ދުނިޔޭގެ ޑިޖިޓަލް ޕޭމަންޓްސްގެ އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑު ބީ.އެމް.އެލް އިން ތައާރަފްކޮށްފިއެވެ. މި ކާޑަކީ ރާއްޖެއަށް ތައާރަފްކުރި ފުރަތަމަ މެޓަލް ކާޑެވެ.
ބީއެމްއެލް އިން ބުނީ ވިސާ ކްރެޑިޓްގެ އެންމެ މަތީ ފެންވަރުގެ ކާޑު ކަމަށްވާ ވިސާ އިންފިނިޓް ކާޑަށް ކޮލިފައިވާނީ މަހެއްގެ މައްޗަށް މަދުވެގެން 127،000ރ.ގެ އާމްދަނީއެއް ލިބޭ ކަސްޓަމަރުންނަށް ކަމަށެވެ.
"މިއީ ރާއްޖެއަށް އެންމެ އީޖާދީ އަދި އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތައް ތައާރަފްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. ހާއްސަ ޕްރިވިލެޖްތަކާއެކު، ދުނިޔޭގެ ފެންވަރުގެ އެންމެ ފުރިހަމަ ޚިދުމަތް ލިބޭ ވަސީލަތްތައްތައް ގާއިމުވެގެން ދިޔުމަކީ ރާއްޖޭގެ މުޖުތަމައުގެ ފުދުންތެރިކަން އިތުރުވަމުންދާއިރު ކަސްޓަމަރުން މިފަދަ ޚިދުމަތްތަކަށް ބޭނުންވާ މިންވަރު އިތުރުވަމުން އަންނަ ކަމެކެވެ. ވިސާ އިންފިނިޓް ކާޑަކީ މިފަދަ އުންމީދުތައް ހަގީގަތަކަށް ހަދައިދީ އަދި އެ ކާޑާ ވާދަނުކުރެވޭ ވަރުގެ ފައިދާތަކެއް ފޯރުކޮށްދޭ ކާޑެކެވެ. ވިސާ އިންފިނިޓްގެ މަޝްހޫރުކަމާއި ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ ހަރުދަނާ މަގާމާއި އަދި އެ ކާޑުން ލިބޭ ފައިދާތަކުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް ވެގެންދާނީ މަތީ ފަންތީގެ އަދި އީޖާދީ ޕޭމަންޓްގެ ހައްލު ގެނެސްދޭ ބޭންކަކަށެވެ." ބީ.އެމް.އެލް އިން ނެރުނު ބަޔާނެއްގައި ވެއެވެ.
"ވިސާ އިންފިނިޓް ކާޑްހޯލްޑަރުންނަށް ލަގްޒަރީ ހޮޓެލްތަކުގައި ވީއައިޕީ ސްޓޭޓަސް އާއި އިންޓަނޭޝަނަލް އެއާޕޯޓްތަކުގައި ފަސޭހަ އަދި ފުރިހަމަ ޚިދުމަތެއްވެސް ލިބޭނެއެވެ. މީގެ ތެރޭގައި ފާސްޓް ޓްރެކް އިމިގްރޭޝަން، ޕަރސަނަލައިޒްޑް މީޓް އެންޑް އެސިސިސްޓް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ޕްރިމިއަމް ލައުންޖްތަކަށް އެކްސެސް ލިބުމާއެކު، ޕްރަޔޯރިޓީ ރިޒަވޭޝަން ޚިދުމަތްތަކާއި، ޝެފް ޓޭބަލް އިވެންޓުތަކާއި އާޓް ޝޯ އަދި ކޮންސަޓްތަކަށް ހާއްސަ އެކްސެސް އަދި ހިލޭ ގޮލްފް ކުޅުމާއި ސްޕާގެ އެންމެ ފުރިހަމަ ޚިދުމަތްތަކާއި އެލީޓް ކްލަބް މެމްބަޝިޕް ލިބޭނެއެވެ. އަދި މުނިފޫހިފިލުވުމަށް ޕްރިމިއަމް ސަބްސްކްރިޕްޝަންތަކާއެކު ފުޑް ޑެލިވަރީ އާއި އެންމެ ކުރިއަރާފައިވާ އޭއައި އެޕްތަކުގެ ޚިދުމަތްތަކާއެކު، ޑިޖިޓަލް ޚިދުމަތްތައްވެސް ލިބޭނެއެވެ."
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ކަސްޓަމަރުންނަށް ޕްރިމިއަމް ބޭންކިން ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ކާޑު ތައާރަފްކުރުމަކީ ބޭންކަށް ލިބޭ ފަޚުރެއް ކަމަށެވެ.
"މި ކާޑުން ކަސްޓަމަރުންނަށް ހާއްސަ އެކްސްކްލޫސިވް ބެނެފިޓްތަކަކާއި ކަސްޓަމަރުންގެ ލައިފްސްޓައިލާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ލަގްޒަރީ ޚިދުމަތްތައް ލިބޭނެ. މި ކާޑު ރާއްޖެ އަށް ތައާރަފުކުރުމުން ދައްކުވައިދެނީ ރާއްޖޭގެ މުޖުތަމައަށް ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ހައްލުތައް ތައާރަފްކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން،" ޝަރީފު ވިދާޅުވިއެވެ.
ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރ، އަވަންތި ކޮލަމްބަގެ ވިދާޅުވީ، ރާއްޖެއަށް އިންފިނިޓް ކާޑު ތައާރަފްކުރުމަކީ ވިސާ އަށް ލިބޭ އުފަލެއް ކަމަށެވެ.
"މި ކާޑުން އެހެން އެއްވެސް ކާޑަކުން ނުލިބޭ ފައިދާ އާއި ބައިނަލްއަގުވާމީ ޕްރިވިލެޖްތަކާއި އަދި ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ. ރާއްޖޭގެ ފުރަތަމަ މެޓަލް ކާޑު، ވިސާ އިންފިނިޓް ކާޑުން ޕްރިމިއަމް ޑިޖިޓަލް ތަޖުރިބާގެ އާ ބެންޗްމާކެއް މި ކަނޑައެޅުނީ. މިއީ ރާއްޖޭގެ ކަސްޓަމަރުން ވެސް ހާއްސަ ލަގްޒަރީ ޚިދުމަތަކަށް ބޭނުންވުން އިތުރުވަމުންދާ ކަމުގެ ހެއްކެއް. މި ކާޑު ރާއްޖެއަށް ތައާރަފްކުރުމަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އީޖާދީ ޚިދުމަތްތަކެއް ދިނުމަށް ވިސާއިން ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް. މިއީ ހަމައެކަނި ކާޑެއް ނޫން. މިއީ ލަގްޒަރީ ތަޖުރިބާތަކެއް ކުރުމަށް ހުޅުވާލެވޭ ދޮރެއް،" އޭނާ ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ "ރާއްޖެއަށް ޕޭމަންޓް ހައްލުތައް ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން އަދާކުރާ އިސް ދައުރު، މި ކާޑާއެކު އަނެއްކާވެސް ފުޅާވެގެންދާނެ" ކަމަށެވެ. މިގޮތުން "2002 ވަނަ އަހަރު ވިސާގެ ކާޑުތައް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކުރީވެސް ބީއެމްއެލްއިންނެވެ. އަދި މިދިޔަ އަހަރު، ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލަޔަންޓް ވިސާ ކްރެޑިޓް ކާޑު ވަނީ ތައާރަފްކޮށްފައެވެ. ކްލަސިކް، ގޯލްޑް، ޕްލެޓިނަމް ވިސާ ކްރެޑިޓް ކާޑުތަކާ އެކު ކްލާސިކް ޑެބިޓް އަދި ދާދި ފަހުން ތައާރަފްކުރި ޕްލެޓިނަމް ކާޑާއެކު ވިސާގެ ޑެބިޓް ކާޑުތައްވެސް ބޭންކުން އަންނަނީ ދޫކުރަމުންނެވެ."
ވިސާއަކީ ޑިޖިޓަލް ޕޭމްންޓުތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ އިސް ސަފުގައި ފާގަކޮށްލެވޭ ކާޑް ނެޓްވޯކެވެ. މިގޮތުން މަރޗަންޓުންނާއި މާލީ އިދާރާތަކާއި ސަރުކާރު އިދާރާތަކުގެ ފައިސާގެ މުއާމަލާތްތަކުގެވެސް މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރެއެވެ. ވިސާގެ މަގުސަދަކީ އީޖާދީ، ފަސޭހަ، އިތުބާރުހިފޭ އަދި ރައްކާތެރި ޕޭމަންޓް ހައްލުތަކާއެކު ދުނިޔެ ގުޅުވާލައި، އާންމު ފަރުދުންނާއި ވިޔަފާރިތަކާއި އިގްތިސާދުތައް ކުރިއެރުވުމެވެ. ވިސާއިން ގަބޫލުކުރަނީ އެންމެންގެ ބައިވެރިވުމާއެކު ހިންގޭ އިގްތިސާދީ ހަރަކާތްތަކުން މުޅި މުޖުތަމައުގެ ކުރިއެރުމަށް އެހީވެދޭ ކަމެވެ. އަދި ފައިސާގެ މުއާމަލާތްތަކުގެ މުސްތަގުބަލު ބިނާވެފައި ވަނީ މުޖުތަމައުގައި މާލީ ކަންތައްތަކުގައި ބައިވެރިވުމަށް އޮންނަ ފަސޭހަކަމުގެ މައްޗަށެވެ. އިތުރު މައުލޫމާތު Visa.com އިން ލިބޭނެއެވެ.



advertisment

