ކަހުފު ސޫރަތް ބާވައިލެއްވުން
ކީރިތި ރަސޫލާގެ ރިސާލަތާ މެދު ޢަރަބި މުޝްރިކުން އަންތަރީސްވެ އެކަލޭގެފާނަށް ރައްދުދޭން އެމީހުން ނުކުޅެދުނެވެ. ވަކިން ޚާއްޞަކޮށް ޅެންވެރިކަމުގެ އަދަބިއްޔާތުގައި ކުރިއަރާފައިވާ މި މުޖުތަމަޢުގައި މާތް ރަސޫލާގެ ދޫފުޅުން އައި ކީރިތި ޤުރްއާނާމެދު އެމީހުން ގޮތް ހުސްވިއެވެ. އެފަދަ ފުރިހަމަ ބަސްމަގެއް ޢަރަބި ބަހުން ދުވަހަކުވެސް އުފަންވެފައިނެތެވެ. އަދި އެޤުރްއާން އައީ، އޭގެ ޙައްޤުކަމާއިމެދު ސުވާލު އުފައްދާ ފަރާތްތަކަށް ގޮންޖަހައި ފައިސިލާ ކުރަމުންނެވެ. އަދި އެފޮތުގެ ޙައްޤުކަމާއި މަތިވެރިކަން ބަޔާންކޮށްދެމުންނެވެ.
އިސްލާމް ދީނާއި ރަސޫލާ ހުއްޓުވަން ކުރެވެން ހުރި ހުރިހާ ކަމެއް ޤުރައިޝް ވަންހައިގެ ޢަރަބީން ކުރިއެވެ. އެކަމަކު އެކަމުން ނިކުތް ނަތީޖާއެއް ނެތެވެ. ދުވަހެއް ދުވަހަކަށް އިސްލާމް ދީން އައީ ކުރިއަރަމުންނެވެ. ގޮތް ހުސްވެފައި ތިބި ޢަރަބީން، އިސްލާމް ދީން ހުއްޓުވުމަށްޓަކައި އެންމެ ފަހު ހަތިޔާރަކަށް ނެގީ ޔަހޫދީންނެވެ. އެއީ ރަސޫލުންނާއި ބެހޭ ޢިލްމުގައި އެމީހުން ކުރިއަރާފައިވާ މިންވަރުގެ ބޮޑުކަމުންނެވެ. ރަސޫލުﷲގެފާނުގެ ރަސޫލުކަން ތެދުކޮށް ކަށަވަރުކުރުމަށްޓަކައި އެންމެ ރަނގަޅުވާނީ ޔަހޫދީ ޢިލްމުވެރިކަން ކަމަށް މައްކާގެ ބޮޑުން ދުށްޓެވެ. އެއީ މޫސާގެފާނުން ފެށިގެން ޢީސާގެފާނާއި ހަމައަށް އަބަދުވެސް ޔަހޫދީންގެ މެދުގައި ނަބިއްޔަކު އުޅުއްވާފައިވާތީއެވެ.

ޢަރަބީން ސައްލާކުރުމަށްފަހު ނިންމީ މަދީނާގައި ވަޒަންވެރިވެ ތިބި ޔަހޫދީންގެ މަދަދު ހޯދާށެވެ. އެގޮތުން ޢަރަބި ބޮޑުންގެ ދެބެއިކަލަކު ޔަހޫދީ އިލްމުވެރިންނާއި ބައްދަލުކުރެއްވުމަށް މަދީނާއަށް ދަތުރުކުރެއްވިއެވެ. ޙަޤީޤަތުގައި ޔަހޫދީން މަދީނާގައި ވަޒަންވެރިފާންފެށީވެސް އެރަށަށް ރަސޫލު ބޭކަލަކު ފޮނުއްވާނޭކަން އެމީހުންނަށް އެނގިފައިވާތީ ކަމަށް ބައެއް ބޭކަލުން ރިވާކުރައްވައެވެ. އެމީހުން ދުށްގޮތުގައި ދެން ފޮނުއްވާ ރަސޫލަކުވެސް ފޮނުއްވާނީ އެމީހުންގެ އެބަހީ ޔަހޫދީންގެ ތެރެއިންނެވެ. އަދި އެމީހުން ތިބީ ރަސޫލެއްގެ އިންތިޒާރުގައެވެ. ޔަހޫދީ ރައްބީންގެ (ޔަހޫދީ ފާދިރީންގެ) ކިބައިން ޤުރައިޝްގެ ޢަރަބީން ސާފުކުރަން އެދުނީ އިބުރާހީމްގެފާނާއި މޫސާގެފާނު ފަދަ ޙައްޤު ތެދު ރަސޫލަކަށް ކީރިތި ރަސޫލާ (ސައްލަﷲ ޢަލައިހި ވަސައްލަމް) ވާނެގޮތް ދެނެގަންނާނެ ގޮތެއް ބުނެދިނުމަށެވެ.
ޔަހޫދީ ރައްބީން ޢަރަބީންގެ ކިބައިން އެދުނީ ރަސޫލުﷲ އާއި ތިން ސުވާލުކުރުމަށެވެ. ރައްބީން ބުނިގޮތުގައި އެސުވާލުތަކަށް އެކަލޭގެފާނު ޖަވާބުދެއްވައިފިނަމަ އެކަލޭގެފާނު ވާހުށީ ޙައްޤު ރަސޫލު ބޭކަލަކަށެވެ. ސުވާލުތަކަށް ޖަވާބުނުދެއްވިއްޖެނަމަ އެކަލޭގެފާނު ވާހުށީ ފާޅުވެގެންވާ ބޮޑު ދޮގުވެރިއަކަށެވެ. އެއީ އަންނަނިވި ތިން ސުވާލެވެ.
- ޤަދީމީ ދުވަސްވަރު ކަލާނގެ ހިމާޔަތްހޯދަން ފިލައިގެންދިޔަ ޒުވާނުންނަށް ވީގޮތަކީ ކޮބައިކަން؟
- އިރާއި ހުޅަނގަށް ދަތުރުކުރި މަތިވެރި ދަތުރުވެރިޔަކީ ކޮބައިކަން؟
- ރޫޙު އަކީ ކޮން އެއްޗެއްކަން؟
ޔަހޫދީ ފާދިރީންގެ ލަފަޔާއި އެއްގޮތަށް ޢަރަބީންގެ ވަފުދެއް ކީރިތި ރަސޫލާ އަރިހަށް ދިޔައެވެ. މިދުވަސްވަރަކީ ކީރިތި ރަސޫލާއާއި އެކަލޭގެފާނަށް ތަބާވެތިބި މަދު މީސްކޮޅަށް ޢަރަބީންގެ ދެކޮޅުވެރިކަމާއި އަނިޔާވެރިކަން އެންމެ ބޮޑުވެފައި އޮތް ވަގުތެވެ. އެކަލޭގެފާނާއި މުސްލިމުންކޮޅަށް ހަމަޖެހުމާއި ހިތްވަރާއި މަދަދު އެންމެބޮޑަށް ބޭނުންވެފައި އޮތް ދަނޑިވަޅެވެ. އެފަދަ ޚުޡޫރަތްތެރި އިރެއްގައި އެކަލޭގެފާނުގެ ރަސޫލުކަމުގެ ތެދުދޮގު ކަށަވަރުކުރުމަށްޓަކައި ޔަހޫދީ ރައްބީން ބުނި ތިން ސުވާލު ޢަރަބީން އެކަލޭގެފާނަށް ހުށަހެޅިއެވެ. އެމީހުންނަށް އިޖާބަ ދެއްވަމުން އެކަލޭގެފާނު ވިދާޅުވީ ޖެހިގެން އަންނަދުވަހު އެސުވާލުތަކަށް ޖަވާބު ދެއްވާނެކަމަށެވެ. އެކަލޭގެފާނަށް ހަނދުމަފުޅުނެތިގެން މާދަމައޭ ވިދާޅުވެވުނީ ﷲ ގެ އިރާދަފުޅާއި ނުލައެވެ.
ޖެހިގެން އައި ދުވަހު ރަސޫލާގެ އަރިހަށް ޤުރައިޝްގެ ވަފުދު ދެވަނަ ފަހަރަށް ދިޔައެވެ. އެކަމަކު އެކަލޭގެފާނު ވަޢުދުވެވަޑައިގެންނެވި ޖަވާބު ނުދެއްވުނެވެ. އެހެނީ އެކަލޭގެފާނަށް ބޭނުންފުޅުވާ ޖަވާބު ހިއްޕަވައިގެން ޖިބުރީލްގެފާނު ވަޑައިގެންފައިނުވާތީއެވެ. މިގޮތަށް ދުވަސްތައް ފާއިތުވާން ފެށުމުން މުސްލިމުން އިހުނަށްވުރެ ލަދުވެތިވެ ނިކަމެތިވާންޖެހުނެވެ. މިކަމާ ﷲ ގެ ރަސޫލާ ވަރަށް ބޮޑަށް ހިތާމަކުރެއްވިއެވެ. އަނެއްކޮޅުން ޤުރައިޝްގެ ވަފުދު މިކަމާއި އުފާފާޅުކުރިއެވެ. އެމީހުން ހީކުރީ އަދި އުއްމީދުކުރީވެސް ކީރިތި ރަސޫލާއަށް ޖަވާބު ނުދެއްވޭނެ ކަމަށެވެ. ކަން މިހެން އޮއްވާ ދެހަފުތާއަށް ފަހު ﷲ ގެ އަމުރުފުޅާއެކު ޖިބުރީލް ޢަލައިހި ސަލާމް ކަހުފު ސޫރަތާއި އިސްރާ ސޫރަތާއިގެން ވަޑައިގެންނެވިއެވެ. މިއީ މައްކީ ސޫރަތެކެވެ. ކަހުފުގެ މާނަޔަކީ ހޮހަޅައެވެ. ސޫރަތުގައި 110 އާޔަތްވެއެވެ. މިސޫރަތް ދައްޖާލުގެ މިޒަމާނަށް މުސްލިމުން ހޭލައްވައެވެ.
ކަހުފު ސޫރަތުގެ އިންތިޒާމް
ކަހުފު ބެހިފައި ވަނީ މައިގަނޑު ދެބަޔަކަށެވެ. ކޮންމެ ބައެއްގައިވެސް ދެ ޚުޠުބާއާއި (ނަސޭހަތާއި) ދެ ވާހަކައެވެ. އެގޮތުން ފުރަތަމަ ބައިގައި ދެ ނަސޭހަތާއި ދެ ވާހަކައެވެ. ޚުޠުބާ ނުވަތަ ނަސޭހަތުގައި ބަޔާންކޮށްދެއްވަނީ ކަން އޮތްގޮތެވެ. ނުވަތަ ކަމުގެ ހަގީގަތެވެ. މިސާލަކަށް އަހަރެމެން ވިސްނަންޖެހޭ ކަންކަމާއި ކުރަންޖެހޭ ކަންކަމާއި ދުރުހެލިވާންޖެހޭ ކަންކަމެވެ. ވާހަކައިން ބަޔާންކޮށްދެއްވަނީ ހިނގާފައިވާ ހާދިސާތަކާއި އެކަމުން ލިބިގަންނަންޖެހޭ ވަރުގަދަ ފިލާވަޅެވެ. މިސޫރަތުގައި ފާހަގަކުރަންޖެހޭ މުހިންމު އެއްކަމަކީ އެއް ޚުޠުބާ އަނެއް ޚުޠުބާއާއި ގުޅޭގޮތުގެ ފުރިހަމަކަމެވެ. ހަމައެގޮތަށް އެއް ވާހަކަ އަނެއް ވާހަކައާ ގުޅޭގޮތުގެ ފުރިހަމަކަމެވެ.
ސޫރަތުގެ ބައިގެ ފުރަތަމަ ޚުޠުބާ ނުވަތަ ނަސޭހަތުގައި ﷲ ހަނދާންކޮށްދެއްވަނީ އާޚިރަތާއި މަހުޝަރުކުރެއްވުމެވެ. އަދި އެކަލާނގެ އެއްކައުވަންތަކަމާއި ހުރިހައިކަމަކުން އެކަލާނގެ ހުސްޠޯހިރުވެވޮޑިގެންވާކަމެވެ. ކީރިތި ޤުރްއާން ފިޔަވައި ތެދުއެއްޗެއް ނޯންނަ ޒަމާނެއް އަންނާނެކަން މި ޚުޠުބާއިން އެނގެއެވެ.

ސޫރަތުގެ ފުރަތަމަ ވާހަކައަކީ ހޮހަޅައިގެ ޒުވާނުންގެ ވާހަކައެވެ. ކަހުފުގެ މިއަސްޙާބުންގެ ވާހަކައިން ﷲ އަންގަވަނީ އެކަލާނގެ ބާރާއި ކުޅަދުންވަންތަކަމާމެދު އެއްގޮތަކަށްވެސް ޝައްކުނުކުރުމަށެވެ. އީމާންކަމުގެ އަހުލުވެރިންނަށް ﷲ ގެ މަދަދުހުރީ އަހަރެމެން ހިތަށްވެސްނާރާ ފަދަ ގޮތަކަށް ކަމަށެވެ. ﷲ އަށް އީމާންވާ ބަޔަކާ ކުރިމަތިވާނޭ އެންމެ ހިތްދަތި ނުވަތަ ވޭންދެނިވި ތަޖުރިބާ މިވާހަކައިން އަންގައިދެއެވެ. އީމާންކަމުގެ އަހުލުވެރިންނަކީ ޚާއްޞަކޮށް އީމާންކަމުގައިވާ ޒުވާނުންނަކީ ކޮންމެފަދަ ހާލެއްގައިވެސް ﷲ އަށްޓަކައި މިވަގުތީ ދުނިޔެ ގުރުބާންކުރާނެ ބައެއްކަން މިވާހަކައިން އަންގައިދެއެވެ. ކަހުފުގެ ޒުވާނުންނަކީ އެމީހުންގެ ރަސްގެފާނު ﷲ އަށް އީމާންވި މީހުން މަރާ ހުސްކުރަން ފެށުމުން އެގައުމު ދޫކޮށް މުސްލިމުންގެ ގޮތުގައި ފިލި މީހުންނެވެ. މިވާހަކައިން މިއަންގަވަނީ އެއްވެސް ކަމެއް އަންޑަރ އެސްޓިމޭޓްނުކުރުމަށެވެ.
ދެވަނަ ޚުޠުބާގައި އަންގަވަނީ އާޚިރަތުގެ ހެވާއި މޮޅު ހޯދަންކުރަންޖެހޭ ކަންކަމެވެ. ލިބޭދެދަނޑުވެރިންގެ ވާހަކައިން ﷲ އަންގަވަނީ މާއްދީ ބާރަކީ ހުރިހައި އެއްޗެއްނޫންކަމަށެވެ. މާނަޔަކީ މުއްސަނދިކަމަކީ ﷲ އިރާދަކުރައްވައިފިނަމަ ވަގުތުން ނިމިދާނެ އެއްޗެއްކަމެވެ. އަދި ހުރިހާ މާއްދީ ބާރެއްގެ މިލްކުވެރިފަރާތަކީ އެކަލާނގެކަމެވެ. މިވާހަކައިން ލިބިދޭ މެސެޖަކީ ދުނިޔަވީ ކަންކަމުގައި އޯވަރއެސްޓިމޭޓް ނުކުރުމަށެވެ. މާއްދީ ކޮންމެ މޮޅަކީ ކޮންމެ ހިނދަކުވެސް ނިމިދާނެ އެއްޗެއްކަމެވެ.
ދެވަނަ ބައި ފެށެނީ ތިންވަނަ ޚުޠުބާއިންނެވެ. މިފަހަރު ﷲ ހަނދާންކޮށްދެއްވަނީ ދުނިޔެއަކީ ވަގުތީ ތަނެއްކަމެވެ. އަދި ދުނިޔޭގައިވާހުރިހާ ކަމަކީ ހިނދުކޮޅަކަށް ދެމިގެންދާ ކަމެއްކަމުގައެވެ. އަދި ހުރިހާ މޮޅެއްހުރީ އާޚިރަތުގައި ކަމެވެ. އެއީ ޤުރްއާނުގައިވާގޮތަށް އުޅެގެންކަމެވެ.
ދެވަނަ ބައިގެ ފުރަތަމަ ވާހަކައަކީ މޫސާގެފާނާއި ޙިޟުރުކަލޭގެފާނުގެ ވާހަކައެވެ. ޢިލްމުގެ ފިތުނައަށް މިވާހަކަ މުސްލިމުން ހޭލައްވައެވެ. ޙިޟުރުގެފާނާއި މޫސާގެފާނުގެ ބައްދަލުވުމުން ކަހުފު ސޫރަތް އަދުގެ ޒަމާނީ އިންސާނާއަށް މުހިންމު ފިލާވަޅެއްދެއެވެ. އެއީ ދައްޖާލުގެ އެއްލޮލަކީ ކޮބައިކަން ދެނެގަނެވޭވަރަށް ޢިލްމަކީ ކޮބައިކަން ބަޔާންކޮށްދެއްވައިގެންނެވެ. މިވާހަކައިން އެނގޭގޮތުގައި ޢިލްމަށް އެޅޭ ހުރަހަކީ ހަނދާންނެތުމާއި ކެތްތެރިނުވެވުމެވެ.
ދެވަނަ ވާހަކައަކީ ޒުލްގަރުނައިނުގެ ވާހަކައެވެ. ބާރުވެރިކަމުގެ ފިތުނަ މިވާހަކައިން މުސްލިމުންނަށް އަންގައިދެއެވެ. އަދުގެ ދުނިޔެއާއި ޛުލްޤަރުނައިނާއި ހުރި ގުޅުން ވަރަށް ބޮޑެވެ. ކަހުފު ސޫރަތުގައި ބަޔާންކުރައްވާފައިވާ ޛުލްޤަރުނައިން އަކީ ﷲ، އެކަލޭގެފާނަށް ދެއްވި ބާރު، ޙައްޤުގޮތުގައި ﷲ އަށްޓަކައި ބޭނުންކުރެއްވި ބޭކަލެކެވެ. ޤަރުނުގެ މާނަޔަކީ ޖަނަވާރުގެ ދަޅު ނުވަތަ ދިގު ޒަމާނެވެ. އެހެންކަމުން ޛުލްޤަރުނައިން ތަރުޖަމާކުރަންޖެހެނީ ތާރީޚުގެ ދެޒަމާނަކަށް ނުފޫޒުފޯރުވާ ބޭކަލެއްގެގޮތުގައެވެ. އެއީ މާޒީވެގޮސްފައިވާ މާކުރީގެ ޒަމާނަކާއި މިއަދެވެ. (ފަހު ޒަމާނެވެ.) މިސަބަބަށްޓަކައި މިހާރު ދުނިޔޭގައި ތިބި މުސްލިމުންނަށް މިއީ ވަރަށް މުހިންމު މަޢުޟޫއެކެވެ.
މިވާހަކައިގައި ވަނީ ބާރާއި އީމާންކަމާއި ހުރި ގުޅުމެވެ. ޛުލްޤަރުނައިންއަށް ބޭނުންކަމެއް ކުރެއްވޭ ވަރަށް އެކަލޭގެފާނަށް ބާރުދެއްވިއެވެ. އަދި އެބާރު، އެކަލޭގެފާނު ބޭނުންގޮތަކަށް ބޭނުންކުރައްވަން ﷲ އިޚުތިޔާރު ދެއްވިއެވެ. އެހިނދު އެކަލޭގެފާނު މުޅިން އައު ދުނިޔޭގެ ނިޒާމެއް ޤާއިމްކުރެއްވިއެވެ. އެއީ ޙައްޤާއި ޢަދުލުވެރިކަމުގެ މައްޗަށް ބިނާވި ނިޒާމެކެވެ. ތައުހީދާއި އީމާންކަމުގެ މައްޗަށް އާރާސްތުވި ވެރިކަމެކެވެ. ﷲ ގެ ރުއްސެވުމާއި ފުއްސެވުމާއި އާޚިރަތުގެ ބާއްޖަވެރިކަމަށް މަގުފަހިކުރި ޒަޢާމަތެކެވެ.
މިދެވާހަކައިގައިވެސް ދެބޭކަލުން މަސައްކަތްކުރެއްވީ އިންސާފު ގާއިމްކުރައްވާށެވެ. އެކަމަކު ޢަދުލުވެރިވެވަޑައިގަތުމުގެ ގޮތުން މޫސާގެފާނަށް ކަމެއްކުރައްވާނެ ބާރު ލިބިވަޑައިނުގަތެވެ. އަނެއްކޮޅުން ޒުލްގަރުނައިނު ގެންދެވީ ޢަދުލުވެރިވުމުގެ ގޮތުން ކުރައްވަންޖެހިވަޑައިގަތް ކޮންމެ ކަމެއް ކުރައްވަމުންނެވެ. މިވާހަކަތަކުން ﷲ މިއަންގަވަނީ ބައެއް ފަހަރު ކަންކުރުމަށް ބޭނުންވާ މާއްދީ ވަސީލަތްތައް ދެއްވާކަމެވެ. އަނެއްބައިފަހަރު ކަންކަންކުރަން ބޭނުންވާ މާއްދީ ބާރު ނުދެއްވާކަމެވެ. އެހެންވެ އީމާންވާ މީހުން ދަންނަންޖެހޭނެ ކަމަކީ އެމީހުންނަށް ބައެއްފަހަރު ވަސީލަތް ލިބުނަސް އަނެއްބައިފަހަރު ވަސީލަތްތައް ނުލިބިދާނެކަމެވެ.
މިވާހަކަތަކުން ލިބޭ އެއް ފިލާވަޅަކީ ހަޔާތުގައި މާއްދީ ތަނަވަސްކަމަކީ ރަޙުމަތަކަށްނުވެދާނެކަމެވެ. ހަމައެފަދައިން މާއްދީ ތަނަވަސްކަން ނެތުން ރަހުމަތަކަށް ވެދާނެކަމެވެ. ތަނަވަސްކަން ހުންނައިރު ޙައްޤު ގޮތުގައި އޭގެ ބޭނުންކުރަން ޖެހޭނެކަމެވެ. ތަނަވަސްކަންނުވާ ހާލަތުގައި ތިމާއަށްޓަކައި ފަހަށް ހުރި ފައިދާތަކެއް ބޮޑުވެދާނެކަމެވެ. ފެންނަން ހުރި ކަންކަމަށް ވުރެ ފެންނަން ނެތް ކަންކަން (ޣައިބުގައިވާ) ބޮޑުވެފައި މުހިންމުކަމެވެ. ޚުލާސާއަކީ ކޮންމެ ކަމެއްގައި ހަމައެކަނި ﷲ އަކީ ތިމާގެ މައުލާ ކަމަށް ބަލައި ﷲ އަށް ވަކީލުކުރަންޖެހޭކަމެވެ.
އެންމެފަހު ޚުޠުބާގައި ﷲ ބަޔާންކޮށްދެއްވަނީ ހަގީގީ މޮޅާއި ކާމިޔާބަކީ ކޮބައިކަމެވެ. ކާފަރުންގެ އަތުން އަހަރެމެންނަށް މިފެންނަ މާއްދީ ކާމިޔާބާއި މޮޅަކީ އާޚިރަތުގައި އެކައްޗެއްވެސް ނޫންކަމެވެ. އެކަމަކު މާއްދީގޮތުން އެއްވެސް ބުރަދަނެއް ނެތް ޞާލިޙު ހެޔޮ އަމަލުގެ ހުރި މޮޅާއި ކާމިޔާބެވެ. އަދި އެންމެ ކާމިޔާބު މީހަކީ ﷲ އާއި ބައްދަލުކުރުމަށް އިންތިޒާރުކުރާ މީހާކަމެވެ. އެބަހީ ޣައިބަށް ފުރިހަމައަށް އީމާންވާ މީހާއެވެ.
މައުލޫމާތު
ކަހުފް ސޫރާ އިން މޮޑްން އޭޖް، ޢިމްރާން ޙުސައިން
ކަހްފު ސޫރަތުގެ ތަފްސީރު، ނޫމާން ޢަލީ ޚާން، ބައްޔިނާ އިންސްޓިޓިއުޓް
