ލ. ގަން އިންޖީނުގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު ރަށުގެ ބޮޑު ބަޔަކަށް މިރޭ ކަރަންޓު ދެވޭނެ ކަމަށް ފެނަކަ އިން ބުނެފިއެވެ.
ތިރީގައި މިވަނީ މި ކަމާ ގުޅިގެން ފެނަކައިން މިރޭ ނެރުނު ބަޔާނެވެ.
"ލ. ގަމުގައި ފެނަކަ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި ރަށުން ކަރަންޓް ކެނޑިފައިވާ މި ދަނޑިވަޅުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ކަރަންޓް ދިނުމަށްކަމުގައި ދަންނަވަމެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން މިރޭގެ ވަގުތެއްގައި ރަށުގެ ބޮޑުބަޔަކަށް ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވެއެވެ.
"މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައެވެ. އެނެކްސް ދެއަކަށް އަލިފާނުގެ އަސަރުކޮށްފައިނުވާ ކަމުގައި ދަންނަވަމެވެ.
"މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން (ވިޝުއަލް އިންސްޕެކްޝަން) އިން ފާހަގަވެފައިވާ ގޮތުން، ގެއްލުން ވެފައިވަނީ އެ ރަށަށް ކަރަންޓް ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަކަށެވެ. މި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމުގައި ދަންނަވަމެވެ.
"މިހާރު އެރަށަށް ފެނުގެ ޚިދުމަށް ދޭން ފަށައިފައިވާ ކަމުގައި ދަންނަވަމެވެ. ނަރުދަމާ ނިޒާމުގެ މަސައްކަތަށް ޚާއްސަ ޓީމް ތަކުން އަންނަނީ އެރަށުގެ ނަރުދަނާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުން ކަމުގައި ވެސް ދަންނަވަމެވެ.
"އަދި މި ހާދިސާގެ ސަބަބުން ލ. ގަމުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެމެވެ. އަދި މިފަދަ ދަނޑިވަޅުގައި ރައްޔިތުންގެ ދެއްވާ އެހީތެރިކަމާއި އެއްބާލުމަށް ޝުކުރު ދަންނަވަމެވެ."



advertisment

