Support Us

ކޮލަމް ކޯދު: ހަޔާތެއްގެ ވަށަރޮނގު- ފަގީރުންގެ ޑޮކްޓަރު

މިއަދު އެ ޝަޚުސިއްޔަތެއްގެ ހަޔާތުގެ ވަށަރޮނގު ހުށަހަޅާލަން ގަސްދުކަރާ ޝަޚްސިއްޔަތަކީ މިސުރުގެ ބޭސްވެރި ޑޮކްޓަރެއް ކަމުގައިވާ ޑރ. މުހައްމަދު އަބްދުލް ޣައްފާރު މަޝާލީއެވެ. އޭނަ މަޝްހޫރުވެފައި ވަނީ 'ފަގީރުންގެ ޑޮކްޓަރު' މި ނަމުންނެވެ.

ޑރ. މަޝާލީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މިސުރުގެ އުތުރުގެ ސަރަހައްދެއް ކަމުގައި ބުހައިރާގައި 1944 ވަނަ އަހަރުއެވެ. އޭނަގެ ބައްޕަ މަސައްކަތް ކުރެއްވީ ތައުލީމީ ދާއިރާގައި މުދައްރިސެއްގެ ގޮތުންނެވެ. އަވަހާރަވީ އުމުރުފުޅުން 76 ވަރަކަށް އަހަރުގައި، 2020ގައެވެ.

ޑރ. މަޝާލީ ބޭސްވެރިކަން ކިޔަވާ ވިދާޅުވީ ކައިރޯ ޔުނިވަރސިޓީގެ ބޭސްވެރިކަމުގެ ފެކަލްޓީގައެވެ. އަދި ބޭސްވެރިކަމުގެ ތިން ދާއިރާއަކުން ޚާއްސަވެވަޑައިގަތެވެ. ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރެއްގެ ގޮތުންނާއި އެތެރެހަށީގެ ޑޮކްޓަރެއްގެއް ގޮތުންނާއި ގައިންގަޔަށް އަރާ ބަލިތަކުގެ ޑޮކްޓަރެއްގެ ގޮތުންނެވެ.

ކިޔަވާ ވިދާޅުވުން ނިންމެވުމަށް ފަހު، ޑރ. މަޝާލީ އަމިއްލަ ކުލިނިކެއް ހުޅުއްވިއެވެ. އޭނަގެ ހަޔާތަށް އެންމެ ބޮޑު އަސަރެއް ކުރި ހާދިސާއަކަށްވީ ހަކުރު ބަލީގެ ކުޑަ ކުއްޖަކަށް ބޭސްކުރުމުގެ ހާދިސާއަކާ ވިދިގެންނެވެ. މި ކުއްޖާ އަމިއްލައަށް ގައިގައި ރޯކޮށްލައިގެން މަރުވުމާ ވިދިގެން، ޑރ. މަޝާލީ ނިންމެވީ އެންމެ ދަށް އާމްދަނީ ލިބޭ މީހުންނަށް ސަމާލުކަންދެއްވައިގެން ބޭސްފަރުވާގެ ޚިދުމަތް ދެއްވުމަށެވެ. އޭނަގެ ކުލިނިކުން ޑޮކްޓަރަށް ދެއްކުމުގެ ފީއެއްގެ ގޮތުގައި އެންމެ ފުރަތަ ނެގީ މިސުރުގެ ފަސް ޕައުންޑެވެ. އެއީ ގާތްގަނޑަކަށް ޔޫ.އެސް. ވިއްސަކަން ސެންޓެވެ. ދިވެހި ތިން ހަތަރު ރުފިޔާ ވަރެވެ. ފަހުން، މި އަދަދު މިސުރުގެ 10 ޕައުންޑަށް އުފުލުނެވެ. އާދެ، ދިވެހި ހައެއްކަ ރުފިޔާއެވެ. މި ގޮތަށް ފީ ހަމަޖެހިފައި އޮތް ނަމަވެސް، އެ އަދަދު ވެސް ނުދެއްކޭ ނަމަ އެ މީހެއްގެ ފީ މާފުކޮށްދެއްވިއެވެ. މި ގޮތުގައި 50 އަހަރަށް ވުރެ ގިނަ ދުވަހު ޑރ. މަޝާލީ ބޭސްވެރިކަމުގެ ޚިދުމަތް ދެއްވިއެވެ.

މި ގޮތުގައި ޑރ. މަޝާލީ ޚިދުމަތް ކުރެއްވި އިރު، އެއްފަހަރަކު މުއްސަންޖަކު އޭނައަށް ކާރަކާއި އަދި އެހެނިހެން އަގު ބޮޑު އެއްޗެހި ހަދިޔާ ކުރިއެވެ. ނަމަވެސް، އެ ހުރިހާ އެއްޗެއް ވެސް ވިއްކާލައިފައި، އޭނަގެ ކުލިނިކުގެ ޚިދުމަތްތައް ރަނގަޅު ކުރެއްވުމަށް ފަހު ލިބިވަޑައިގެންނެވި ފައިސާ ޚަރަދުކުރެއްވިއެވެ. އަދި 2020ގައި ޑރ. މަޝާލީ މި ދުނިޔެ ދޫކުރައްވި އިރު، އޭނަ އަތުގައި މާ ގިނަ ހަރުމުދަލެއް ނެތެވެ. ކާރެއް، ގަނޑުވަރެއް ފަދަ ބޮޑު ގެއެއް ކަހަލަ އެއްވެސް އެއްޗެއް ނެތެވެ. ޑރ. މަޝާލީ ވިދާޅުވި ގޮތުގައި މިއިން މުދަލަކުން ލިބޭ އުފަލަކަށް ވުރެ، ޑރ. މަޝާލީ އަރިހަށް ފަރުވާ ލިބިގަންނަން އަންނަ ބަލި މީހަކު ފަސޭހަވުމުން، އެ މީހާގެ ހިނިތުންވުން ޑރ. މަޝާލީއަށް މާ ބޮޑު އުފަލަކާއި ހިތްހަމަޖެހުން ލިއްބައިދެއެވެ.

ޑރ. މަޝާލީ އަވަހާރަވުމުން، އޭނަގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އޭނަގެ އަވަށުގެ މަގަކަށް އޭނަގެ ނަމުން ނަންދެވުނެވެ. މާތްﷲ ޑރ. މުހައްމަދު އަބްދުލް ޣައްފާރު މަޝާލީއަށް ރަހުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށިއެވެ. އާމީން!