މޯލްޑިވިއަންއިން މާލެއާއި މ. މުލީ އެއާޕޯޓާ ދެމެދު ކުރާ ދަތުރުތަކަށް، ހަވީރު ދަތުރުކުރާ އިތުރު ފްލައިޓެއް ހަމަޖައްސައިފިއެވެ.
މި ފްލައިޓްތަކުގެ ދަތުރުތައް ރަސްމީކޮށް ފަށައިފައިވަނީ މިމަހު 27 ގައެވެ. މި ދަތުރުތައް ކޮންމެ ދުވަހަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާލެއިން ފުރާ ގަޑިއަކަށް ހަމަޖައްސައިފައިވަނީ ހަވީރު 6:00 އެވެ. މި ދަތުރުތައް ގަވާއިދުން ބާއްވަން ފެށުމުގެ ކުރިން އޮޕަރޭޝަނަލް ގޮތުން ވާންޖެހޭ ތައްޔާރީތައް ބެލުމަށްޓަކައި ޑިސެމްބަރު 18 ގައި ވަނީ ކާމިޔާބު ޓެސްޓް ފްލައިޓެއް ބާއްވައިފައެވެ.
އިރުއޮއްސޭ ވަގުތު މި ފްލައިޓް އިތުރުކުރުމުގެ މައިގަނޑު ބޭނުމަކީ ވަޒީފާއަށާއި ރަސްމީ ބޭނުންތަކަށާއި އަދި ޒަރޫރީ އެކި ކަންކަމުގައި ދަތުރުކުރާ މީހުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
"ހާއްސަކޮށް، މުލީގެ ރައްޔިތުންނަށް އެއް ދުވަހުން ކުރާ ދަތުރު ނިންމާލުމުގެ ފުރުސަތު މި ފްލައިޓުގެ ސަބަބުން ފަހިވެގެންދާނެއެވެ. މި ބަދަލާއެކު، މޯލްޑިވިއަންއިން މިހާރު މާލެއިން މުއްޔަށް ދުވާލަކު ދެ ފްލައިޓް، އަދި މުލިން މާލެއަށް ދުވާލަކު ތިން ފްލައިޓް ދަތުރުކުރާނެއެވެ." ގައުމީ އެއާލައިނުން ބުނެއެވެ.
"ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދަތުރުފަތުރަށް އޮތް ޑިމާންޑް ބޮޑުވެފައިވާއިރު މުއްޔަށް އިތުރުކުރި މި ފްލައިޓްތަކުގެ ސަބަބުން، ޗުއްޓީގެ ބޭނުންތަކަށް ދަތުރުކުރާ މީހުންނަށާއި، ވިޔަފާރި ދަތުރުތައް ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ."
މިއީ މޯލްޑިވިއަންގެ ކަސްޓަމަރުންގެ ބޭނުންތަކަށްޓަކައި އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.



advertisment

