މާލޭ ސަރަހައްދުގައި ދިމާވެފައިވާ ވެހިކަލް ޕާކިންގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި ވަގުތީ ޕާކިން ސަރަހައްދުތަކެއް ކަނޑައަޅައިފިއެވެ. މިގޮތުން ޕާކިން އަށް ކަނޑައެޅި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ 1،964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ވަނީ ކަނޑައަޅައިފަ އެވެ.
އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ވަގުތީ ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމާއި، މަގުތަކުގައި ވެހިކަލްތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުން ކަމަށް އެޗްޑީސީން ބުނެއެވެ.
"މާލޭގައި ޕާކިންގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ހުޅުމާލެއިން މިފަދަ ބޮޑު ޖާގައެއް ހަމަޖެއްސުމަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން ވެހިކަލް ޕާކުކުރުމަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޕާކިން ބިލްޑިން ތަކެއް ހެދުމުގެ މަސައްކަތް މި ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ." އެޗްޑީސީން ބުނެއެވެ.

ވަގުތީ ޕާކިން ސަރަހައްދުތަކާއި ޖާގަތައް
• މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދު: 115 ޖާގަ
• ގާޒީ ސްކޫލު ސަރަހައްދު: 254 ޖާގަ
• ހިޔާ ޓަވަރު-16 ސަރަހައްދު: 1233 ޖާގަ
• ވިނަރެސް ސަރަހައްދު: 362 ޖާގަ
"ވަގުތީ މި އިންތިޒާމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ވެހިކަލްތަކަށާއި މަގު ބޭނުންކުރާ ހުރިހައި ފަރާތްތަކަށްވެސް ލުއިފަސޭހަވެ، ލިބޭ ރައްކާތެރިކަން ބޮޑުވާނެއެވެ. އަދި މާލެ ސަރަހައްދުގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ހުޅުވާލި ވަގުތީ ޕާކިން ސަރަހައްދުތަކުގެ ސަބަބުން އުޅަނދު ގެންގުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް ވާނެއެވެ." އެޗްޑީސީން ބުނެއެވެ.



advertisment

