Support Us

ހުޅުމާލޭ ހިޔާ ޕާކުގައި "ރީޑިން ނުކް" އެއް ގާއިމްކޮށްފި

ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ޕާކު (ރުއްގަނޑު 3) ސަރަހައްދުގައި ފޮތް ކިޔުމަށް ހާއްސަކޮށް "ރީޑިން ނުކް"އެއް މިއަދު ހުޅުވައިފިއެވެ.

މިއީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކުން، އެ ސަރަހައްދުގައި ތިބެގެން ހިތްހަމަޖައްސައިލައި ފޮތްކިޔޭނެ މަގުފަހިކުރުމަށް އެޗް.ޑީ.ސީން ގާއިމްކުރި ނުކް އެކެވެ. އެގޮތުން ހުރިހާ އުމުރުފުރާއަކަށްވެސް އެކަށީގެންވާ، ދިވެހި އަދި އިނގިރޭސި ފޮތްތައް މި ނުކްއިން ލިބެން ހުންނާނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އޭގެ ތެރޭގައި އެއް އަހަރާއި ހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތަކާއި، ހަ އަހަރާއި 10 އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތަކާއި ޓީން ފިކްޝަން ފޮތްތަކާއި ދިވެހި ބަސް އުނގެނުމަށް ހާއްސަ ފޮތްތަކާއި ކެއްކުމާއި ލައިފްސްޓައިލްގެ އިތުރުން ދީނީ ފޮތްތައްވެސް ލިބެން ހުންނާނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

"ނުކް އިން ފޮތް ނެގުމަށްފަހު، އެ ޕާކު ސަރަހައްދުގެ ކޮންމެ ހިސާބެއްގައިވެސް ފޮތް ކިޔަން ތިބެވޭނެއެވެ. ނަމަވެސް އެ ސަރަހައްދުން ދިޔުމުގެ ކުރިން ފޮތް އަނބުރާ ރައްދުކުރަންވާނެއެވެ." އެޗް.ޑީ.ސީން ބުނެއެވެ.

"ރީޑިން ނުކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:30 އިން ރޭގަނޑު 08:00 އަށެވެ. މިއީ، ފޮތް ކިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، އަދި ހުޅުމާލޭގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ކުރިއަށްގެންދެވުނު މުހިންމު ޕްރޮޖެކްޓެކެވެ. އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ ހިތްފަސޭހަ އަދި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވިފައިވާ ތަނަކަށް ހެދުމަށެވެ."