Support Us

މޯލްޑިވިއަން ސީޕްލޭން ޖެނުއަރީގައި ވެލިދުއަށް އުދުހެން ފަށަނީ

މޯލްޑިވިއަން ސީޕްލޭންގެ ދަތުރުތައް އަންނަ ޖެނުއަރީގައި ނ. ވެލިދުއަށް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނީ ޖެނުއަރީ 23 ގައި ސީޕްލޭންގެ ދަތުރުތައް ވެލިދުއަށް ފަށަން ނިންމީ "ދިވެހިރާއްޖޭގެ ރަށްތަކުގެ ގުޅުން އިތުރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް އެހީތެރިވެ، ސަރަހައްދީ ތަރައްގީއަށް އެހީތެރިވުމުގެ މަގުސަދުގައި" ކަމަށެވެ. މި އާ ދަތުރުތަކުގެ ސަބަބުން ރައްޔިތުންގެ ދަތުރުފަތުރުތަކަށް ލުއިފަސޭހަކަން ލިބުމުގެ އިތުރުން ނ. އަތޮޅުގެ ފަތުރުވެރިކަންވެސް ހަރުދަނާވެގެންދާނޭ ކަމަށް މޯލްޑިވިއަނުން ލަފާކުރެއެވެ.

މި ދަތުރުތައް ފެށުމުން ވެލިދއަށް ހަފުތާއަކު ދެ ދަތުރު ކުރާނެއެވެ. އެއީ ބުދަ ދުވަހާއި ހުކުރު ދުވަހެވެ. މި ދަތުރުތައް ތައާރަފުކުރުމުގެ ގޮތުން، މޯލްޑިވިއަނުން ވަނީ ދިވެހިންނަށް ހާއްސަކޮށް ކޮޅަކަށް 999ރ. އަށް ދަތުރުކުރެވޭ ގޮތަށް އަގު ހަމަޖައްސައިފައެވެ.

"މި ދަތުރުތައް ފެށުމުން ދިވެހިންނަށް ނ. އަތޮޅުގެ ރީތިކަން ތަޖުރިބާކުރެވި، ދަތުރުފަތުރަށް ފަސޭހަތައް ލިބުމުގެ އިތުރުން އެ އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމަށް އެހީތެރިވެ، ކުދި ވިޔަފާރިތަކަށް ފުރުސަތުތައް ހުޅުވި، އަތޮޅުތެރޭގެ އިގްތިސާދީ ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ." މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަން ސީޕްލޭންގެ ނެޓްވޯކަށް ވެލިދޫ އިތުރުކުރުމުގެ ކުރިން ބ. ކަމަދޫއާއި ފުޅަދޫ ވަނީ ހިމަނައިފައެވެ.