ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އިތުރަށް ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ނުކުތް އެމްޑީޕީގެ "ހަބަރު ސިޓީ"ގެ ހަވަނަ އަދަދު (16-30 ސެޕްޓެމްބަރު) ގައި "ރައްޔިތުންނަށް ހެޔޮގޮތުގައި ވެރިކަން ކޮށްދިނުން" މި މައުލޫއަށް ނަޝީދު ލިޔުއްވާފައިވާ ކުރު މަޒުމޫނެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފުރިހަމައަށް ތާއީދު ކުރައްވަ އެވެ. އަދި ރައީސް ސޯލިހްގެ ވެރިކަމަށް ކުޑަވެސް ހީނަރުކަމެއް އައުމަށް ނަޝީދު އެދިވަޑައިނުގެންނަވައެވެ.
އެމްޑީޕީން އެމަނިކުފާނަށް ދީފައިވާ އެންމެ މަތީ މަގާމަކީ އެމަނިކުފާނަށް ފެންނަ ގޮތަކަށް ވާހަކަ ދެއްކުމަށް ދީފައިވާ ފުރުސަތުކަން ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސް ސޯލިހްގެ ވަޒީރަކާ މެދު ނުރުހުން ފާޅުކުރެއްވުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަން ރައީސް ސޯލިހަށްވެސް އެނގިވަޑައިގެންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު ކަށަވަރުކޮށްދެމެވެ. އަޅުގަނޑު ރައީސްގެ މިނިސްޓަރަކާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރަނީ އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުއްމީދަކާ އެކުއެއް ނޫނެވެ. އަޅުގަނޑަކު ދެނަކު ރާއްޖޭގެ ރައީސް ކަމެއް ކުރުމަކަށް ނުއެދެމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީއިން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ވެރިކަން ކޮށްދިނުމަށެވެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.
ރައީސް ނަޝީދަކީ ރާއްޖޭގައި ފުރަތަމަ ބޭއްވި މަލްޓި ޕާޓީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި 2008 ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަތުމަށްފަހު ތިން އަހަރު ނުވަނީސް އަމިއްލަ އަށް އިސްތިއުފާ ދެއްވާފައި ހުންނެވި ބޭފުޅެކެވެ.
ރައީސް ނަޝީދު ވިދާޅުވީ ބައެއް ބޭފުޅުންގެ ނަޒަރުގައި އެމަނިކުފާނު ފާހަގަކުރައްވާ ކަންކަމަކީ އަމިއްލަ މަސްލަހަތު ހުރެގެން މިސަރުކާރު ނިކަމެތި ކުރަން ދައްކާ ވާހަކަތަކެކެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެއް ކަމުގައި ވިދާޅުވި އެވެ.
"ވެރިކަމުގެ ނިޒާމް ބަދަލުކުރަން އަޅުގަނޑުއެދެމެވެ. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ނިޒާމެވެ. އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދެވެން އޮތް ނިޒާމަކީވެސް ބަރުލަމާނީ ނިޒާމެވެ. ރައީސް ސޯލިހުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީވެސް ބަރުލަމާނީ ނިޒާމެވެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މިސަރުކާރުގެ ވަޒީރެއްގެ ކޮރަޕްޝަންގެ ވާހަކަ އެމަނިކުފާނު ދައްކަވަނީ އެއްވެސް ހާލެއްގައި ބޮޑުވަޒީރު ކަން ބޭނުންފުޅުވެގެން ނޫނެވެ. އަދ ބޮޑުވަޒީރުކަން ބޭނުންފުޅުވާނަމަ އެވާހަކަ ދަންނަވާނެ އެވެ.



advertisment
One Response
މަނިކުފާނުގެ އަނގައިން ތެދެއް ބޭރުނުވާނެކަން ދިވެހިރައްޔަތުންނަށް ރަނގަޅަށް އެގޭ.. ތިވެސް ވާނީ ހަމަ ބޮޑު އޮޅުވާލުމަކަށް.. އޭރުން ތާ ދެންތިބި ބަޔަކު އެކަމަށް ނުވިސްނާ އެއްޗެއް ނުބުނެ ތިބޭނީ..
އާންމު އުސޫލުން މަނިކުފާނު އެއްޗެއް ބުނެފިތަ ދިމާ އިދިކޮޅަށް އެކަމެއްކުރާނީ.. އެއީ މިހާތަނަށް ޕްރޫފުވެފައިވާ ގޮތް..
މީހުން ގަމާރު ހައްދަން ނޫލޭ…ހަމަ އަދިވެސް ބުނާނީ #އިންޑިޔާ އައުޓު