Support Us

ހުޅުމާލޭ އިންޖީނުގޭގައި އަލިފާނުގެ ހަދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަނީ: ސްޓެލްކޯ

ހުޅުމާލޭ އިންޖީނުގޭގައި އަލިފާނުގެ ހަދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯގެ ބަޔާނެއްގައި ބުނީ ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި އެ ކުންފުނީގެ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

"މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ވަނީ ފޯރުކޮށްދެވިފައެވެ.

"އަނިޔާ ލިބުނު މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފާރުވާދިނުމަށްފަހު އިތުރުފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރެވިފަ އެވެ. މި ހާދިސާއާއި ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ ޢާއިލާއާ ގުޅިގެން މި ދަނީ މަސައްކަތް ކުރަމުންނެވެ.

"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މި ކުންފުނިން މިހާރު މި ދަނީ ކުރަމުންނެވެ. އަދި ހަމަ މިއާއިއެކު މި ހާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް މި ކުންފުނިން މި ދަނީ ދެމުންނެވެ.

"މި ނާޒުކު ޙާލަތުގައި، އަނިޔާވި މުވައްޒަފުގެ ޢާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ ޢަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިނުވާ މަޢުލޫމާތު ފެތުރުމުންވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

"އަނިޔާވި މުވައްޒަފުގެ ސިއްޙީ ޙާލަތާ ގުޅޭ މަޢުލުމާތު ލިބެމުންދާވަރަކުން ރަސްމީ އިދާރާތަކުންނާއި މި ކުންފުނީގެ ފަރާތުން ހާމަކުރާނެ ވާހަކަ ދަންނަވަމެވެ. އަދި އަޅުގަނޑުމެންގެ އިހުލާސްތެރި ދުޢާ އަކީ އެ މުވައްޒަފަށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދިނުމެވެ."