްކާން ވެސް ހުންނާނޭ މީހާ. ވިސްނުންތެރިކަމާއި ޙިކުމަތާއެކު އެ ދެމީހުންނާ މެދު ވިސްނައި، ބައްޕާގެ މާއްދީ އަދި މަޢުނަވީ އާފަލުދަނޑުގެ މަޞްލަޙަތު އިސްކޮށް، ތިޔަ ކަން އަމިއްލަޔަށް ނިންމައި ފައިސަލާކުރޭ!" ރާޖާ ވިދާޅުބަސްފުޅު އިއްވެވިއެވެ.
ދެން ރަސްދަރިކަލުން ނިންމެވި ނިންމެވުން ތިޔަ އެންމެ ބޭފުޅުންގެ ޚިޔާލުފުޅުގެ ތަނަވަސްކަމުގެ ތެރެޔަށް ދޫކޮށްލައިފައި، އެއީ އެހެން ޒަމާނެއްގެ، އެހެން ސަހަރެއްގެ، އެހެން ވާހަކަޔެއް ނޫންތޯއޭ ދަންނަވައިފައި، ވާހަކަ މިހައި ހިސާބަށް ނިންމައިލާނަމެވެ!
