ސްޓެލްކޯއިން ހަތް ބުރަކަށް ބަހާލައިގެން ހިންގި "ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން" ޖުމުލަ 116 މީހުން ފުރިހަމަކޮށްފިއެވެ.
ކޯސް ފުރިހަމަކުރި 81 ދަރިވަރަކަށް ސެޓްފިކެޓް ދިނުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މީގެ ތެރެއިން 30 ބައިވެރިއަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އެކަމަނާއެވެ.
އެ ރަސްމީޔާތުގައި މެޑަމް ސާޖިދާ ވިދާޅުވީ ގޭތެރޭގައި މަންމަ ކުރަމުން އަންނަ މަސައްކަތެއްގެ ތެރެއިން ދަރިންގެ ކިބައިގައި އެކަމުގެ އާދައާއި ޝައުޤު އިތުރުވެ، ގުޅުންހުރި ދާއިރާއަކުން ހުނަރުވެރިޔަކަށް ވުމުގެ ފުރުޞަތު ފަހިވެގެންދާ ކަމަށެވެ.
އަންހެނުންނަށް ޚާއްޞަކުރެވިފައިވާ މި ކޯހުގެ މައިގަނޑު މަޤުޞަދަކީ ގޭތެރޭގައި ހައްލުކުރަން ޖެހޭ ކަރަންޓުގެ މައްސަލަތައް ގޭތެރެއިން ހައްލުކުރެވޭނެ މަގުފަހިކޮށްދެއްވުމެވެ. އެކަމަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ އިޖުތިމާޢީ އަދި ރަސްމީ ޚިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބޮޑު، ވަރަށް ބުރަ ޒިންމާތަކެއް އުފުލާބައެއް ކަމަށެވެ. އެހެންކަމުން އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި، މިއީ އަސާސީ ފެންވަރުގެ ކޯހެއް ނަމަވެސް އަންހެނުންނަށް ޢިލްމާއި، ހުނަރާއި ތަމްރީން މިކޯހުން ލިބިވަޑައިގަންނަވާތީ މިއީ ވަރަށްބޮޑު ހެޔޮބަދަލެއްގެ ފެށުމެއްކަމުގައި ވިދާޅުވިއެވެ. ގޭތެރެއިން މަންމަ އަބަދުކުރަމުން އަންނަ މަސައްކަތެއް ގޭތެރެއިން ދިރިގެން އައުމަކީ ވަރަށް ގިނައިން ވާކަމެއް ކަމަށާއި މި ކޯހުގެ ސަބަބުން މުޖުތަމަޢަށާއި އަންހެނުންގެ ހުނަރާއި ކެރުމާއި އުފެއްދުންތެރިކަމަށް ކުރިއެރުންތަކެއް އަންނާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ކޮންމެ ދާއިރާއެއްގެ ޚިދުމަތެއްގައިވެސް އެ ދާއިރާއަކާބެހޭ ގޮތުން ފަށާފެންވަރުގެ މަޢުލޫމާތު ކޮންމެ މީހަކަށް ލިބިފައިވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ގޭތެރޭގައި ކަރަންޓް ބޭނުންކުރުމުގައި ރައްކާތެރިކަމާއި، ޚަރަދުކުޑަކުރާނެގޮތުގެ އިތުރުން އެކަށޭނަ ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މަޢުލޫމާތު މިކޯހުގެ ބައިވެރިންނަށް އުނގަންނައިދެއްވާފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަމާހް ރަޝީދު އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment

