Support Us

ޕްރިންސިޕަލުންނާ ބެހޭ އުސޫލު ޤާނޫނު އަސާސީގެ ރޫޙާ ޚިލާފު، މައްސަލަ މަޖިލީހަށް ވަައްދައިފި

މި އުޞޫލުގެ ސަބަބުން ޤާބިލު ޕްރިންސިޕަލުން ތަޢުލީމީ ދާއިރާ ދޫކޮށްލަފާނެކަމުގެ ބިރުވެރިކަން އުފެދޭނެ: އާދަމް ޝަރީފު

ޕްރިންސިޕަލުންނާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ގަވައިދަކީ ޕްރިންސިޕަލުންގެ ޙައްޤުތަކާއި ވަޒީފާގެ ރައްކާތެރިކަން ގެއްލޭނެ، އަދި އެއްވެސް ޤާނޫނަކަށް ރިޢާޔަތް ކުރުމެއް ނެތި ތައްޔާރުކޮށްފައިވާ، ޤާނޫނު އަސާސީގެ ރޫޙާ ޚިލާފު އަދި ސިވިލް ސާރވިސް ޤާނޫނާއި ވަޒީފާޔާ ބެހޭ ޤާނޫނާވެސް ފުށުއަރާ އުޞޫލެއް ކަމަށް ވިދާޅުވެ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއަކުން، އެ މައްސަލަ މަޖިލީހަށް މިއަދު ވެއްދެވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޓީޗަރުކަމާއި ހެޑްމާސްޓަރުކަމާއި ޕްރިންސިޕަލްކަމުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި، އާދަމް އާދަމް ޝަރީފުގެ ސިޓީގައި ވިދާޅުވެފައި ވަނީ މަޖުބޫރުން އެއްވެސް މީހަކު ލައްވައި މަސައްކަތް ކޮށްގެން ނުވާނެކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި އުފައްދާ "ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލް ކަނޑައަޅާ ކޮމިޓީ" އިން ޕްރިންސިޕަލުން މަސައްކަތް ކުރާ ސްކޫލް ކަނޑައަޅާ ގޮތަށް އޮތުމަކީ ޤާނޫނު އަސާސީގެ 25 ވަނަ މާއްދާގެ ރޫޙާ ޚިލާފު ކަމެއް ކަމަށެެވެ. އަދި ޤާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށް ބުނެފައިވާ ބުނުމާއި ތަޢާރުޟުވާ ކަމެއް ކަމަށެވެ.


"ވަޒީފާއާ ބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގެ 7 ވަނަ ނަމްބަރުގައި ވަޒީފާ އަދާކުރަންޖެހޭ ތަން، ވަޒީފާ ބަޔާނުގައި އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު އަދި ސިވިލް ސަރވިސްގެ މުވައްޒަފުން ހޯދުމަށް ކުރާ އިޢުލާނުގައި އޭނާ ވަޒީފާ އަދާކުރަންޖެހޭތަން ބަޔާންކުރަންޖެހޭއިރު، އަލަށް އެކުލަވައިލި އުޞޫލުގައި ވާގޮތުން، ޕްރިންސިޕަލުން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ތަނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އައްޔަންކުރާ ކޮމިޓީއަކުން ކަނޑައަޅާ ސްކޫލެއްގައި ކަމަށް ހަމަޖެއްސުމަކީ ވަޒީފާއާ ބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ތަޢާރުޟުވާ ކަމެކެވެ. މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ކޮމިޓީން ބުނާ ތަނެއްގައި މަސައްކަތް ކުރަންޖެހުމަކީ ވަޒީފާއާބެހޭ ޤާނޫނާ ތަޢާރަޒުވާ ކަމެކެވެ."

އާދަމް ޝަރީފު ވިދާޅުވެފައިވާ ގޮތުގައި "ސިވިލް ސަރވިސް ކޮމިޝަނަކީ މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގައި މަސައްކަތް ކުރަންޖެހޭނެ ދައުލަތުގެ މުއައްސަސާއަކަށް ވާއިރު، މިހާރު ޢަމަލުކުރަން ފަށާފައިވާ އުޞޫލުގައި ބަޔާންކުރާ ގޮތުން، ކޮމިޓީ އެކުލަވާލަނީ މިނިސްޓަރުގެ އިރުޝާދުގެ ދަށުން ކަމަށް ބަޔާންކޮށްފައިވާތީ، ސިވިލް ސަރިވިސްގެ މުވައްޒަފުންގެ މައްޗަށް ނުހައްގުން ނުފޫޒު ފޯރުވުމުގެ ފުރުޞަތު ބޮޑުވާނެކަން" ވަނީ ފާހަގަ ކުރައްވައިފައެވެ.

"ސިވިލް ސާރވިސްގެ ޤާނޫނުގައި ނުވަތަ ސިވިލް ސާރވިސްގެ ގަވާއިދުގައި ބަޔާން ކުރެވިފައިނުވާ ހަމަތަކެއްގެ މައްޗަށް ބިނާކޮށް ސިޔާސީ އުޞޫލެއް ތަންފީޒުކުރާނަމަ އެވާނީ ޣައިރު ދުސްތޫރީ ނުވަތަ ޣައިރުޤާނޫނީ އަދި ޢަދުލުވެރިކަމާއި ހަމަހަމަކަން ގެއްލިފައިވާ ފިޔަވަޅަކަށެވެ. އެހެނީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގައި ކޮންމެ މީހެއްގެ މައްޗަށްވެސް އިދާރީ ފިޔަވަޅެއް އަޅާންވާނީ ޢަދުލުވެރި ގޮތުގައިކަން ބަޔާންކުރާއިރު، މިކަމުގައި ޢަދުލުވެރިކަމެއް އޮތްކަމަކަށް ނުފެނެއެވެ. އަދި ޕްރިންސިޕަލުންގެ މައްޗަށް ވަކިހަމަތަކެއް ގެންގުޅުމަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަމުގެ ޙައްޤުން އެމީހުން މަޙްރޫމް ވެގެންދާ ކަމެއްވެސްމެއެވެ."

މީގެ އިތުރުން "ދިވެހި ޕްރިންސިޕަލުންގެ މައްޗަށް ތަންފީޒްކުރާ މި އުޞޫލުގެ ސަބަބުން ޤާބިލު އަދި ތަޖުރިބާ ލިބިފައިވާ ޕްރިންސިޕަލުން ތަޢުލީމީ ދާއިރާ ދޫކޮށްލަފާނެކަމުގެ ބިރުވެރިކަން އުފެދި، ސްކޫލްތަކަށް ޤާބިލު ޕްރިންސިޕަލުން ލިބުން ދަތިވެ، ސްކޫލްތަކުގެ ހިންގުން ހީނަރުވެ، ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރާނެ" ކަަމަށާއި މި އުޞޫލަށް ޢަމަލުކުރަން ފެށުމާއެކު "ޤާބިލު ޕްރިންސިޕަލުންނަށް ވަޒީފާގެ ރައްކާތެރިކަން މިވަނީ ގެއްލިފައި" ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވެފައިވެއެވެ.

"ވީމާ، އިސްވެ ބަޔާން ކުރެވުނު ސަބަބުތަކަށްޓަކައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިހާރު އަމަލުކުރަން ފަށާފައިވާ "ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުޞޫލު"ގައި ހުރި ކަމަށް ފާހަގަކުރެވޭ ޤާނޫނީ، އިޖުރާޢީ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބެއްލެވޭނެ ގޮތެއް ހައްދަވައިދެއްވުން އެދި ދެންނެވީމެވެ." އާދަމް ޝަރީފު ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *