Support Us

ޝާމިލު މުޖުތަމަޢެއް ބިނާކުރެވޭނީ ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެގެން: ރައީސުލްޖުމްހޫރިއްޔާ

އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ބްރެއިލް ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް އުނގެނުމުގެ ފުރުސަތުތަކާއި، އަމިއްލަ މިނިވަންކަމާއި، އަދި އިންސާނީ ކަރާމާތް ކަށަވަރުކޮށްދިނުމުގައި ބްރެއިލް އަދާކުރި މުހިންމު ދައުރަށް އަލިއަޅުއްވައިލައްވާފައެވެ. މީގެ އިތުރުން އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ އެ މުޖުތަމަޢެއްގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތާއި ހަމަހަމަފުރުސަތުތައް ލިބިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ސަރުކާރުގެ ސިޔާސަތުތަކާއި، ނިންމާ ކޮންމެ ނިންމުމެއްގައިވެސް އެންމެންގެ ބައިވެރިވުން ޝާމިލުވާ، އަދި އެއްވެސް މީހަކު ބާކީނުވާނެފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަށްކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ދުނިޔޭގެ ބްރެއިލް ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ހިއްސާކުރެއްވި މެސެޖްގައި ފެނުމުން މަހުރޫމްވެފައިވާ މީހުންގެ ހިތްވަރާއި ކެތްތެރިކަން ފާހަގަކުރައްވައި، އެފަރާތްތަކުގެ ދިރިއުޅުމުގައި ބްރެއިލް ނިޒާމު އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.

ޢިލްމު އުނގެނުމަކީ ވަކި ބަޔަކަށް ލިބިގެންވާ އިމްތިޔާޒެއް ނޫންކަމަށާއި، އެއީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަން ފާހަގަކުރައްވައި އެންމެން ޝާމިލްވާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، އެކަކު އަނެކަކަށް އަޅާލުމާއި ހަމްދަރުދީވުމުގެ މުހިންމުކަން ވެސް އެކަމަނާގެ މެސެޖްގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ މެދުގައި އޯގާތެރިކަމާއި އަޅާލުން އިސްކުރުމަށް ގޮވާލައްވައި، ކޮންމެ ފަރުދަކީވެސް މުޖުތަމަޢުގައި އަގުވަޒަންކުރެވޭ، އެހީތެރިކަން ލިބޭ، އަދި ބާރުވެރި ފަރުދެއްކަމުގެ އިޙްސާސް ކޮށްދެއްވުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރެއްވުމަށް އެކަމަނާ ބާރުއަޅުއްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *