Support Us

ކޮލަމް: ހާފިޒީ

ރާގޮނޑިކޮލި: ދެނެގަންނާނީ ކިހިނެއް؟

ރާގޮނޑިކޮއްޔަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު މަހެކެވެ. ނަމަވެސް މި ބާވަތުގެ މަހެއް ބޭނިގެން ރާއްޖޭގައި ރެކޯޑް ކުރެފިފައި އޮންނަނީ ވަރަށް މަދުންނެވެ. އެއީ މިބާވަތް ބޭނޭލެއް މަދުކަމުންނާއި ކެއުމަށް ބޭނުންކުރާ މަހަކަށް ނުވާތީ ކަމަށް ވެސް ވެދާނެއެވެ.

ރާއްޖޭގައި މަހުގެ ބާވަތެއް ކެވިގެން ވިހަވެ، އަދި ބައެއްފަހަރު މަރުވާން ދިމާވާ ސަބަބަކީ ރާގޮނޑިކޮއްޔެއް ކެވިގެން ކަމަށް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް ޤަބޫލުކުރެވިފައި އޮވެއެވެ. ނަމަވެސް ކަނޑައެޅިގެން ރާގޮނޑިކޮއްޔަކީ ކޮބައިކަން އަޅުގަނޑުމެންގެ ތެރޭގައި މުތުލަގަށް ސާފުވެފައި އޮތް ކަމަކަށް ނުބެލެވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި ރާގޮނޑިކޮއްޔަކީ ރާގޮނޑިއާ ވަރަށް އެއްގޮތް، ވަރަށް ބޮޑަށް ބަލައިގެން ނޫނީ އެ ދެ ބާވަތް ވަކި ކުރަން ނޭނގޭ މަހެކެވެ. އަނެއް ބަޔަކު ބުނަނީ ރާގޮނޑިކޮއްޔަކީ ކޮލީގެ ބާވަތެއް ކަމަށެވެ. މި ދެންނެވި ސަބަބާ ހުރެ ރާގޮނޑި ނުކައިވެސް ބައެއް މީހުން އުޅެއެވެ. އަދި ބައެއް ގޭގެއަށް ރާގޮނޑި ނުވައްދާ ވެސް އުޅެއެވެ.

ރާގޮނޑިކޮލީގެ ނަމަށް ބަލާއިރު މި ނަމަކީ ދެމަހެއްގެ ނަން އެކުވެގެން އުފެދިފައިވާ ނަމެކެވެ. ރާގޮނޑިއާއި ކޮއްޔެވެ. ރާގޮނޑިއަކީ ދިވެހި މަސްވެރިކަމުގައި ދޮށިންނާއި ވަދުގައި ބާނާ މަހެކެވެ. ދިވެހިން އާންމުކޮށް ކައިއުޅޭ މަހެކެވެ. ކޮއްޔަކީ ތަފާތު ސިފަސިފައިގައި ދިވެހި ކަނޑުފަޅުން ފެންނަމަހެކެވެ. މީގެ ވަރަށް ކުދިކުދި ބާވަތްތައް މޫދުގެ ތިލަ ހިސާބުތަކުގައި ދިރިއުޅެއެވެ. އަދި ބޮޑެތި ކޮލި ފުން ވިލުތަކުގައްޔާއި، ފަޅުމަތީގައްޔާއި ފަރުފަރުގެ ބޭރުގައި ގިނަ އަދަދަކަށް އުޅެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއްނޫނެވެ.

ކޮންމެހަކަސް ރާގޮނޑިކޮލީގެ ހަގީގަތް ހޯދުމަށްޓަކައި ރާއްޖޭގައި ދިރާސާ މަސައްކަތްތަކެއް ވެސް ކުރެވުނެވެ. ރަސްމީ ގޮތެއްގައި 'ރާގޮނޑިކޮއްޔެއް' ރާއްޖޭގައި ފުރަތަމަ ފަހަރަށް ރެކޯޑްކުރެވިފައިވަނީ 1985 ވަނަ އަހަރުގެ ތެރޭގައި ދ. ހުޅުދެލީ މަސްވެރިން ބޭނި ރާގޮނޑިކޮއްޔެއް ކަމަށް ބުނި މަހެއްގެ މައްޗަށެވެ. އެ މަހަކީ ކޮލީގެ ބާވަތެކެވެ. އެންމެ ވިހަގަދަ ކޮލީގެބާވަތެކެވެ. އެއީ Lagocephalus Lagocephalus ކިޔާ ބާވަތުގެ ކޮއްޔެކެވެ.

މިއީ ރާގޮނޑިއެކޭ އެއްގޮތަށް ހިމަ ދިގުކޮށް އޮންނަ މަހެކެވެ. މަހުގެ އަރިމަތި ހުންނަނީ ރާގޮނޑިއެކޭ އެއްގޮތަށް ރިހި އަނދުން ކުލައިގައެވެ. ނަމަވެސް މަހުގެ އެހެނިހެން ބައިތައް ހުންނަނީ ކޮއްޔެއްގެ ސިފައިގައެވެ. މަހުގެ އަނގަޔާއި ބަނޑުދަށް ފަރާތް އަދި ނިގޫފަތާއި ކޮތަރިބައިތައް ހުންނަނީ ކޮލީގައި ހުންނަ ގޮތަށެވެ. އެހެންކަމުން މިމަހަށް ރާގޮނޑިކޮލި ކިޔައި އުޅެނީ މިދެންނެވި ސިފަތަކަށް ބަލައިގެން ކަމަށް ބެލެވެއެވެ.

މި ބާވަތުގެ ކޮލީގެ މަސްގަނޑަކީ އާންމު ގޮތެއްގައި ވިހަ އެއްޗެއް ނޫނެނެވެ. ނަމަވެސް މަހުގެ އެހެނިހެން ބައިތައް (ހަމާއި ބިސް އަދި މެޔާއި ހަށިގަނޑުގެ އެތެރޭގައި ހުންނަ އެހެނިހެން ބައިތައް) ވިހައެވެ. މިއީ ކެވިއްޖެނަމަ އިންސާނާގެ ހަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުންދޭ ތަކެއްޗެވެ. "ކޮލިވިހަ" ނުވަތަ "ޓެޓްރައޮ ޑޮކްސިން" އަކީ ހިއްސުގެ ނާރުތަކަށް ގެއްލުންދޭ ވިހައެކެވެ. އޭގެ ކިތަންމެ ކުޑަ މިންވަރަކުންވެސް އިންސާނާގެ ހިއްސުތަކަށް ގެއްލުންދީ ފިޓްޖެހި ޕެރަލައިޒްވާގޮތް ވެދާނެއެވެ. މިމަސް ކައިގެން ވިހަވާ މީހުންގެ 60 އިންސައްތަ މީހުން މަރުވާ ކަމަށް ދުނިޔޭގެ ރެކޯޑް ތަކުން ދައްކައެވެ.

އެހެނިހެން ކޮލީގެ ބާވަތްތަކާ ޚިލާފަށް މިއީ ދިގުކޮށް އިންނަ ރިހި ވިދުމެއްގެ މަހަކަށްވެފައި އާންމު ގޮތެއްގައި ދިރިއުޅެނީ ފަރުފަރުގެ ބޭރުގައްޔާއި އެތެރެވަރީގެ ކަނޑުތަކުގައި ކަމަށްވާތީ ވަދު މަސްވެރިކަމުގައި މިކޮލި ބޭނޭތީ މިއީ ކޮއްޔެއް ކަމަށް ނުދެކި އޮޅިގެން މި މަސް ކެވުމަކީ އެކަށީގެންވާ ކަމެކެވެ.

ރާގޮނޑިކޮއްޔަކީ ރާގޮނޑިއާ ވަރަށް ވައްތަރު މަހެއް ކަމަށާއި މިދެބާވަތުގެ ތަފާތު ދެނެގަންނަން ދަތިވާނޭ ކަމަށް ބުނާ މީހުން އެބުނަނީ ކޮންމަހެއްގެ ވާހަކަ ބާވައެވެ؟ މި ސުވާލަށް ޖަވާބެއް ހޯދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ މިތާ ހިއްސާ ކޮށްލާނަމެވެ.

"ގެނބުރު ރާގޮނޑި" (ބުލެޓް ޓޫނާ)

ރާގޮނޑި އާ ވަރަށް އެއްގޮތް ކަނޑުމަހުގެ ބާވަތެއް އުޅެއެވެ. މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ދިވެހިންގެ ތެރޭގައި ނެތްކަމަށް ފާހަގަކުރެވިގެން މި މަހަށް "ގެނބުރު ރާގޮނޑި" (ބުލެޓް ޓޫނާ) ކިޔާ ނަން ދީފައިވެއެވެ. ގެނބުރަކީ ކަނޑު ބޭރެވެ. މާދުރު ފުން ހިސާބެވެ. ރާގޮނޑިޔާ އެކު އައިން ހަދައިގެން މާ ކަނޑުގައި ގެނބުރުގައި މި މަސް އުޅޭތީ އެ ގޮތަށް އެ ނަން ދެވިފައިވަނީއެވެ. މިއީ ރާއްޖޭގެ ކަނޑުތަކުން ވަރަށް މަދުން ބޭނޭ މަހެކެވެ. އަދި މާކަނޑުގައި ރާގޮނޑިއާއިއެކު އައިން ހަދައިގެން އުޅޭ މަހެއް ކަމަށްވާތީ ރާގޮނޑި ބާނާ މޫސުމުގައި މި މަސް ބޭނެއެވެ. ވަރަށް ބޮޑަށް ބަލައިގެން ނޫނީ މިދެބާވަތުގެ ތަފާތު ދެނެގަތުން ދަތިވާނެއެވެ.

ރާގޮނޑި

ރާގޮނޑި ބާނާ މޫސުމުގައި މާލޭގެ މަސްމާރުކޭޓުގައި މިބާވަތުގެ ރާގޮނޑި ވިއްކަން ހުއްޓާ އަޅުގަނޑަށް ވެސް ފެނިފައި އެބަހުއްޓެވެ. ވިއްކަން ބާއްވާފައި އޮތީ ރާގޮނޑިތަކުގެ ތެރޭގައި ރާގޮނޑިއެއްގެ ގޮތުގައެވެ. ދިވެހި މަސްވެރިން މިދެބާވަތް ވަކިކޮށެއް ނޫޅެއެވެ.

ރާގޮނޑިކޮއްޔަކީ ރާގޮނޑިއާ ވަރަށް އެއްގޮތް މަހެއް ކަމަށް ދެކޭ މީހުން މި ދެބާވަތުގެ ރާގޮނޑީގެ ތަފާތު ދެނެގަނެ، ގެނބުރު ރާގޮނޑި އަކީ ރާގޮނޑި ކޮލި ކަމަށް ނިންމަފާނެއެވެ. ނަމަވެސް މިއީ ވިހަ މަހެއް ނޫނެވެ. މިއީ ހަމަ ރާގޮނޑީގެ ބާވަތެކެވެ. ކެއުމަށް ރަނގަޅު މަހެކެވެ.

މި ދެ މަހުގައި ހުރި ތަފާތަށް ބަލާއިރު މަހުގެ ދެ އަރިމަތީގައި ދިގަށް ދެމިފައި ހުންނަ ހުޅުނބު ރޮނގު ފެށިފައި ހުންނަ ގޮތާއި، މި ހުޅުނބު ރޮނގު ނިގޫކޮޅަށް ދެމިފައި ހުންނަށް ފުޅާމިން ދެމަހުގައި ތަފާތު ވާނެއެވެ. އަދި މަހުގެ ބުރަކަށިމަތީގައި ހުންނަ ގަދަ ނޫކުލައިގެ ރޮނގުތައް ރާގޮނޑީގައި ހުންނަ ރޮނގުތަކަށްވުރެ ފުޅާކޮށް މަހުގެ ހުރަހަށް ވާގޮތަށް ގެނބުރު ރާގޮނޑީގައި ހުންނަކަން ފާހަގަކުރެވެއެވެ.

މި ލިއުމުގައި ބަޔާންކުރެވިފައިވާ ކަންކަމަށް ބަލާއިރު ރާގޮނޑިކޮއްޔަކީ ކޮލީގެ ބާވަތެއް ކަމަށްވާ 'ލެގޮސެފަލަސް ލެގޮސެފަލަސް' ކަމަށް ބުރަވެވެއެވެ. ވީމާ ރާއްޖޭގެ ބައެއް މީހުން ރާގޮނޑި ކޮއްޔެއް ކެވިދާނެތީ ރާގޮނޑި ކާން ބިރުގަނެ އެ ކެއުން ދޫކޮށްލުމުގެ އެއްވެސް މާނައެއް ނެތެވެ. އަދި ހަމަ އެފަދައިން ރާގޮނޑިއާއި ވައްތަރު ގެނބުރު ރާގޮނޑި ނުކާންވީ ސަބަބެއްވެސް ނެތެވެ. ސަމާލުވާންވީ، ފަރުވާތެރިވާންވީ އެއްވެސް ވައްތަރެއްގެ ކޮއްޔެއް ނުކެއުމަށެވެ. ނުވަތަ ކޮއްޔެއް ކަމަށް ޝައްކު ކުރެވޭ މަހެއް ވެސް ނުކާންވީއެވެ. އެއީ ނުރައްކާތެރި ވިހައެއް ކެވިދާނެތީއެވެ.