ދިވެހީންގެ ހިތްތަކުގައި ޤައުމީ ވިސްނުން ހަރުދަނާކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށާއި އޭގެ ބޭނުމަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ މައްޗަށް އިތުބާރު ވަރުގަދަ ކުރައްވައި ދިވެހީންގެ ސަލާމަތް ކަށަވަރުކުރެއްވުން ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ހުރިހައި ޒަމާނެއްގައި ވެސް ދުނިޔޭގައި ދައުލަތެއް އުފެދެނީ ޤައުމެއްގެ ދިފާޢަށް ޓަކައި ކުރެވޭ މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ. އަދި ދައުލަތެއް ދެމި އޮންނަނީ އެ ޤައުމެއްގެ ދިފާޢުގައި މެދުނުކެނޑި ކޮށްކޮށް ތިބޭ ޚާއްޞަ މުހިންމު އެތައް މަސައްކަތެއްގެ ސަބަބުން ކަމަށެވެ. އެ ކަމުގައި އެތައް ބައެއްގެ ފުރާނަ ޤުރުބާންކުރަން ވެސް ޖެހޭ ކަމަށެވެ.
ރާއްޖޭގެ ތާރީޚަށް ބަލާއިރު، ދިވެހީންގެ ދިފާޢުގައި ވެސް އެތައް ހަނގުރާމައެއް ކުރަން ޖެހިފައިވާ ކަމަށާއި މިއިން ކޮންމެ ފަހަރަކު ވެސް ބޭރުގެ ހަމަލާތައް އައިސްފައިވަނީ ދިވެހި ދައުލަތް ނަތްތާލުމަށް ނުވަތަ ދައުލަތުގެ މައްޗަށް އަތްގަދަކުރުމަށް ކަމަށާއި އަދި މި ހަމަލާތައް ދިފާޢުކުރެވިފައިވަނީ ދިވެހި ދައުލަތް ސަލާމަތްކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ދައުލަތެއް ދިފާޢުވަނީ އެ ޤައުމެއްގެ ރައްޔިތުންގެ ވިސްނުންތަކުގައި އެ ދައުލަތެއްގެ ޤަދަރާއި އަހަންމިއްޔަތު ވަރަށް މަތީ ދަރަޖައަކަށް އޮވެގެންނެވެ. އަދި ހަތިޔާރާއި ވަސީލަތުގެ ގޮތުން ތައްޔާރުވެ ތިބެވިގެންނެވެ. މި ހާލަތުގައި ރައްޔިތެއް ދެމި ތިބެނީ އެބައެއްގެ ޤައުމީ ވިސްނުން ނުވަތަ އެބައެއްގެ ހިތުގައި ޤައުމިއްޔަތުގެ ވިސްނުމާއި ރޫޙު ވަރަށް ރަނގަޅަށް އަށަގެންފައި އޮވެގެންނެވެ.
"ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމީ ސިޔާސަތުގައި ރައްޔިތުންގެ ސިކުނޑިތައް ޤައުމާ އެއްކޮޅަށް ބިނާކުރެއްވުމާއި ދިފާޢީ ގޮތުން ވެސް ވަސީލަތްތަކާއި އެހެނިހެން ކުރިއެރުންތައް ގެންނަވަނީ ދިވެހީންގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާސަތު އެތައް ގުނައަކަށް ވަރުގަދަކުރައްވައި ދިވެހީންގެ ސަލާމަތް ކަށަވަރު ކަށަވަރުކުރެއްވުމަށް ޓަކާ،" އާދަމި ނަސީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ދުނިޔޭގައި އަބަދުވެސް ތަފާތު އޮއިވަރުތައް ހިނގާނެ ކަމަށާއި އެކަންކަމަށް ހޭލުންތެރިވެ ތިބެ އެބައެއް ދީނާއި ޤައުމާއި ރާއްޖެއާއި ދައުލަތް ދިފާޢުކުރުމުގެ މަސްއޫލިއްޔަތު އަބަދުވެސް އުފުލަން ޖެހޭނީ އެބަޔަކު އަމިއްލަޔަށް ކަމަށެވެ. ޝަހީދުންގެ ދުވަސްތައް ފަދަ ދުވަސްތައް ޤައުމީ ފެންވަރުގައި ފާހަގަކުރައްވަން ސަރުކާރުން އިސްކަން ދެއްވަނީ ތާރީޚުގެ މި ފަދަ ޙަޤީޤަތްތައް ޖީލުން ޖީލަށް ފޯރުވައިދިނުންކަމަށެވެ. އެ ގޮތުން އަބަދުވެސް ރައްޔިތުންގެ ހިތްތަކުގައި ޤައުމީ މަސްލަޙު އިސްކުރުމުގެ ރޫޙު އަށަގެންނެވުމަށެވެ.



advertisment