މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިން އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރާ ފުރަތަމަ ޕްރޮޑަކްޓް "އިސްލާމިކް މައިކްރޯ ފައިނޭންސިން" އަށް އެޕްލިކޭޝަން ހުށަހެޅުމަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މިއަދު ހުޅުވައިލައިފި އެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނާގޮތުގައި މި ފައިނޭންސިންގެ ދަށުން 100،000ރ. އާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެއެވެ.
"މި ފައިނޭންސިން އަކީ ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް %2.5 ރޭޓުން ދޫކުރެވޭ ފައިނޭންސިން އެކެވެ. ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި 12 މަސް ދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެއެވެ. މި ފައިނޭންސިން އަށް އެޕްލިކޭޝަން ފީއެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ." އެސްއެމްއީ ޑިޖިޓަލް އިން ބުނެއެވެ.
"އިސްލާމިކް މައިކްރޯ ފައިނޭންސިން އަކީ ބޭންކިން ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށާއި، އަލަށް ވިޔަފާރީގެ މައިދާނަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށްފައިވާ ފައިނޭންސިން އެކެވެ. އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ދޫކުރާ މި ފައިނޭންސިން އަކީ، މީގެ ކުރިން އެއްވެސް ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން މާލީ އެހީތެރިކަން ލިބިފައިނުވާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވާ ފުރުސަތެކެވެ. މި ފައިނޭންސިން ސަބަބުން އާންމު ފަރުދުންނާއި މާލީ ދާއިރާއާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ބޭންކިން ނިޒާމުގެ ތެރެއިން މާލީ ހިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތައް ނައްތާލުމަށް އެހީތެރިވެދޭނެއެވެ."
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އިސްލާމިކް ސޯޝަލް ފައިނޭންސިންގެ ޒަރީއާއިން އެ ކުންފުނީގެ އަމާޒަކީ ބޭންކުތަކުން ފައިނޭންސިން ހޯދުމަށް ޝަރުތު ހަމަނުވާ ފަރާތްތަކަށްވެސް ފުރުސަތުތައް ފަހިކޮށްދީ، ހުރިހާ އެންމެން ބައިވެރިވާ މާލީ ނިޒާމެއް ބައްޓަންކުރުން ކަމަށެވެ.
"މިފަދަ މަގުތައް ފަހިވުމުން އެ ފަރާތްތަކުގެ ގާބިލުކަން ދައްކުވައިދިނުމަށް ފުރުސަތު ލިބި، ކުރިމަގުގައި އެފަރާތްތަކުގެ ވިޔަފާރިއަށް ކުރިއެރުން ލިބޭނެ ކަމަށް ބެލެވޭ. މި ފައިނޭންސިންގެ ސަބަބުން އަލަށް ފަށާ ވިޔަފާރިތައް އިތުރުވެ، އަދި މިހާރުވެސް ގޭތެރޭގައާއި އަމިއްލައަށް ހިންގާ ކުދި ވިޔަފާރިތަކަށް ރަސްމީ ހައިސިއްޔަތެއް ލިބި، ހަރުދަނާކަމާއެކު ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ،" ބަދުރު ވިދާޅުވިއެވެ.
މި ފައިނޭންސިން އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވައިފަ އެވެ.



advertisment

