ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ފޭރުނު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި މި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކޮށް، ރަހީނުކޮށްފައި ހުރި ދިވެހި ފިރިހެން މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މީހާ ރަހީނުކުރަން މެދުވެރިވި ސަބަބެއް ފުލުހުން ނުބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން:
- ޝުނީނު އަންވަރު، 24، ސ. ހިތަދޫ، ބިލާލުގެ
- ޙުސައިން ނާހީ ޖަމާލު، 23، ސ. ހިތަދޫ، ބްލޫކޯނަރ
- އަލީ ސަރީޚު އަންވަރު، 23، ގދ. ތިނަދޫ، ކުލުނު
- އަޙްމަދު ލުޖައިން، 24، ސ. މީދޫ، ހުވަނދުމާވިލާ
"މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



advertisment