ނަސީބުވެރިޔަކަށް 100،000ރ. ލިބުމުގެ ފުރުސަތާއެކު އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފިއެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވާ މި ޕްރޮމޯޝަން ރަސްމީކޮށް ފެށީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިރޭ ބޭއްވި ހާއްސަ ހަފްލާއަކުންނެވެ. ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ ޗެއަރމަން އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އަހުމަދު ޝަހީރެވެ.
މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ އަންނަ އަހަރުގެ މާރިޗު 18ގެ ނިޔަލަށެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޒާން ބާޒާރުގައިވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން %50 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މީގެ އިތުރުން، 500ރ. އިން މަތިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ޑިޖިޓަލް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ހަފްތާއަކުވެސް މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން އެކަކަށް ވަރަށް ހާއްސަ ގިފްޓް ހެމްޕަރެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމާއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރިއާއަށް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000ރ.ގެ ފައިސާގެ އިނާމު ލިބޭނެއެވެ.

މިއަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށްދާނެއެވެ.
"އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ބާއްވާ މި ޕްރޮމޯޝަނަކީ ރޯދަމަހަށް ހާއްސަކޮށްގެން އާންމުންގެ ގެތަކަށް ބޭނުންވާ ކޮލިޓީ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ބައްލަވައިގަތުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކުވެސް ގިނަ ބަޔެއްގެ ބޮޑު ތަރުޚީބެއް ލިބެއެވެ." އެސްޓީއޯ އިން ބުނެއެވެ.



advertisment

