Support Us

ކޮލަމް ސީދާ ވިސްނުން

ދިވެހިންގެ ކަރުބުޑުގައި ވާވަރަށް ހިތިރަހަ ލައިފިއެވެ.

މީ މަގޭވެސް ޤައުމެވެ. ޤައުމުގެ ކަންކަމާމެދު ވިސްނާ ފިކުރުކުރުމަކީ މަވެސް ކުރަންޖެހޭ ކަމެކެވެ. އެހެނަސް ވިސްނާ ވަރަކަށް ހިތަށް އުނދަގޫވެއެވެ. ޤައުމުގެ ހާލަތާމެދު ކަންބޮޑުވެއެވެ. ރައްޔިތުން ބިކަވުމާއި ފަޤީރު ކަމަކަށް ބަދަލެއް ނާންނާތީއެވެ. އިޖުތިމާއީ ފޭރާން ވީދި ހުސްވާތީއެވެ. މައްސަލަތައް ބޮޑުވެފައި ގިނަކަމުން ފަށާނެ ކޮޅެއްވެސް ނޭނގެއެވެ.

މާލޭގެ ހާލަތަށް އެކަނި ބަލާލަމާ ހެއްޔެވެ؟ ތަނުގެ ސައިޒަށް ނުތަކާ ވަރަށް މިއޮތީ މީހުން ޖަމާވެފައެވެ. ބޯހިޔާވަހިކަމާއި ގޯތި ގެދޮރުގެ ދަތިކަމުގެ ވާހަކައަކީ އެ ވާހަކައެއް ދައްކާ ހުސްނުވި ވާހަކައެކެވެ. ސަރުކާރުތައް އައިސް ދަނީއެވެ. "ފޮނި ފޮނި" ސިޔާސަތުތަކާއި ވައުދުތައްވެސް އަޑު އިވިއްޖެއެވެ. އެހެނަސް ރައްޔިތުންގެ ހާލަތަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ކޮންމެ ސަރުކާރަކުންވެސް ތަރައްޤީގެ ނަމުގައި ކޮންކްރީޓް އިމާރާތްތަކެއް ނަހަދާ ވާހަކައެއް ނޫނެވެ. މޮޅު ނަމެއް ކިޔައިފައި ޕްރޮގްރާމެއް ތައާރަފް ނުކުރާ ވާހަކައެއްވެސް ނޫނެވެ. މި ހުރިހާ ކަމެއް ހުރި އިރުވެސް ރައްޔިތުންގެ އަސާސީ ކަންކަން ކޮބައިހެއްޔެވެ؟ ދެތިން ދައުރުގެ ވެރިކަން ނިމިދާއިރުވެސް މިކަން ނުވެގެން މި އުޅެނީ ކޮންކަމެއް މަދުވެގެން ހެއްޔެވެ؟ މަދީ ޤާނޫނު ހެއްޔެވެ؟ ދައުލަތުގެ ފައިސާ ހެއްޔެވެ؟ ނޫނީ ސީދާ ހިތަކާއެކު ރައްޔިތުންނަށް ޚިދުމަތްކުރާނެ ވެރިންތަކެއް ހެއްޔެވެ؟

ރައްޔިތުން މޫދަށް އެރެންދާ ބީޗު ސަރަހައްދު ސާފުކުރަނީ: އިޖުތިމާއީ ގުޅުމަކީ ވަރަށް މުހިންމު ކަމެއް. -އަދިވެސް ފޮޓޯ

ފެހި ޤާނޫނު އަސާސީއަށް ބަލައިލާއިރު ރައްޔިތުން ބާރުވެރިއެވެ. ވެރިކަމުގެ ބާރުވެސް ފެށިގެން އަންނަނީ ރައްޔިތުންނާ ހަމައިންނެވެ. ރައްޔިތުންގެ އަސާސީ ކަންކަން ކޮށްދެން ޖެހޭކަން ވަރަށް ސާފެވެ. ސަރުކާރުގެ ހެޔޮފުޅުކަމަކުން ނޫނެވެ. އެހެނަސް އެކަންކަން ތަންފީޒުވަނީ ކިހާވަރަކަށް ބާއެވެ؟ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަކީ ކޮންމެ މީހަކު ރައީސް ކަމުގައި ހުއްޓަސް ކޮށްދޭންޖެހޭ ކަންކަމެވެ. ނަމަވެސް ދިރިއުޅުމުގެ ހާލަތަށް ބަލާލާއިރު ރައްޔިތުން ހަމަ ގަޑަތެޅެނީއެވެ. ޒަމާންވީ އެތައް މައްސަލަތަކަކަށް އަދިވެސް ހައްލެއް ނުލިބެއެވެ. މާލެ އާއި އަތޮޅުތެރޭގެ ފަރަޤު ކުޑައެއް ނުކުރެވުނެވެ. ސިއްހީ އެކަށީގެންވާ ޚިދުމަތެއް ހޯދަންވެއްޖެނަމަ ގައިގައި އޮތް ހެދުން ވިއްކާލައިފަ ވެސް އަންނަން ޖެހެނީ މާލެއަށެވެ. ބައްޔަށް ފަރުވާ ހޯދަން ދާ ޚަރަދަށްވުރެ ބޮޑު ޚަރަދު ކުރަންޖެހެނީ މާލޭގެ ފަސްގަނޑުގައި ފައިޖައްސާލައިގެން ތިބުމަށެވެ.

ސާފު ބޯފެން ލިބެން ނެތް ރަށްތައް އަދުވެސް މި ރާއްޖޭގައި އެބަހުއްޓެވެ. ނަރުދަމާ ނިޒާމު ނެތް ރަށްތައް އެބަހުއްޓެވެ. އަހަރެންނަށް ވެސް ރާއްޖޭގެ ގިނަ ރަށްރަށަށް ދަތުރު ކުރެވިއްޖެއެވެ. ބައެއް ރަށްރަށުގައި ފެންވަރަން ބޭނުން ކުރާ ފެނުގައި ދުވާ ވަހާއި އަނގަޔަށް ލުމުން ލާ ރަހަ މިއީވެސް މި ޤައުމުގައި ބަޔަކު އުޅޭ ހާލުކަން އިހުސާސް ކުރެވުނެވެ. ތަރައްޤީވެފައިވާ ކަމަށް ބުނާ މާލޭގައި މީހުން އުޅޭ ހާލު ވަކި ދެރައެއް ނޫނެވެ. މުސާރައަށް ލިބޭ ހުރިހާ ފައިސާއެއް ކުއްޔަށް ދީފައި ދެން އެހެން ހުރިހާ ކަމެއްގައި ގަޑަތެޅޭ އާއިލާތައް މަދެއްނޫނެވެ. ދިރިއުޅުމުގެ ހާލަތަކަށް ބަދަލެއް ނައެވެ. ކުލިތަކެއް ކުޑައެއް ނުވިއެވެ. ދިރިއުޅުމުގެ ޚަރަދުތައް އެއްދުވަހުން އަނެއް ދުވަހަށް ދަނީ މައްޗަށެވެ. ރައްޔިތުން އިނދަޖެހިފައި ތިބޭ ތިބުމަކަށް ބަދަލެއްނައެވެ.

ކޮންމެ ވެރިކަމެއް ގެންނަނީ ވެސް އުންމީދުތަކަކާ އެކުއެވެ. އިންތިހާބާ ގުޅިގެން މުޅިންވެސް އިވޭނީ ޒަމާންވީ މި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ވާހަކައާއި ވައުދުތަކުގެ ވާހަކައެވެ. ފަސް އަހަރުގެ މުއްދަތުގެ ތެރޭ މިކަންކަން ކޮށްދެވޭނެ ގޮތާއި ފައިސާ ހޯދައި ޚަރަދުކުރާނެ ގޮތުގެ ތަފުސީލުތައް ކިޔާއިރު ހަމަ ދެންމެދެންމެ މިކަން ވީއްޔޭ ހީވާ ކަހަލަ އެވެ. އެހެނަސް ވެރިކަމަށް އައިސް ދެން އިވެނީ މުޅިން އެހެން ވާހަކައެކެވެ. ފައިސާ މަދުވެދާނެއެވެ. ޤާނޫނެއް މަދުވެދާނެއެވެ. ނުވަތަ އެޒާތު ކޮންމެވެސް ކަމެއް ވެދާނެއެވެ. މިކަން ކުރަން މިހާ އުނދަގޫވެގެން މި އުޅެނީ ކީއްވެބާއެވެ؟ ފަރުބަދައެއް ކެނޑުންހާ އުނދަގޫކަމަކީ ބާއެވެ؟ ރައްޔިތުންގެ ހާލަތަށް ބަދަލެއް އަންނާނެ ގޮތެއް ހަމަ ނުވިއެވެ. ރައްޔިތުން ބިކަވުމަކަށް ނިމުމެއް ނައެވެ. އަސާސީ ހައްޤުތައް ފުއްދައިނުދެވުނަސް އެންމެ ރަނގަޅުތާއެވެ. އެކަންކަން ކުޑަކޮށް ހަވާސާކޮށްފައި މިލިއަން ޑޮލަރުގެ އެކި މެގަ ޕްރޮޖެކްޓްތައް ސަރުކާރުން ހިންގާ ވާހަކަތައް އަޑުއިވޭތާއެވެ.

ރައްޔިތުން މޫދަށް އެރެންދާ ބީޗު ސަރަހައްދުގައި ޒުވާނުންތަކެއް މަޑުކޮށްލައިގެން: އިޖުތިމާއީ ގުޅުމަކީ ވަރަށް މުހިންމު ކަމެއް. -އަދިވެސް ފޮޓޯ

ޤައުމަށް ވަންނަ ފައިސާތައް އަބަދުވެސް ބެހިގެން ދަނީ މަދު ބައެއްގެ ޖީބަށެވެ. ރައްޔިތުން ތިބީ މި މުއްސަނދިކަން ހުރިހާ ދިވެހިންނަށް ބެހިގެންދާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެފަދަ ވެރިކަމެއް ކޮށްދޭނެ ދައުރެއްގެ އިންތިޒާރުގައެވެ. މި އިންތިޒާރަށް ދުވަހަކުވެސް ނިމުން އައިސްދާނެބާއެވެ؟ ރައްޔިތުންނަށް ހައްޤުވާ މިންވަރު އޮންނާނީ ހަމައެކަނި ލިޔެވިފައިވާ އެއްޗެއްގެ ގޮތުގައިބާއެވެ؟

ބަދަލު ނާންނަނީ އަދައިގެ ރައްޔިތުންގެ ދިރިއުޅުމަށެވެ. އެހެނަސް އެކި ދައުރު ތަކުގައި މުހިންމު މަޤާމުތައް ފުރައި، މަޤާމުން ދުރުވާއިރު ދުވަހަކު އާމްދަނީ ހޯދަން މަސައްކަތެއް ކޮށްލަން ނުޖެހޭ ވަރަށް ބައެއް މީހުންގެ ހާލަތު ބަދަލުވެއެވެ. ވާނުވާ ނޭނގި ބޮޑެތި މަހުޖަނުންނަށް ބަދަލުވެއެވެ. މި ވާގޮތެއް ހޯދޭނެ ގޮތެއްވެސް ނޯވެއެވެ. އެމީހުން ޖަވާބުދާރީ ކުރުވޭކަށްވެސް ހަމަ ނޯވެއެވެ. މޭޒުދަށުން ފައިބައިގެންދާ މިލިއަން މިލިޔަންގެ އަޑުތައް އިވެއެވެ. ކޮރަޕްޝަނޭ، ވައްކަމޭ ކިޔައެވެ. އަޑު އަރާ ބާރުމިނުގައި އެ އަޑު ޖައްވަށް، ފަޒާއަށް އަރައިގެން ދެއެވެ.

މިވާ ގޮތެއް އެބަ އެނގޭ ހެއްޔެވެ؟ ސިސްޓަމްތައް ނެތީހެއްޔެވެ؟ ޤާނޫނުތައް މަދީ ހެއްޔެވެ؟ ސަރުކާރަށް ލިބިފައިވާ އާރާއި ބާރު ކުޑައީހެއްޔެވެ؟ މުއައްސަސާތައް މަދީ ހެއްޔެވެ؟ ރައްޔިތުން ތިބީ ތިބި ހާލުގައެވެ. ރަނގަޅަށް ބުނާ ކަމަށް ވަންޏާ ދިރިއުޅުމުގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ދަށަށެވެ. މިއީ ރައްޔިތުންނަށް ހައްޤުވާ މިންވަރެއް ނޫނެވެ. މި ނޫން ހާލެއްގައި ދިވެހިން އުޅެންޖެހެއެވެ. މި ނޫން ދުވަހެއް ފެންނަން ޖެހެއެވެ. ރައްޔިތުންނަށް އިޚްލާސްތެރި ވެރިން އުފެދެން ޖެހެއެވެ. ދިވެހިންގެ ކަރުބުޑުގައިވާ ވަރަށް ހިތި ރަހަ ލައިފިއެވެ. "އާދެ މަސާހިބު" ކިޔާ ކިއުން ޖީލުތަކަށް ދެމިގެން ހިނގައްޖެއެވެ. މާމަމެން އުޅުނީ 100 ރުފިޔާ އަށް ކައިބޮއެ ހަދައިގެންނެވެ. މަންމަމެން އުޅުނީ 1000 ރުފިޔާ އަށް ކުލި ދައްކައި ކައިބޮއެ ހަދައިގެންނެވެ. އަހަރެން މިއަދު މި އުޅެނީ 20،000 ރުފިޔާ އިން ހަމައެކަނި ކުލި ވެސް ޗަލުވާ ނުލެވިގެންނެވެ. އަދި އަހަރެންގެ ދަރިން އުޅެންޖެހޭނެ ހާލަތެއް ނުވެސް އެނގެއެވެ.

ވަކި ވެރިކަމެއް ރަނގަޅުކޮށްފައި ވަކި ވެރިކަމެއް ދިފާއުކުރާކަށް ނޫނެވެ. ރައްޔިތުންނަށް ނަތީޖާ ނެރެދޭން އެބަޖެހެއެވެ. ދިރިއުޅުމަށް ބަދަލު އަންނަން ޖެހެއެވެ. ޤައުމު ޤައުމެއް ގޮތުގައި ކުރިއަރާނީ އޭރުންނެވެ. އިޖުތިމާއީ ފޭރާން ވަރުގަދަ ކުރެވޭނީ ފަޤީރުކަން ކުޑަ ކުރެވިގެންނެވެ. ރައްޔިތުން ބިކަވެފައި ތިބޭތާ މާގިނަ ދުވަސް ވެއްޖެއެވެ. ނިމުން އަންނަންޖެހޭ ކަމަކީ މިއީއެވެ.