ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން މިއަދު ހަވާލުކުރި 2000 އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީ މަހު ފަށަން ހަމަޖައްސައިފިއެވެ.
އެމްއެމްއޭ އިން އެކުލަވާލައިފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބީއެމްއެލް އިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން، ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ އިމާރާތްކުރުމުގެ ދެ މަޝްރޫއުގެ މަސައްކަތް މިއަދު ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ދެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެއީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އެވެ.
އައިއެންއޭއެޗް ފްރޭމްވޯކާ އެއްގޮތަށް ހިންގޭ މި މަޝްރޫއުތަކުން ފެންވަރު ރަނގަޅު ހައުސިން ޔުނިޓްތައް އިމާރާތްކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެއެވެ.
މިއީ އެމްއެމްއޭގެ ނޭޝަނަލް ހައުސިން ޕްރޮޖެކްޓް ތަންފީޒުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮމަރޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10% އާއި 15% އާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިންއަށް ހާއްސަކުރަން ވަނީ ލާޒިމްކޮށްފައެވެ.
ބީއެމްއެލް އިން އަދި ބުނީ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން މިއަދު މަސައްކަތް ހަވާލުކުރި ހައުސިން ޔުނިޓްގެ އިތުރުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާއެކު އިތުރު ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރުމަށް.ހަމަޖެހިފައިވާ ކަމަށެވެ. އެއާއެކު ޖުމުލަ 3000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީ މަހު ފެށޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.
ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)
ބީޔޫސީޖީއާ ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު ތަރައްގީކުރުމަށެވެ. ބީޔޫސީޖީއަކީ ބައިނަލްއަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދައިފައިވާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި އެކި ޕްރޮޖެކްޓްތައް މީގެ ކުރިންވެސް ހިންގާފައިވެއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްގީކުރުން ފަދަ ބޮޑެތި، ހަރުދަނާ މަޝްރޫއުތަކުން ކުންފުނީގެ ގާބިލުކަން ވަނީ ސާބިތުކޮށްދީފައެވެ.
ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)
ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ސީއެމްއީސީއާ ވަނީ ހަވާލުކޮށްފައެވެ. މި ކުންފުންޏަކީ ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތްކޮށް، ހަރުދަނާ ޓްރެކް ރެކޯޑެއް ގާއިމުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން ވިނަރެސް ހައުސިން ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައި، މިހާރު ދަނީ ގުޅީފަޅާއި ހުޅުމާލޭ ފޭސް ދޭއްގެ އިންފްރާސްޓްރަކްޗަރ މަސައްކަތް ކުރަމުންނެވެ.
ބީއެމްއެލް އިން ބުނާ ގޮތުގައި މި ކޮންޓްރެކްޓަރުން ހޮވައިފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަނަންސް އަދި ރިސްކް ސްޓޭންޑަޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހުގައެވެ. އެގޮތުން، އެއްބަސްވުން ގާއިމުކުރެވުނު ދެ ކުންފުންޏަކީވެސް މާލީ ގޮތުން ގާބިލު، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖްކުރުމުގެ ތަޖުރިބާ ހުރި، އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މާހައުލު ރަނގަޅަށް ދަންނަ ދެ ކުންފުނި ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ އުފައްދާފައިވަނީ އެމްއެމްއޭގެ އައިއެންއޭއެޗް ސިޔާސަތު ތަންފީޒުކުރުމަށް ހާއްސަކޮށްފައިވާ ބެންކުގެ ސަބްސިޑީއެއްގެ ގޮތުގައެވެ. އަދި މި ކުންފުނި ހިންގަމުންދަނީ އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
ބޭންކް އޮފް މޯލްޑިވްސް އާއި އެ ބޭންކުގެ ސަބްސިޑަރީ ކުންފުނިން އަންނަނީ ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަމަށް އެއްބާރުލުން ދިނުމަށާއި، އެންމެންނަށް ބައިވެރިވެވޭ އަދި ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމަށް އެމްއެމްއޭ އިން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް، ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށްދެމުންނެވެ.



advertisment

