Support Us

ކޮލަމް; އަލި

ފަށުވި ޢިބާރާތް: ކިހިނެއް ކުރާ ކަމެއް؟ – 1

އިބާރާތް ކުރުމަކީ ކޮބައިތޯއެވެ؟ މިއީ ވަރަށް ގިނައިން އަޅުގަނޑުމެންނަށް އިވޭ ލަފުޒެކެވެ. މި ލަފުޒު ގިނައިން އިވެނީ ލިޔުންތައް ލިޔެފައި ހުންނާ ގޮތަށް ނިސްބަތްކޮށެވެ. ދިވެހިބަސް ފޮތުގައި ބަޔާން ވެގެން ވާ ގޮތުގައި އިބާރާތަކީ މާނައެއް ދޭހަވާ ގޮތަށް އެތުރިފައިވާ ލަފުޒުތަކެވެ. މިއީ މި ލަފުޒުގެ ސިފަވީ މާނަކަމުގައި ދެކެމެވެ. ސަބަބަކީ މި މާނައިން ދޭހަވާ އެއްޗަކަށް ވުރެ "އިބާރާތް" މި ލަފުޒުގެ މާނަ މާ ފުޅާ ވުމުންނެވެ.

ވަކި އުސްލޫބެއްގައި ލިޔެފައިވާ އެއްޗެއްކަށް އޭގެ ރީތިކަމާއި ހުތުރުކަން ކަނޑައެޅުމުގައި އިބާރާތްކުރުން ވަރަށް ރީއްޗޭ ނުވަތަ ހުތުރޭ ބުނާތީ އަދި ކިޔާތީ އަޑު އިވެއެވެ. މި އިސްތިލާހާ މެދު އޭގެ ޒާތުން އޮޅުންފިލުވައިދޭން ލިޔުންތަކެއް ލިޔެފައިވާތީއެއް ނުދެކެމެވެ. މިހެން ވުމާއެކު، މި އިސްތިލާހުގެ ދަށުން ކޮންމެވެސް ވާހަކަކޮޅެއް އެކުލަވައި ލުން މުހިންމުކަމުގައި ދެކެމެވެ. އުނގަންނައި ދިނުމުގެ ބޭނުންމަށް ޓަކައެވެ. ލިޔާ އެއްޗެއް ބަޔާންކޮށް ފާޅުކުރުމުގެ ފަސޭހައަކަށް ވެދާނޭ ކަމަށް ޓަކައި ވެސް މެއެވެ.

ޖުމުލައެއް ލިޔެފައިވާ ކުރު ދިގުމިނުގެ ގޮތަށް، ނުވަތަ އޭގައިވާ އޮމާން ކަމާއި ކުރުކަރި ކަމަށް ނުވަތަ އޭގެ ބަސްކޮށާރުގެ މުނާސަބު ކަމަށް ނުވަތަ މުނާސަބު ނޫންކަމަށް ބަލައި އިބާރާތް ކުރުމުގެ މައްޗަށް އެކި ދުވަސްވަރު އެކިއެކި ފަރާތްތަކުން ވާހަކަދައްކައެވެ. އަދި އެފަދަ ކަންކަމުގެ މައްޗަށް ފާޑުކިޔުންތައް ވެސް އަމާޒުކުރެތެވެ. މިވެނި ޖުމުލައެއް އޮތީ އިބާރާތްކުރުމުގެ ރީތި ހަމަތަކުގެ މައްޗަށް ނޫންކަމާއި އެވެނި ލިޔުމެއް އޮތީ އިބާރާތް ކުރުމުގެ ރީތި ގޮތްތަކަށް ބަލައިގެން ލިޔެފައިކަން ބަޔާންކޮށް ހުކުން ކަނޑައަޅައިފައި ހުންނާތީ ވެސް ފެނެއެވެ. ކޮންމެއަކަސް އިބާރާތް ކުރުމަކީ ކޮބައިކަން ބަޔާންކޮށް ސީދާ މި ނުކުތާގެ މައްޗަށް ދައްކައިފައި ހުރި ވާހަކަތަކެއް ނުފެނެއެވެ.

އިބާރާތް ކުރުމާ މެދު ޚިޔާލު ފާޅު ކުރައްވައި ވާހަކަފުޅު ދައްކަވަމުން "އޮފީސް ދިވެހި މުދައްރިސުން" މި ނަމުގައި އޮތް ވައިބަރު އޮޅިއެއްގައި 19 ޖޫން 2020ގައި ބޭފުޅަކު ލިޔުއްވައިފައި އޮތްވައި ދުށީމެވެ. އެ ބޭފުޅަކީ ދިވެހިބަހަށް ގިނަ ގުނަ ޚިދުމަތް ކުރައްވާ މަޝްހޫރު ލިޔުތެރިއެއް ކަމުގައިވި އަލްއުސްތާޛް ޢަބްދުލް ޢަޒީޒް ޖަމާލް ޢަބޫބަކުރެވެ. ދިވެހިބަސްފޮތުގައި އިބާރާތުގެ މާނަ އޮތް ގޮތާ ޙަވާލާދެއްވައި އޭނާ ލިޔުއްވައިފައި އޮތީ "އިބާރާތަކީ، މާނައެއް ދޭހަވާ ގޮތަށް އެތުރިފައިވާ ލަފުޒުތަކޭ" ބުނީމާ އެ ބުނެވެނީ އިބާރާތަކީ ހަމަ ޖުމުލައޭ ނޫންތޯ؟ އެކަމަކު އިބާރާތް ކުރާން ދަސްކޮށް ދިނުމަކީ ލަފުޒުތަކުން ޖުމުލަ ހަދާން ދަސްކޮށް ދިނުމަށް ވުރެ ފުޅާ ކަމެއް ނޫންތޯ؟" މިއެވެ. ހަމަ އެ އޮޅީގައި މި މައުޒޫގެ މައްޗަށް ޚިޔާލުފާޅުކުރައްވައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްގެ ދާރިސެއް އަދި އަދިވެހިބަހުގެ އުސްތާޒާއެއް ކަމުގައިވާ ޢަޒީޒާ ޢަފީފު ވިދާޅުވައި އޮތްވާ ދުށީމެވެ. "އިބާރާތް ކުރުމުގެ ލަފުޒީ މާނައަކީ މާނައެއް ދޭހަވާ ގޮތަށް ލަފުޒުތައް އެތުރުމެވެ. އިބާރާތްކުރުމުގެ ފުން މާނައަކީ ލަފުޒުތައް މައިގަނޑުތަކާއި ބަސްކޯޅިތައް އެކުލަވައިލުމާއި ބަސްކޯޅިތައް ގަތައިގެން ޖުމުލަ އުފެއްދުމެވެ. އަދި ޖުމުލަތައް ބުގިސްކޮށް ޕެރެގުރާފުތައް ލިޔެ، ލިޔުންތައް އެކުލަވައިލުން ވެސް އިބާރާތް ކުރުމުގެ ފުޅާ މާނައިގެ ތެރޭގައި ހިމެނިދާނެއެވެ."

އަޅުގަނޑަށް ވިސްނޭ ގޮތުގައި އިބާރާތަކީ ތިމާގެ ހިތުގައި އުފެދޭ ޝުޢޫރެއް ނުވަތަ ޖަޒުބާތެއް ނުވަތަ ޚިޔާލެއް ވުޖޫދު ކުޅައުމުގެ ފޭރާމަށް ބޭނުން ކުރާ އިސްތިލާހެކެވެ. އިބާރާތްކުރުމަކީ އެޝުޢޫރެއް ނުވަތަ އެ ޖަޒުބާތެއް ނުވަތަ އެ ޚިޔާލެއް ވަކި ހަމަތަކެއްގެ މަތިން ވުޖޫދު ކުޅައުމުގެ ފިކުރީ އޮނިގަނޑާ ލައިމެހިފައިވާ ލިޔުމުގެ މަސައްކަތާއި، އެއާ ގުޅިފައިވާ އެހެނިހެން ކަންކަމެވެ. އެ ވުޖޫދުވާ އުފެއްދުމެއްގެ އުނި ނުވަތަ ފުރިހަމަ އެތުރުމާއި ހުތުރު ނުވަތަ މޫރިތި ފޭޑި ނުވަތަ ގޮތްގަނޑު ވެސް މެއެވެ. އެކި ލިޔުންތެރީން އިބާރާތް ކުރުން ބިނާ ވަނީ އެކިއެކި ފޭޑިޔަޔަށެވެ. އިބާރާތްކުރުމުގެ ފޭޑީގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.