ހުޅުމާލޭ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް އެޗްޑީސީން ލޯންޗުކޮށްފިއެވެ.
ފަރުކޮޅުފުށީގައި ރޭ ބޭއްވި "ސޭފާ ހުޅުމާލެ" އިވެންޓުގައި މި ހިދުމަތް އިފްތިތާހު ކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރެވެ. މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސްގެ ޔުނީފޯމާއި އަދި ލޯގޯ ވަނީ ތައާރަފުކޮށްފައެވެ.
"އެސްޓޭޓް ސެކިއުރިޓީ ސާރވިސަސް ތަޢާރަފް ކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަދި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުމެވެ. މި ޕްރޮގްރާމްގެ ދަށުން، ސެކިއުރިޓީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ. އެސްޓޭޓް ސެކިއުރިޓީ ސާރވިސަސް ތަޢާރަފްކުރުމުގެ ސަބަބުން ސެކިއުރިޓީ ޚިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް، ފަސޭހަކަމާއެކު މޮނިޓަރކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ." އެޗް.ޑީ.ސީގެ ބަޔާނެއްގައި ވެއެވެ.
"އަދި މި ޕްރޮގްރާމްގެ ސަބަބުން ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެސްޓޭޓް ސެކިޔުރިޓީގެ ސާރވިސަސްގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ އެކު އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވާނެއެވެ. މިއީ ހުޅުމާލޭގެ އަމާންކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ."
އެޗްޑީސީން ބުނާ ގޮތުގައި އެ ކުންފުނިން މަސައްކުރަނީ ހުޅުމާލޭގައި ދިރިއުޅޭ އެންމެނަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ. އަދި އުފާވެރި، ރައްކާތެރި، ޒަމާނީ ސިޓީއަކަށް ހުޅުމާލެ ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެޗްޑީސީން ކުރަމުންގެންދާނެއެވެ.



advertisment

