Support Us

ކޮލަމް ކަލާވެހި: އިނގިރޭސިބަހުން ބުނާ ހަމަ ކޮންމެ އެއްޗެއް…

މިއީ އަޅުގަނޑު ނުދައްކާންކަމަށް ހުންނަ ވާހަކައެކެވެ. އެހެންނަމަވެސް… އާދެ! އެހެންނަމަވެސް، އެ ވާހަކަ ވެސް ނުދައްކާ ހަމަ ފަރުނުޖެހުނީމައި، ދެން ޖެހޭނީ ދައްކާން، އެހެންނޫންތޯއެވެ! އައްސަވާށެވެ!

މިހައިރަކަށް އައިސް ވަކި ޒާތެއްގެ ބަޔަކު، އަޑަށް ބާރުލައިފައި، އަދި އޭގެ ތެރެއިން ބައެއް މީހުން އަމިއްލަ ތަޢާރުފުގެ މައި މުޑިކަމަށް ބަލައިގެން އުޅޭ ދެތިން އަކުރަށް ވެސް ބާރުލައިފައި، ބުނެ އެބައުޅެޔޭ، އިނގިރޭސިބަހުން ފަސޭހަކަމާއެކު ބުނެލެވޭ ހައުދަހައި ގިނަ އެއްޗެއް ދިވެހިބަހުން ބުނެލާން އަހަރުމެންނަށް ހައުދަހައި ދައްޗޭ، ދިވެހިބަސް ހަމަ ފަޤީރިއްޔޭ، އެހެންވީމަޔޭ އަހަރުމެން އެކަކު އަނެކަކާ އިނގިރޭސިބަހުން ވާހަކަދައްކާން ހިތްވަރުދީ، ބާރުއަޅައި މިއުޅެނީ!

ހިތާމަހުއްޓެވެ! ދެ ކަމަކަށްޓަކައި ހިތާމަހުއްޓެވެ! އޭގެ ތެރެއިން އެއް ކަމަކީ، އެ މީހުން އެ ބުނާ ބުނުން އަޅުގަނޑަށް އެހައި ފަސޭހައިން ބަލައިނުގަނެވުނީމައި، އެ މީހުން އިނގިރޭސިބަހުން ދައްކާ ވާހަކައިގައި ބޭނުންކުރާ ކޮންމެ ލަފުޒަކަށް ލަފުޒެއް ދިވެހިބަހުގައި ނެތްކަމަށް ބުނީމައި، އެ ވާހަކަ އަޅުގަނޑު ބަލައިނުގަންނާތީ އޭގެ ތެރެއިން ބައެއް މީހުން ނިކަމެތި އަޅުގަނޑަށް ކުރާކަމަށް ބަޔަކު އަޅުގަނޑު ގާތު އެ ބުނާ ނަފުރަތުގެ ސަބަބުން އަޅުގަނޑުގެ އިޚްލާޞްތެރި ރަޙުމަތްތެރީން ހިތާމަކުރާން ޖެހުމެވެ. އަނެއް ކަމަކީ، ދިވެހިބަހުން ބުނާން ދަތިކަމަށް ބައެއް މީހުން އިނގިރޭސިބަހުން ބުނާ ބައެއް އެއްޗިހި، ލަފުޒުން ލަފުޒަށް ދިވެހިބަހަށް ތަރުޖަމާނުކޮށް، އެކަމަކު ހަމަ އެ މާނައިގައި، ވަރަށް އާދައިގެ މަށް ދިވެހިބަހުން އަޅުގަނޑަށް ބުނެވުނީމައި، އަޅުގަނޑު ބުނާ އެއްޗެއް ހެއްވާ އެއްޗަކަށް ހެދުމަކީ ބައެއް މީހުންނަށް އާދަޔާޚިލާފު އުފަލެއް ލިބޭ ކަމަކަށް ވެސް ބައެއް ފަހަރު ވުމެވެ. ކުރާނޭ ކަމެއް ނެތެވެ! އެ ބަޔަކު ހީކުރާނޭ އެއްޗެއް ހީކޮށް، ބުނާނޭ އެއްޗެއް ބުނުމުގެ މިނިވަންކަމަކީ އެ ބަޔަކަށް ލިބިގެންވާ އެއްޗެއް، އެހެންނޫންތޯއެވެ!

ބަޔަކު ހީކުރާނޭ އެއްޗެއް ހީކޮށް، ބުނާނޭ އެއްޗެއް ބުނުމުގެ މިނިވަންކަމަކީ ބަޔަކަށް ލިބިގެންވާ އެއްޗެއްކަމަށް އެންމެން ޤަބޫލުކުރާނެންޏާ، އަޅުގަނޑު ބުނާ އެއްޗެއް ވެސް އަޑުއައްސަވައިލެއްވުން ހަމަ އެންމެ ރަނގަޅުވާނެ، އެހެންނޫންތޯއެވެ! އެހެން ވިއްޔާ، އަޅުގަނޑާ އެކު ވަރަށް އާދައިގެ ކުޑަކުޑަ ދަތުރަކު ވަޑައިގަންނަވަމާތޯއެވެ! މިތާ ތިރީގައި އިނގިރޭސިބަހުން އަޅުގަނޑު މި ލިޔެލާ ޢިބާރާތް ދިވެހިބަހަށް އަނބުރައިލާނޭ ދެ ގޮތެއް އަޅުގަނޑު ހަމަ މިތާނގައި ލިޔެލީމައި، އޭގެ ތެރެއިން ކޮންމެވެސް އެއް ގޮތެއް އިޚްތިޔާރުކޮށްދެއްވުން ކީއްތޯއެވެ!

އިނގިރޭސިބަހުން އޮތް ޢިބާރާތް:

There was this young man in my class who was not too classy with his behavior. On the outside, he looked as cool as a cucumber, but on the inside, he was hell on wheels. The boy had a way of getting my goat every time he answered a question I asked. One day, I asked him what ‘barking up the wrong tree’ meant. He pretended to be a dog and brought the house down with his barking act. I just saw red!

ފުރަތަމަ ތަރުޖަމާ:

އޭނާގެ ސުލޫކު އެހާ ކުލާސްވަންތަ ނޫން ޒުވާން ފިރިހެނެއް އަހަރެންގެ ކުލާހުގައި ހުއްޓެވެ. ބޭރުމަތީގައި، އޭނާ ފެންނަނީ ބޮޑުކެކުރިއެއްހާ ފިނިކޮށެވެ. އެކަމަކު އެތެރެއިން އޭނާޔަކީ ފުރޮޅުމަތީގައި ވާ ނަރަކައެވެ. އަހަރެން ސުވާލެއް ކުރާ ކޮންމެ ސުވާލަކަށް ޖަވާބުދޭ ވަގުތަކު އަހަރެންގެ ބަކަރި އަތުލާނޭ ގޮތެއް އޭނާޔަށް ލިބިފައި އޮވެއެވެ. އެއް ދުވަހަކު، 'ނުބައި ގަހެއްގެ މައްޗަށް ވައްވައްޖެހުމުގެ' މާނަޔަކީ ކޮބައިތޯ އަހަރެން އެހީމެވެ. އޭނާ ކުއްތާޔަކަށް ހެދުނެވެ. އަދި ވައްވައްޖެހުމުގެ ތަމްސީލުކުޅެގެން ގެ ތިރިޔަށްގެނައެވެ. އަހަރެނަށް ހަމަ ރަތްކުލަ ފެނުނެވެ!

ދެވަނަ ތަރުޖަމާ:

އޭނާގެ ސުލޫކާއި އަޚުލާޤު އެހައި ހެއު ނޫން ޒުވާން ފިރިހެނަކު އަހަރެންގެ ކުލާހުގައި އިނެވެ. ބަލައިބެލުމަށް އޭނާޔަކީ ނުހަނު ބަސްއަހާ، މަޑުމައިތިރި ދަރިވަރެއްކަމަށް ފެނުނަސް، އޭނާޔަކީ މުދައްރިސުން ރުޅިއަރުވާން ފޫގަޅައިފައި އިންނަ މީހެކެވެ. އިނގިރޭސިބަހުގެ މުޙާވަރާއެއް ކަމުގައިވާ، ‘barking up the wrong tree’ ގެ މާނަޔަކީ ކޮބައިތޯ އެއްދުވަހަކު އަހަރެން އޭނާގާތު އެހީމެވެ. ޖަވާބުދޭން އޭނާ އިޚްތިޔާރުކުރީ ކުއްތާއެއް އުޅޭ ގޮތަށް އުޅެ، ވައްވައްޖަހައި ހަދައިގެން ކުލާހުގައި ދެން ތިބި މީހުން ހީނހީނ ހަލާކުވާވަރު ވޭތޯ ބެލުމެވެ. އެކަމާ އަހަރެން ރުޅިއައިސްގެން ހަލާކުވާވަރު ވިއެވެ!

މި ދެ ތަރުޖަމާއިން ކުރެ ރަނގަޅު ގޮތެއް އިޚްތިޔާރުކުރައްވާނީ ތިޔަ ބޭފުޅުންނެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއް ބަހެއްގެ އަހުލުވެރީން އެބަޔެއްގެ ތާރީޚާއި، ޘަޤާފަތާއި، އާދަކާދަޔާއި، މާޙައުލާއި، އެ ބަޔަކު ދުނިޔެ ދެކޭ ގޮތާއި، މި ހުރިހައި ކަމެއް އެއްކޮށްލައިގެން ބުނެ އުޅޭ ހަމަ ކޮންމެ އެއްޗެއް ދެވަނަ އެހެން ބަހެއްގެ އަހުލުވެރީންނަށް ދޭހަކޮށްދެވޭތޯ އުޅޭ ހަމަ ކޮންމެ މީހަކުމެ، މި ދެންނެވި ދެވަނަ ބަހުގެ ތާރީޚާއި، ޘަޤާފަތާއި، އާދަކާދަޔާއި، މާޙައުލާއި، އެ ބަޔަކު ދުނިޔެ ދެކޭ ގޮތާ މެދު ވެސް ވިސްނާންވާނެއެވެ. ފުންކޮށް ވިސްނާންވާނެއެވެ. އަދި މި ދެންނެވި ދެވަނަ ބަހުގެ އަހުލުވެރީންގެ މައްޗަށް ބޭރު ބަހެއްގެ މި ދެންނެވި ބަހާތައް މަޖުބޫރުކޮށްގެން ހަމަ އެއްގޮތަކަށް ވެސް ނުވާނެއެވެ. އިޙްތިރާމަކީ އެއީ ނޫންތޯއެވެ؟ ފަންނީ ކުޅަދާނަކަމަކީ ވެސް ޙަޤީޤަތުގައި އެއީ ނޫންތޯއެވެ؟

އަޅުގަނޑު މި ދެންނެވި ވާހަކައިގައި ބުރަދަނެއް އެބަހުރިތޯ ނުވަތަ ނޫންތޯ ވަޒަންކޮށްލައްވާން ބޭނުންފުޅުވާނޭ ބޭފުޅުންނަށް އިނގިރޭސިބަހުން ދަންނަވާ ނަމަ "މޭޒުތައް އަނބުރައިލައިފައި"، ފުށަތު މިސާލެއް އަރުވާނަމެވެ! ތިރީގައި މި އޮތް މިސާލު ޢިބާރާތް އިނގިރޭސިބަހުން ފަސޭހަކަމާއި ފަޞާޙަތްތެރިކަމާއެކު ވިދާޅުވެވޭތޯ އަޅެ ބައްލަވައިލައިދެއްވާށޭ ދަންނަވަމުންނެވެ:-

މިސާލު ޢިބާރާތް:

ފަތިހުގެ ހާލުގެ އަޑު ކެނޑި، އައު ދުވަހެއްގެ ފެށުމަށް އުޑުމަތި އިރަށްދޮންކުރަމުން އައި އިރު، ކުޑަފުށީ ފަގީރުސޮރު އިނީ އޭނާ އެ ރަށެއްގައި ދިރިއުޅޭ ފުށި ރަށްގަނޑުގެ ދެކުނު ފަރާތު އަތިރިމަތީ އަކިރިގަނޑު މަތީން ހޮވި، ވަނދު ގަބުޅިޔަކަށް ވުރެ ހަމަ ކުޑަ ތަންކޮޅެއް ހަރު ކާއްޓެއް ހެހެގެން، އެ ބިނދެގެން، އުކުރައިގެން ކާށެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ދުރުން ފެންނާން އެ ހުރި ދަތުރުއޮޑީގެ ރިޔަލަކަށް ނޫނެވެ. ގާތުން ދުރަށް ފެތުރިފައި އޮތް މޫދާއި، ވިލާއި، ކަނޑުގެ ތަފާތު ކުލަތަކުން ފެވިފައިވާ ސާލަކަށް ވެސް ނޫނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ވަކި މިވެނި ތާކަށޭ ދެންނެވޭކަށް ނެތްތާއޭ، އޭނާގެ ޚިޔާލާއި ވިސްނުން އެއިރު ހުއްޓިފައި ހުރީ އޭނާޔާއި އޭނާގެ މައިމީހާ އެ ދުވަސްވަރު އެގެޔެއްގައި ދިރިއުޅެމުން ދިޔަ ގޭގެ ދެކުނުފަރާތުގައި ހޭބޯނާރައި މަސައްކަތްކުރާން އެ ވަގުތު އުޅެނޭ، ނޫނީ އެ ގޭ ބަދިގޭގައި ގުލާނުކުރާން އުޅޭނޭ އޭނާގެ މައިމީހާޔަށޭ، އަދި ރަށު ކަތީބުގެ ހެވަތުން ނޫނީ އެ ދެމައިންނަށް އެ ދުވަހު ނުލިބޭނޭ ޙިމާޔަތުގެ ޙަޤީޤަތާ ދިމާޔަށް ވެސް ވިއްޔާއޭ!

ދެން މި ވަރަށް ދަންނަވައިފައި، މި ޢިބާރާތުގައި މި ދެންނެވި އެއްޗެއް އިނގިރޭސިބަހަށް އަނބުރައިލުން އެހެން ބަޔަކާ މަތިކޮށްފައި، އަޅުގަނޑުގެ ވާހަކަ މި ހިސާބަށް ކުރުކޮށްލާންކަމަށެވެ!