ހަޔާތުގައި މުހިއްމު ކަމަކީ ކޮބައިކަން ދެނެގަންނަން ތިން ތަނަކަށް ދާން ޖެހެއެވެ.
އެންމެ ފުރަތަމަ ހޮސްޕިޓަލަށެވެ. އެ ތަނަށް ދިޔުމުން، ސިއްހަތުގެ މުހިއްމުކަން އެނގެއެވެ. އެކަމުގެ މުހިއްމުކަން ވިސްނި، ގަބޫލުކުރެވިއްޖެ ނަމަ، ދުނިޔޭގައި އުޅޭ މަދު ދުވަސްކޮޅުގެ ތެރޭގައި ސިއްހަތަށް ރަނގަޅަށް ބަލައިގެން އުޅެން އެނގި ދަސްވެއެވެ.
ދެވަނައަށް ޒިޔާރަތްކޮށްލަން ޖެހެނީ ޖަލަށެވެ. ޖަލަށް ޒިޔާރަތް ކޮށްލުމުން މިނިވަންކަމުގެ މުހިއްމުކަން އެނގޭ ގޮތް ވެއެވެ. މިނިވަންކަމުގެ މުހިއްމުކަން އެނގިއްޖެ ނަމަ، އަޚުލާގީ އަދި ގާނޫނީ އިމުތަކުގެ ތެރޭގައި އުޅެން ދަސްވެއެވެ. މިނިވަންކަން ރައްކާތެރިކުރުމަށްޓަކައެވެ.
ދެން، ޒިޔާރަތްކޮށްލަން ޖެހެނީ ގަބުރުސްތާނަށެވެ. ގަބުރުސްތާނަށް ދިޔުމުން އެނގެނީ ހަޔާތުގެ އެންމެ ފަހު މަރުހަލާއަކީ ގަބުރުސްތާނުކަމެވެ. މިއަދު އެ ތަޅުންގަނޑެއްގެ މަތީގައި ހިނގާ ތަނަކީ މާދަމާ އަހަރުމެންގެ ފުރާޅުކަމުގައި ވާނޭ ކަމެވެ. އެކަން އެނގި ގަބޫލުކުރެވިއްޖެ ނަމަ، ދުނިޔެއާ މެދު ތަޅާފޮޅުން ދޫކޮށްލެވެއެވެ. މީގެ މާނައަކީ ދުނިޔެއަށްޓަކައި ވެސް މަސައްކަތް ނުކުރުމެއް ނޫނެވެ. ނަމަވެސް، އާޚިރަތަށްޓަކައި ވެސް މަސައްކަތްކުރަން ޖެހޭނޭ ކަމެވެ.
މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ ދުނިޔޭގެ އެއްވެސް ކަމެއް އެ އޮންނަ ގޮތުގައި ނޯންނާނޭކަމެވެ. ޒުވާންކަން ގެއްލި މުސްކުޅިވެ ގައިގެ ބާރު ދެރަވެ ބަލިވެއެވެ. ވަގުތީ އަރާމަކަށްޓަކައި ނޫނީ ފައިދާއަކަށްޓަކައި އަޚުލާގީ އަދި ގާނޫނީ އިމުން ބޭރުގައި ފައި އަޅައިފި ނަމަ، އޭގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނޭ ކަމެވެ. ދުނިޔަވީ އަދުލުގެ ކޯޓުގައި ނޫނީ އުޚުރަވީ އަދުލުގެ ކޯޓުގައެވެ. އެހެންވެ، ދުނިޔޭގެ ދުވަސްތައް ފާއިތުވަމުން އަދި އެއާއެކު އުމުރުގެ ދުވަސްތައް ގުނެމުން، ދުނިޔަވީ ބިމަކީ މާދަމާގެ ފުރާޅަކަށް ވުމުގެ ދުވަސް އައުމުގެ ކުރިން އެކަމަށް ތައްޔާރުވާން ޖެހެއެވެ.
